ރިޕޯޓް / ރައީސް މުހައްމަދު ނަޝީދު

މަރުހަބާ ނަޝީދު، އެކަމަކު ފުރުސަތެއް ނެތް؟!

ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ޔާމީން (މ)، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ: އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ދޭން ޖެހޭ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ވަނީ ނިންމާފައި. -- ފޮޓޯ: ރައީސް އޮފީސް

ހަލަބޮލިވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަނެއްކާވެސް މި ބިންދާލީ ކުޑަ ރާޅެއް ނޫނެވެ؛ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމުމަކީ އާދައިގެ ކަމެއް ނޫނެވެ. ރިޔާސީ އިންތިހާބަށް ބާކީ އޮތީ ފަސް މަހެވެ. އެހެންވެ، ޔޫއެންގެ ނިންމުން އިދިކޮޅު އެމްޑީޕީ އަށް ކިތަންމެ އުފާވެރި ނަމަވެސް އެ ރާޅާ އެކު ސަރުކާރު "ގެނބިގެން ހިނގައިދާނެ" ކަމުގެ ބިރު މިއޮތީ ހީވެފަ އެވެ. ނަޝީދަށް މަރުހަބާ ކިޔައި، އިދިކޮޅުން އުފާފާޅުކުރާއިރު، ސަރުކާރަށް އޮތީ ޕްރެޝަރުގަ އެވެ.

ނަޝީދަކީ ޓެރަރިސްޓެއްގެ ގޮތުގައި ސަރުކާރުން ބެލިކަމަށް ވިޔަސް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުމުގައި ބުނެފައި ވަނީ، އެމަނިކުފާނުގެ މަދަނީ އަދި އިޖުތިމާއީ ހައްގުތަކެއް ނިގުޅައިގަނެފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ސިޔާސީ މަގްސަދެއްގައި ބޭއިންސާފުން ކަމަށް ކަނޑައެޅި އެވެ. އެ ޝަރީއަތުގައި، ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފު ގިނަ ކަންތައްތަކެއް ނަޝީދާ ދެކޮޅަށް ހިންގާފައިވާ ކަމަށާއި އެހެންވެ، ނަޝީދުގެ މައްސަލައިގައި އާ ޝަރީއަތެއް ހިންގަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެހެންކަމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ޝައްކެއް ނެތް މިންވަރަށް ދެން ޔަގީން ކުރަންވީ ހެއްޔެވެ؟ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުމާ އެއްގޮތަށް ނަޝީދަށް ފުރުސަތު ލިބޭނެ ހެއްޔެވެ؟

ނިންމުން ސަރުކާރުން ބަލައެއް ނުގަނޭ

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުމާ އެކު ސަރުކާރުން އަނެއްކާވެސް މިވަނީ ޑިފެންސަށް ކުޅެން މަޖުބޫރުވެފަ އެވެ. އެކަމަކު މި މައްސަލައިގައި ވެސް ސަރުކާރުން ދުލެއް ނުދޭނެ ކަން، ބަސްމަގު ހުރި ގޮތުން ސާފެވެ. މިއީ، މާ ބޮޑު ބުރަދަނެއް ހުރި ނިންމުމެއްގެ ގޮތުގައި ސަރުކާރުން ނުދެކެ އެވެ.

ޓެރަރިޒަމްގެ ކުށެއް ސާބިތުވެފައި ވަނިކޮށް، ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ދިނުމަކީ، ގާނޫނުތަކަށް ގޮންޖަހައި، ގާނޫނުއަސާސީގެ ހަމަހަމަކަން ނިގުޅައިގަތުން ކަމަށް ސަރުކާރުން ދެކެ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން، ގާނޫނުތަކުގައި ވަކި ޝަރުތުތަކެއް ކަނޑައަޅާފައި ވަނިކޮށް، ނަޝީދަށް އެ ފުރުސަތު ދިނުމަކީ ގާނޫނީ ހުކޫމަތު ނަގާލުން ކަމަށް ވެސް ސަރުކާރުން ގަބޫލުކުރެ އެވެ.

ޔޫއެންގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހަނީ. --ފޮޓޯ:އޭއެފްޕީ

ނަޝީދުގެ ޝަރީއަތްތަކާ ގުޅޭ ގޮތުން އދ.ގެ ކޮމެޓީން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރައްދު ދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ނަޝީދުގެ ޝަރީއަތް ދިޔައީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބުނެފައިވާ ހުރިހާ ހައްގުތަކެއް ނަޝީދުގެ މައްސަލައިގައި ދީފައިވާނެ ކަމަށެވެ.

ނަޝީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ ކަން ސަރުކާރުން ފާހަގަކުރެ އެވެ.

ސިޔާސީ މައްސަލަތަކުގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިންތިހާބުގައި ނަޝީދަށް ފުރުސަތު އޮންނަންވާނެ ކަމަށް އދ.ގެ ކޮމެޓީ އަކުން ބުނި ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް ނަޝީދަށް އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށެވެ. އެއީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި މި ހިނގަނީ ރާއްޖޭގެ ގާނޫނުއަސާސީ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ، ނަޝީދަށް ކުރިމަތި ނުލެއްވޭނެއޭ. އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެއޭ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ނަޝީދު ނުކުރައްވާ ކުށަކަށް ވާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ އެވެ. ގާޒީއަކު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، އެކަން އެ ނޫން ގޮތަކަށް ބަދަލުކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އެ ނިންމުން ބަލައިނުގަތުމެވެ. އދ.ގެ ކޮމެޓީތަކުން މިހާތަނަށް ނިންމައި ސަރުކާރަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ވެސް ތަންފީޒު ނުކޮށް އެބަހުއްޓެވެ. އޭގެތެރޭގައި ނަޝީދު މިނިވަންކުރަން، އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމި މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންކުރަން ނިންމައި ސަރުކާރަށް ހުށަހެޅި މައްސަލަ ހިމެނެ އެވެ.

އެއީ ތަންފީޒުކުރުން ލާޒިމް ނިންމުމެއް

ނަޝީދަށް ކެންޑިޑެސީ ނުދޭން ގާނޫނީ ގޮތުން ސަރުކާރުން ދައްކާނެ ބަހަނާ ކިތަންމެހާ ވެސް ބައިވަރެވެ. އެކަމަކު މި ބަހަނާތައް ދައްކައިގެން ސަރުކާރަށް ރެކިގަނެވިދާނެ ހެއްޔެވެ؟

މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި އެ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ވަނީ 2005 ގައި، ސޮއިކޮށްފަ އެވެ. އެހެންކަމުން، އދ.ގެ ހިއުމަން ރައިޓްސް ކޮމެޓީގެ ނިންމުންތަކަށް ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަން، ނިންމުމުގައި ވެސް އެ ކޮމެޓީން ވަނީ ހަނދާން ކޮށްދީފަ އެވެ.

ގާނޫނީ ބައެއް ބޭފުޅުންނާއި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުން ބަލައި ނުގަންނަ ކަމަށް ސަރުކާރަށް ނުބުނެވޭނެ އެވެ. ސަބަބަކީ މިފަދަ މުއާހަދާތަކަށް އަމަލުކުރުން ގާނޫނުއަސާސީން ވެސް ލާޒިމްކޮށްފައި ވުމެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މުއާހަދާއެއްގައި ބައިވެރިވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ސަބަބުތަކަކާ ހެދި ކަމަށެވެ. މުއާހަދާއެއްގައި ބައިވެރިވުން، އެއް ބާރަށް އެކަނި ދޫކޮށްނުލައި، މަޖިލީހުން ފާސްކުރާ ގޮތަށް އޮތުމަކީ ވެސް އެފަދަ މުއާހަދާތައް ރާއްޖެ އަށް މުހިއްމުވުމުން އަދި އެއީ އަމަލުކުރަން ޖެހޭނެ ނިންމުންތަކަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއިރެއްގައި އޮންނަ ސަރުކާރަކުން ނުރުހޭ ގޮތަށް، ނުވަތަ ގަބޫލުނުކުރާ ގޮތަށް ނިންމުމެއް ނިންމީމާ، އެއަށް ބޯނުލަނބާނެ ކަމަށް ބުނުމުން ރާއްޖެ އެ ދަނީ ދުނިޔޭގެ ނިސްބަތުން ވަރަށް އެހެން ކަހަލަ ލިސްޓަކަށް. އެ ދަނީ، ނޯތު ކޮރެއާ، އިޒްރޭލު މިފަދަ ގައުމުތަކާ ހަމައަށް. އަޅުގަނޑުމެން ބޭނުމެއް ނުވޭ ދިވެހިރާއްޖެ އެ ލިސްޓުގައި އޮންނާކަށް،" ޝާހިދު ވިދާޅުވި އެވެ.

"އެއްކޮޅުން، ސަރުކާރުން މި ވިދާޅުވަނީ ތިމަންނާމެން ބޭނުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއޭ. އަނެއްކޮޅުން މި ވިދާޅުވަނީ ބައިނަލްއަގުވާމީ ގޮތުން ވެފައި ހުރި އެއްބަސްވުންތަކަށް ބޯލަނބާ ބައެއްގެ ގޮތުގައި ދެމިނުތިބޭނަމޭ."

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ކަށަވަރުކޮށްދޭން ނިންމި ނިންމުމަކީ، އދ.ގެ ނިޒާމްގެ ތެރޭގައި ދިވެހިރާއްޖެ ގަބޫލުކޮށްފައި އޮތް ގާނޫނީ ސައްހަ ނިންމުމެކެވެ. ދައުލަތެއްގެ ގޮތުގައި އެއަށް ބޯލަނބަން ޖެހޭއިރު، އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގައި، އެ މައްސަލައަށް ޖަވާބުދާރީވީ ވެސް އުސޫލްތައް ގަބޫލުކޮށްގެން ކަން ޝާހިދު ފާހަގަކުރެއްވި އެވެ.

"ކޮމަންވެލްތުން ވެސް ސަރުކާރު ވަކިވީ. ހަމައެގޮތަށް ނިންމަންވީ ނޫންތޯ، އދ.ގެ މިވެނި ޕްރޮޓޮކޯލްތަކުން ދިވެހި ސަރުކާރު ވަކިވީއޭ. އޭރުން ބައިނަލްއަގުވާމީ ގޮތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އިޖުރާއަތުތަކެއް ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.

އދ.ގެ މި ކޮމެޓީގެ ނިންމުން ބަލައިނުގަތުމުގެ ނަތީޖާއަކަށް ވާނީ، ޝާހިދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ އަކީ ބައިނަލްއަގުވާމީ މުއާހަދާތަކަށް ބޯނުލަނބާ ގައުމެއްގެ ގޮތުގައި ލޭބަލްވެގެން ދިއުމެވެ. އެއާއެކު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނަން ޚަރާބުވުމުގެ އިތުރުން، އިގްތިސާދީ ގޮތުން ރާއްޖެ އަށް ލިބެން ހުރި ކިތަންމެ ފުރުސަތުތަކެއް ގެއްލިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖެ އަށް ގައުމުތަކުން އޮންނަ އިތުބާރަށް ހީނަރުކަން އައިސް، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން ލޯނު ދިނުން ހަނިވެގެންދާނެ ކަމަށް ވެސް އޭނާ ލަފާކުރައްވަ އެވެ.

"އިތުބާރެއް ނެތް ގައުމަކަށް ފައިސާ ފޮއްޗެއް ދޭނެ ބައެއް، ލޯނެއްގެ ގޮތުގައި ނަމަވެސް އެހީއެއްގެ ގޮތުން ނަމަވެސް މަދުވަމުން އަންނާނީ. ނިންމުމަށް އަމަލުނުކުރުން ވާނީ، މުޅި ދިވެހިރާއްޖޭގެ ތަސައްވަރަށް އަންނަ ވަަރަށް ބޮޑު ކިލަނބު ކަމަކަށް. ބައިނަލްއަގުވާމީ ގޮތުން ނިންމާ މިފަދަ ނިންމުންތަކަށް ބޯނުލެނބުމަކީ ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ސަރުކާރަކުން ކުރާނެ ކަމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އިން އދ. މަޖިލީހުގައި އަބަދުވެސް ބުނެފައި އޮންނާނީ، ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ޔަގީންކަމަކީ ބައިނަލްއަގުވާމީ އިތުބާރު ހުރި ނިޒާމެކޭ. އެހެންވެ އެ ނިޒާމު ފުނޑުފުނޑުކޮށްލާ ބައެއްގެ ގޮތުގައި ރާއްޖެ ވުމަކީ، މި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ވެސް އަޅުގަނޑުމެން އަމިއްލަ އަށް ޖަހާ ގޮންޖެހުމެއް މިއީ."

އޭނާ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީ އާއި ގާނޫނުތައް އޮތް ގޮތުން ނަޝީދަށް ވާދަނުކުރެވޭނެ ކަމަށް ސަރުކާރުން ތެޅިފޮޅިގަތީ، ނިންމުން ރަނގަޅަށް ނުވެސް ކިޔަ އެވެ. ނަޝީދުގެ މައްޗަށް އިއްވާފައި އޮތް ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ވާތީ އެ ހުކުމް ބާތިލްކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ނިންމުމުގައި އޮތް ކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތުން، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުރެއްވި ހުކުމާ އެކު އެމަނިކުފާނު ވެސް މިނިވަންވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަމަކު، އެއީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ރިޝްވަތު ނަންގަވައި، ސަރުކާރު ވައްޓާލަން އިއްވި ހުކުމެއް ކަމަށް ސަރުކާރުން ދެކެ އެވެ. އަދި އެ ދެ ފަނޑިޔާރު ހައްޔަރުކުރުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

އެހެންކަމުން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުމާ އެކު އަނެއްކާވެސް މިއޮތީ، ސިޔާސީ މަސްރަހުގައި އާ ބަހުސެއް ފެށިފަ އެވެ. މި ނިންމުމާ ގުޅިގެން އަޅާ ފިޔަވަޅުތައް 180 ދުވަހުގެ ތެރޭގައި އަންގަން ޖެހެ އެވެ. ގާނޫނީ ހުއްޖަތުތައް އެއްކައިރިކޮށްފައި ސިޔާސީ ގޮތުން ބަލާއިރު ވެސް، އިންތިހާބުން ނަޝީދަށް ފުރުސަތު ދިނުމަކީ ސަރުކާރަށް ފަސޭހަ ނިންމުމަަކަށް ނުވާނެ އެވެ. ނަޝީދަށް ކެންޑިޑެސީ ކަށަވަރުވެއްޖެ ކަމަށް ސަޕޯޓަރުން ނިންމިއިރު، އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ސަރުކާރުން އެ ތިބީ ކަށަވަރުކޮށްގެންނެވެ.

101 ކޮމެންޓް, 152 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 3%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮކްތެރެޕީ

17 April 2018

އެމްޑީޕީގަ އުޅޭ މީހުން ރާއްޖެޓީވީ ބަލާބަލާ ހެޔޮވިސްނުން ދުއްވާލާފަތިބެނީ.

The name is already taken The name is available. Register?

ޏަން

17 April 2018

ޔާމީން އަކަށްވެސް އަދި ނަޟީދކަށްވެސް ސަޕޯރޓެއް ނުކުރަން، ދޭއާ ބޭޑު ފޯ ދަ ކަންޓުރީ! މިގައުމުގަ މިނޫން ބަޔަކު ހަމަ ނެތީތަ؟ ނަޟީދޫ ކަލޭގެ ބަލިހާލަތު އޯކޭތޯ މިހާރު؟

The name is already taken The name is available. Register?

ބީކޭކޭ

17 April 2018

މަރުހަބާ ނަޝީދު، އެކަމަކު ފުރުސަތެއް ނެތް؟! މަރުހަބާ ކިޔައިފިއްޔާ ނަޝީދު އައްވެސް ފުރުސަތު އޮންނަންޖެހޭނެ؟!

The name is already taken The name is available. Register?

އާދަނު

17 April 2018

މަރުހަބާ ކިޔަނީ ފަޒީނާ އަހްމަދު އެކަނި. ސަރުކާރުން ތިކަމަކާ ނޫޅެ.

The name is already taken The name is available. Register?

އަސްލުއޮޅުވާނުލާ

17 April 2018

ނަޝީދަށްވެސް ޤާސިމަށްވެސް މައުމޫނަށްވެސް އަދި އުމަރަށްވެސް އަދި ޖާނޭއަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ދިނުމަކީ ހަމަ އެންމެރަނގަޅުގޮތް. މި އެންމެންގެ ތެރޭން ރައްޔިތުން ބޭނުންވާ މީހާ ރައްޔިތުންނިންމާނެ. ޔާމީނުކީއްވެތަ އެ ފުރުޞަތުދޭން ބޭނުންނުވަނީ. ހަމަ ތިޔަބުނާ ތަރައްޤީގެނެސްދީފައިވާނަމަ ރައްޔިތުން ޔާމީނަށް ތާއީދުކުރާނެއްނޫންތަ؟ ގަޓްހުރުމަކީ ވާދަވެރިންނާ ވާދަކޮށްގެން މޮޅުހޯދުން.

The name is already taken The name is available. Register?

އަށްޑޫ މީހާ

17 April 2018

ތަރައްގީ އަކީ އަޅާލާ ފުލެޓަކުން ވާކަމެއްނޫން. ހުރިހާވެސް މައްސަލަޔަކީ ގައުމު ލޫޓުވާލުން. ގައުމު ލޫޓުވާ މީހުންނަކަށް ހަޖަމެއްނުވާނެ ރައީސް ނަޝީދަކާ ވާދަކުރާކަށް. އެމީހުން ބިރުގަންނާނެ. އެގޭވިއްޔާ 10%ކަން ލިބޭނީ...

The name is already taken The name is available. Register?

ޤާދިރު

17 April 2018

އިނދިކޮޅު މީހުން ޔާމީނު ވެރިކަމުން ވައްޓާލާފަ ނޫނީ އިމްތިހާބަކަށް ނުދާން އެ މަސައްކަތް ކުރަނީ، ޔާމީނާ ވާދަކޮށްގެން ހޮވޭނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުންދޯ؟ ކުއްޅަވައް ހޮވަން ދޭބަލަ..

The name is already taken The name is available. Register?

އެފް އެމް

17 April 2018

2012 ޖެނުއަރީގައި އަބުދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން ޔޫއެން އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީއިން އަބުﷲ ގާޒީ ދޫކޮއްލުމަށް އަންގައި އެއްވެސް ޝަރުތަކާއި ނުލައި އެކަން ތަންފީޒުކުރުމަށް އޭރުގެ ނަޝީދުގެ ސަރުކާރަށް ގޮވާލި އޭރުގެ ސަރުކާރުން އެކަމަށް ދިނީ ބީރުކަންފަތެއް އޭގެފަހުން އެމައްސަލައިގައި ނަޝީދަށް ހުކުމް ކުރުމުން އެއްކަލަ އިންސާނީ ހައްގުތަކައި ބެހޭ ކޮމިޝަނުން ނަޝީދު ދޫކޮށްލަން ބުނުމުން ދޭހަވަނީ ތިމަންނާމެންގެ ނިންމުންތަކަކީ ތިމަންނަމެންވެސް އަމަލަކުރަންޖެހޭ އެއްޗެއް ނޫންކަމުގަ އަމިއްލަ ނިންމުމަށް އަމިއްލައަށްވެސް އަމަލުކުރުމީ ކުރަން ޖެހޭ ކަމެއް ނޫންކަން މިކަމުން ދޭހަވޭ

The name is already taken The name is available. Register?

އެމަންޖެ

17 April 2018

ހައިރާންކުރުވަނިވި 1 ފެބްރުއަރީގެ ޙުކުމް ތަންފީޒު ނުކޮށްގެނޭ ކިޔާފައި އިންޑިޔާގެ އެކި ވެރިންގެ އިންޒާރުތަކާއެކު، ކިރިޔާ ރާއްޖެއަށް ނާރާ އޮއްވާ، ޗައިނާއިން އެއްޗެކޭ ބުނިހައިރުން އިންޑިޔާ މައިތިރިވީގޮތް ފެނުނެއްނުން! ހަމަ އެގޮތަށް އިރާދަކުރެއްވިއްޔާ މިފަހަރުވެސް ރާއްޖޭގެ ދިފާޢުގައި ޗައިނާއިން ތެދުވެދޭނެ! މިސާލަކީ، ޔޫއެންގައި އިސްރާއީލާ ދެކޮޅަށް ކިތައް ޤަރާރު ފާސްކޮށްފި! އެމެރިކާ ފަހަތުގައި އޮތީމާ ފާޅުގައި އެބުނަނީ ބޮލެއް ނުލަބާނަމޭ! ކުރެވޭ އެއްކަމެއް އެބައޮތްތަ؟ އަނެއްކޮޅުން އެމެރިކާ ބޭނުންވީމާ ސަލާމަތީ މަޖިލިހެއް އެހެން މަޖިލިހެއް ނޯވޭ! ބޭނުންކަމެއް އެހެރަކޮށްލަނީ! އެކުގައި ކުރީގެ ބޮޑުބާރު އިގިރޭސިން! އެންމެ ފަހުން އިހަށް ދުވަހު ތިޔަކިޔާ ބައިނަލްއަޤުވާމީ ގަވައިދުތަކާ ޚިލާފަށް، ކުޑަމިނުން އެކިޔާ ކެމިކަލް ޙަމަލާ ތަހުގީގުވެސް ނުކޮށް ސީރިޔާއަށް އެންމެ ޒަމާނީ މިސައިލްގެ ވާރޭ ވެއްސާލީ! މި ޙަގީގަތްތަކުން ބާރު ލިބިގެން ރާއްޖެއަށްވެސް ޔޫއެންގެ މިކަލަ ކަންކަމަށް ނޫނެކޭބުނުމުގެ ހައްގު އޮންނަންޖެހޭ

The name is already taken The name is available. Register?

މަރޭމިތުރާ

17 April 2018

އަލުން ނަޔާ މިގުލްޝަނަށް އަލުން ނަޝީދު ގެންނާނަން. އަލުން މިތަން ރަނގަޅުކުރަން އަލުން ނަޝީދު ހޮވާނަން.

The name is already taken The name is available. Register?

މަރޭމިތުރާ

17 April 2018

ގައުމީ ލަދެއްގެ މިންވަރުވެސް މިސަރުކާރުގަ ހުރިހެނެއް ހީނުވޭ! ގައުމު މުޅިދުނިޔެއަށް ބޭޒާރުވާއިރު މިތާގެ ވެރިން ކިޔަމަންނުވޭ!

The name is already taken The name is available. Register?

ސަރީފު

17 April 2018

މީނަ އެއްގޮތަކަށްވެސް ބައިވެރިކޮށްގެން ނުވާނެ. މިއީ އިންޑިއާ ކަނޑަށާއި މުޅި ޗައިނާ ކަނޑުގެ ސަލާމަތަށްވެސް ހުރި ބޮޑު ނުރައްކަލެއް. އެހެން ނޫނަސް ތިޔަ ބުނާ ގުރޫޕަކީ ނިންމުމެއް ނިންމޭވަރުގެ އޮއްޓަރެއް ހުރި ބައެއްނޫން. ކަމެއް ނިންމޭނީ ސަލާމަތީ މަޖިލީހަށް އަދި ފިޔަވަޅެއް އެޅޭނީވެސް އެތަނުން ނިންމައިގެން. ސަލާމަތީ މަޖިލިސްތެރެއިން އެއްވެސް ކަމެއް ނުނިންމޭނެ. އެއީ މާ ދުރަށް ސަރުކާރުން ކޮޅުއަޅާފަ އޮތީމަ. މަހިތައްއަރަނީ ގޮތެއްހުރި ބައެއްނަމަ، ލިސްޓެއް ހަދާލާފަ މިވެނި އެވެނި ބަޔަކަށް ބައިވެރިވެވެން ޖެހޭނެއޭ ބުނިނަމަ ކިހާ ރަނގަޅު. ކަމެއްކުރާއިރު އެއްވެސް ރޭވުންތެރިކަމެއްވެސް ނެތް. ދެން ކިހިނެއް ކަމެއް ކާމިޔާބުކުރާނީދޯ.

The name is already taken The name is available. Register?

މަ މިއު މަ

17 April 2018

ޗައިނާ ކަނޑަށް ވެސް؟ ލޮލް

The name is already taken The name is available. Register?

‫މަހޭ

17 April 2018

‫ އަމިއްލައަށް އެކަނި އުޅެވޭ ވަރުގެ އިގުތިޞާދެއް މިރާއްޖެއަށް ކަށަވަރުވަންޏާ އދ އާ އީޔޫ އަދި އެހެނިހެން ޖަމާޢަތްތަކާއި އެކި ގައުމުތަކުން ގޮވާލާ ގޮވާލުންތަކަށް އިޖާބަދިނުމުގެ މާނައެއް ނެތް. މިރާއްޖޭގެ ހަތަރު ފާރުތެރޭގައި ހިތުހުރި ގޮތަކަށް “ވާލު ސޮރަށް މޫދު ހިތަކަށް ލިބުނުހެން” އުޅެންވީ. ....... އަހުން ކަންބޮޑުވަނީ އެންމެހާ ފަރާތްތަކާ ގުޅުން ކެނޑި އެހީތެރިކަމަށް ބޭނުންވާ ވަގުތު އަތުގައި ހިފާނެ އަވަށްޓެރިއަކު ވެސް އާޚިރުގައި ނުހުންނާނެތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454