ވިޔަފާރި

ބީއެމްއެމް އިން ކެއްކުމުގެ ދާއިރާގެ މީހުންނަށް މާސްޓާ ކްލާސް ވޯކްޝޮޕެއް ބާއްވައިފި

ބީބީއެމް އިން ކައްކާ މީހުންނަށް އަމާޒުކޮށްގެން ބޭއްވި މާސްޓް ކްލާސް ވޯކްޝޮޕްގައި ކެއްކުމުގެ ހުނަރު ދައްކާލަނީ. ފޮޓޯ: ބީބީއެމް

22 އެޕްރީލް 2018 - 21:05

1 comments

ކެއްކުމުގެ ދާއިރާގެ މީހުންނަށް އަމާޒުކޮށްގެން ބެސްޓްބައި މޯލްޑިވްސް (ބީއެމްއެމް) އިން މާސްޓާ ކްލާސް ވޯކްޝޮޕެއް ބާއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ދުނިޔޭގެ ނަން މަޝްހޫރު ޝެފުންނާއި އެކު ކުރިޔަށް ގެންދިޔަ ވޯކްޝޮޕްގައި 150 ޗެފުން ބައިވެރިވި އެވެ.

ބީބީއެމް އިން ބުނީ އެ ވޯކްޝޮޕްގެ އަމާޒަކީ އެ ކުންފުނިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްއަށް ތައްޔާރުވުން ކަމަށެވެ. އެގޮތުން އެ ވޯކްޝޮޕްގައި މައިގަނޑު ހަތަރު ކަމެއް ބައިވެރިންނަށް ދަސްކޮށްދިންއިރު، ވޯކްޝޮޕްގެ ތެރެއިން ކެއްކުމުގައި ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އުކުޅުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ އުކުޅުތައް ވޯކްޝޮޕްގެ ބައިވެރިވި ޝެފުންނަށް ކިޔައިދިން ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވާއިރު ޖަޖުން މާކްސް ދޭ ގޮތާއި މާކްސް ދޭއިރު ބަލާނެ ކަންކަމުގެ އިތުރަށް ކައްކާއިރު ސަމާލުކަން ދޭން ޖެހޭނެ ކަންކަން ބައިވެރިންނަށް ކިޔައިދީފައިވެ އެވެ.

ބީބީއެމް އިން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ ޝެފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި 40 ދިވެހި ޝެފުން ބައިވެރިވި ކަމަށެވެ. އަދި އެ ވޯކްޝޮޕަކީ ކެއްކުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް އެސޯސިއޭޝަންގެ އޭ ކްލާސް ޝެފުންނާއި އެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ސަބަބުން، ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންގައި ބައިވެރިވާ ފަރާތްތަކަށް ކެއްކުމާ ބެހޭ އެތައް ކަމެއް ފަންނުވެރި ފަރާތްތަކުގެ ފަރާތުން ދަސްވާނެ ކަމަށް ބީބީއެމް އިން ބުންޏެވެ.

ބީއެމްއެމް އިން ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭއްވި މާސްޓަ ކްލާސް ވޯކްޝޮޕްގެ ބައިވެރިން. ފޮޓޯ: ބީބީއެމް

އެ ވޯކްޝޮޕް އިންތިޒާމު ކުރި ބީއެމްއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހް ހަސަން ވިދާޅުވީ ބީއެމްއެމްގެ އަމާޒަކީ ރާއްޖޭގައި ކެއްކުމުގެ އިންޑަސްޓްރީ ކުރިއެރުވުން ކަމަށެވެ.

"އަޅުގަނޑުމެން މިފަދަ މުބާރާތްތަކާއި ވޯކްޝޮޕްތައް ބޭއްވުމުގެ މައިގަނޑު އަމާޒަކީ ކެއްކުމުގެ ދާއިރާ ކުރިއަރުވާ މިދާއިރާއަށް ގިނަ ދިވެހިން ވެއްދުން. އަޅުގަނޑުމެން ގަބޫލުކުރަން މިއީ ކުރިއަރަން ޖެހޭ ދާއިރާއެއް ކަމަށް. އެއީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ހިއްސާދާރަކީ ފަތުރުވެރިކަން. އެހެންކަމުން ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ ގައުމެއް. މި ސަބަބަށްޓަކައި ރާއްޖެއިން ލިބެން ހުންނަ ކާއެއްޗެއްސަކީ އެންމެ ފެންވަރުގެ ކާތަކެއްޗަށް ވާން ޖެހޭ،" އަފްރާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ގެންދާނީ 24 ކެޓަގަރީއަށް ބަހާލައިގެން ކަމަށެވެ. އަދި އެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން ކަމަށްވެސް އަފްރާހް ވިދާޅުވި އެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން. އަދި އެ މުބާރާތަކީ ދުނިޔޭގެ ފެންވަރުގެ އެތައް ޝެފުންނެއް ބައިވެރިވާނެ މުބާރާތެއް. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑުމެން މިވަނީ ހުޅުވާލާފައި. އަދި މިއީ ކެއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކާއި އަލަށް ކެއްކުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަގަނޅު ފުރުސަތަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9- 12 އަށް ދަރުބާރުގޭގަ އެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މެކްސްގެ އޮފީހުން މިހާރު ލިބެން ހުންނާނެ ކަމަށް ބީބީއެމް އިން ބުންޏެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗެފުން

23 April 2018

ވޯކްޝޮޕްގައި 150 ޗެފުން ބައިވެރިވި އެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454