ވިޔަފާރި / ދިވެހި އިންޝުއަރެންސް ކޮމްޕެނީ

ދިވެހި އިންޝުއަރެންސް އިން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް މައުލޫމާތު ދީފި

ދިވެހި އިންޝުއަަރެންސުން މިއަދު ބޭއްވި އިންޝުއަރެންސް އިންސައިޓްސް ސެމިނާގެ ތެރެއިން.-- ފޮޓޯ: މިހާރު

18 އެޕްރީލް 2018 - 16:17

ދިވެހި އިންޝުއަރެންސުން ކުރިއަށް ގެންދާ "އިންޝުއަރެންސް އިންސައިޓްސް ސެމިނާ ސީރީޒް"ގެ ދަށުން ކޮންސްޓްރަކްޝަން ކުންފުނިތަކަށް ޚާއްސަ ސެމިނާއެއް މިއަދު ބާއްވައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ސެމިނާ ޝަރަފްވެރި ކޮށްދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. މިނިސްޓަރު ވިދާާޅުވީ މި ސަރުކާރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޭރު ކުންފުނިތަކަށް ދޫކޮށްގެން ހިންގާ ބިޔަ ޕްރޮޖެކްޓުތަކުގައި، ގިނަ ދިވެހި ކުންފުނިތަކުން ސަބްކޮންޓްރެކްޓަށް މަސައްކަތް ކުރާ ކަމަށާއި، ސަބްކޮންޓްރެކްޓަރުންނަށް ފަސޭހަ ކަމާ އެކު އިންޝުއަރެންސްގެ ރައްކާތެރިކަން ލިބިދެވޭނެ އިންޝުއަރެންސް ޕޮލިސީތައް ނެރެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި އިންޝުއަަރެންސުން މިއަދު ބޭއްވި އިންޝުއަރެންސް އިންސައިޓްސް ސެމިނާގައި މިނިސްޓަރު ތޯރިގު.-- ފޮޓޯ: މިހާރު

"އަޅުގަނޑުމެންނަށް އަބަަދު ވެސް އަޑު އިވޭނެ ތަނެއް ކޮނެލައިފިއްޔާ ޖެހިގެން ހުންނަ ގޭގެ މީހުން މައްސަލަޖައްސާ، އެ މީހުންނަށް ގެންލުން ލިބޭ ވާހަކަ. މި ކަަންތައްތައް ވެސް ރަނގަޅު ގޮތުގަ މޮނީޓާާކޮށް އިންޝުއާ ކުރުމުގެ މެކޭނިޒަމެއް ހަދަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންސަލްޓެންސީގެ ހިދުމަތް ދޭ ކުންފުނިތަކަށް ވެސް ފަސޭހަކަމާ އެކު އިންޝުއަަރެންސްގެ ރައްކާތެރިކަން ލިބެން ޖެހޭ ކަމަށެވެ. އެގޮތުން ކޮންސެލްޓެންސީ ކުންފުނިތަކަށް އެކަށީގެންވާ ޕްރިމިއަމްއަކާ އެކު ހިދުމަތް ލިބެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ އިރު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، ތިމާވެއްޓަަށް ގެއްލުން ނުލިބޭ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

"ކަނޑައެޅިފައިވާ ގޮތަަށް އީއައިއޭ ރިޕޯޓުތައް ހައްދަވައިގެން ކުރިއަށް ގެންދެވުން މުހިންމު، ޝޯޓުކަޓުތައް ނުނަންގަވާ... އެންވަޔަރްމެންޓް ނެތިއްޖެއްޔާ ޓޫރިޒަމެއް ވެސް އަދި ދެ ވަނަ އަށް އެންމެ ބޮޑު ދާއިރާ ކަމަށްވާ މަސްވެރިކަން ވެސް ނޯންނާނެ. އެހެންވެއްޖެ ނަމަ ކޮންސްޓްރަަކްޝަން އިންޑަސްޓްރީ އަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި އިންޝުއަަރެންސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ދިވެހި މަސައްކަތްތެރިންނަށް ރަނގަޅު ހިދުމަތެއް ދިނުން ކަމަށެވެ. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ އިތުރު އިންޝުއަރެންސް ޕޮލިސީތައް ތައާރަފް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން މުދާ ހޯދަން ފަސޭހަ ކުރުމަށް ކްރެޑިޓް ބޮންޑެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު ވެސް އެ ބޮންޑަށް އެދި ހުށަހެޅޭނެ ކަމަަށް ވާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭން ބޭރުގެ ވަރަށް ރަނގަަޅު ސެކިއުރިޓީތަކާ އެކީގަ، އެގްރީމަންޓެއް ހެދިގެން އަޅުގަނޑުމެން ފަހަތުގަ އެހެން ސެކިއުރިޓީތައް ވެސް ހުރެގެން މި ހިދުމަތްތަައް މި ދެނީ،" ވާހިދު ވިދާޅުވި އެވެ.

"މާނަ އަކީ ވަރަށް ބޮޑެތި ޕްރޮޖެކްޓްތައް ވެސް އަަޅުގަނޑުމެންނަށް އިންޝުއާ ކުރެވޭނޭ. ވަރަށް ސްޕެސިފިކް ރިކުއާމެންޓްތަކަށް ވެސް އަޅުގަނޑުމެންނަށް ހިދުމަތް ދެވޭނެ،"

މިއަދު ބޭއްވި ދިވެހި އިންޝުއަރެންސްގެ އިންޝުއަރެންސް އިންސައިޓްސް ސެމިނާ އަކީ މިފަދަ ތިން ވަނަ ސެމިނާ އެވެ. ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކުގެ ވެރިންނާއި އެހެނިހެން ޕްރޮފެޝަނަލުން ބައިވެރިވި ޖަލްސާގައި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454