ވިޔަފާރި / އެސްޓީއޯ

މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ތެލުގެ އަގު އެއްވަރެއްގައި ހިފަހައްޓަން: އެސްޓީއޯ

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ފުނަދޫ: ތެލުގެ އަގު ބޮޑުވުމުން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރަން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް އެ ކުންފުނިން ބުނޭ.

މި އަހަރު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ތެލުގެ އަގު އެއްވަރެއްގައި ހިފަހައްޓައި، ތެލުގެ އަގު ބޮޑުވުމުން ރާއްޖޭގެ އިގުތިސާދަށް ކުރާ އަސަރު ކުޑަކުރަން ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ބޭހުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިން މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާއްމު ކުރުމަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަހަރު ތެލުގެ ބާޒާރަށް އައި ބަދަލުތަކާ އެކު އަގުތައް އަދިވެސް ދަނީ މައްޗަށް ކަމަށެވެ. އެހެންވެ، މި އަހަރު ވެސް އެސްޓީއޯ އިން އެންމެ ބޮޑު އިސްކަމެއް ދެނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓައި، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގުތިސޯދަށް ކުރާ އަސަރު ކުޑަކުރުމަށް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުން ލިބޭ ފައިދާ އިން ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އެސްޓީއޯ އަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށް ވާތީ ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ، ރައްޔިތުންނާ ގުޅުން ހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވާތީ، އެސްޓީއޯ އިން މަސައްކަތް ކުރަމުން ދަނީ މި ދާއިރާތަކަށް އިންވެސްޓްކުރުމާ އެކު، ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށް. މިގޮތުން ފާއިތުވި އަހަރުގެ ދެ ވަނަ ކުއާޓަރުން ފެށިގެން މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް، އެސްޓީއޯގެ ފައިދާ ވާނީ އެއް ވަރެއްގައި ހިފެހެއްޓިފައި،" އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ އަކީ 7.5 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެ ކުންފުނިން ބުނިގޮތުގައި، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި އެސްޓީއޯ އިން ވިއްކި ތެލުގެ އަގަށް ބަދަލު ގެނައުމާއި ތެޔޮ ވިއްކި އަދަދު އިތުރުވެ އަދި އެހެނިިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އިތުރުވުމުންނެވެ.

އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 2.9 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން އަހަރު ނިމުމާ ހަމައަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 25 ޕަސެންޓް އުފުލިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެސްޓީއޯ އިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގު ބޮޑުކޮށްފައިވާނީ 12 ޕަސެންޓް ކަމަށް ބުނެފައިވެ އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައި ކަމަށެވެ. މިއީ 3.8 ޕަސެންޓްގެ ދަށްވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީއަހަރާ އަޅާބަލާއިރު 76 މިލިއަން ރުފިޔާ ދަށްވެފައިވީ ނަމަވެސް ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވަނީ 39 މިލިއަން ރުފިޔާ އިތުރުވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓެކްސް އަށް ކެނޑުމަށް ފަހު އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ އަކީ 211 މިލިއަން ރުފިޔާ އެވެ. އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާއަކަށް 55ރ. ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަމަ

01 May 2018

އެސްޓީއޯ އިން ކަމެއް ވާގޮތް ކިޔާދިނީމަ ކޮމެންޓް ކުރާނެ އެކަކުވެސް ނެތީދޯ. ހަޖަމެއް ނުވަނީ. އެސްޓީއޯ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454