އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) ޒަޔާން، އަޝްރަފް، ސާއިދު، ޒީސްތު އަދި ޒައިދު.
04 މެއި 2018 - 07:35
މިހާރު" ނޫހުން މުޅިން އަލަށް ތައާރަފްކުރާ މިހާރު އެވޯޑްސްގައި ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން އަދި އަންހެން ކުޅިވަރު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް ފިރިހެން އަދި އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި އެވެ.
އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ ހޮވަނީ އެތުލެޓިކްސް، ސްވިމިން، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްލައިގެންނެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެވޯޑެއްގައި އިންޑިވިޖުއަލް ކުޅިވަރުތައް ހިމެނި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އެތުލެޓިކްސްގެ ޒައިދު ޝަރީފާއި ހަސަން ސާއިދާއި ބެޑްމިންޓަން ކުޅުންތެރިޔާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުހައްމަދު ޒީސްތު ނަސީމް އަދި ފެތުންތެރިޔާ ހަސަން އަޝްރަފް އެވެ.
އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) އަރްސަލާން، މުބާލް އަދި މުނާޒް.
އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ ދުވުންތެރިޔާ މުހައްމަދު މުނާޒް އަލީ އާއި ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަރްސަލާން އަލީ އަދި ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް އެވެ.
އެވޯޑްސްގެ މީޑިއާ ޕާޓްނަރު ވީމީޑިއާގެ ވީޓީވީން ގެނެސްދޭ އެވޯޑްސްގެ ކައުންޓްޑައުން ޝޯގައި ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދިނީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައިވާ އައިމިނަތު ޝިއުރާ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ފެތުންތެރިޔާ އައިޝަތު ސާޖިނާ އާއި ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) އާއި ބެޑްމިންޓަން ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އާއި އަދި ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ.
އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) ސާޖިނާ، މަރީ، ނަބާހާ، ނަބީހާ އަދި ސަޖަން.
އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް އަންހެން ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމާއި ބެޑްމިންޓަން ދެ ކުޅުންތެރިން ކަމަށްވާ ނަބާހާ އަދި ނަބީހާ އެވެ.
މި ދެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދިނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސްޕްރިންޓް ރިލޭ އިން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ޓީމުގެ ދުވުންތެރިޔާ އަދި ގައުމީ ސްޕްރިންޓް ޓީމުގެ މިހާރުގެ އެސިސްޓަންޓް ކޯޗު ހުސެއިން ހަލީމެވެ.
މި ހަތަރު އެވޯޑުގެ އިތުރުން ފުޓްބޯޅަ އާއި ވޮލީބޯޅައިން ވެސް އެވޯޑް ދޭނެ އެވެ. އެގޮތުން ފުޓްބޯޅައިން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔަ ހޮވާނެ އެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން އަދި ދެ ޖިންސުން ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ.
އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް އަންހެން ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) ނަބީހާ، ރަފާ އަދި ނަބާހާ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.
އެވޯޑް ހަފުލާ އޮންނާނީ މާދަމާރޭ ދުވަހުގެރޭ 9 ޖަހާއިރު ޕެރެޑައިސް އައިލެންޑް ރިޒޯޓުގަ އެވެ. މި ހަފުލާ ވީޓީވީން ވަގުތުން ދައްކާނެ އެވެ.
އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމަރަ ދޮންތަ
05 May 2018
އައްދެ މަހީކުރީ 600 އިން 400 އަށް އެރުމަކީ ކުޑަކުޑަ ނިބާލް ހޯދި ވަރަށް ބޮޑު ކުރިއެރުމެއްކަމަށް. އެކަމަކު އެހެނެއްނޫންދޯ މިވީ. 2017 ގަ ކޮންފަދަ ކާމިޔާބެއް ކުރިއެރުމެއް އަރުސަލާން ހޯދައިގެން ނޮމިނޭޓްވެގެން މިއުޅެނީ. ގައިމު އެހަށްދުވަކު ނިމުނު ސްކޫލް މުބާރާތުގަ ތިބުނާ ދެކުދިން ކުޅުނުތަން ދޮންތަވެސް ބެލިން. މަށަށް ހަމަ އުޑާބިމާހާ ތަފާތު ފެނުނު.
މޫންތި
04 May 2018
މި އެވޯޑު ދޭން ބަލާ މިންގަޑަކީ ކޮބައިތޯ؟ ރެކޯޑް އާކުރުން ނުހިމެނޭ އުތަ؟ ދުވަން ބޭރު ގައުމުތަކުގަ ތިބެ ރަނގަޅު ނަތީޖާ ހޯދާ މީހުން މިއަށް ނާރާ؟ މީ ދެން ވަރަށް ފައްކާ އެވޯޑެއް! ހެހެހެ
އިއްސޭ
04 May 2018
ތީ ވަކިބަޔަކަށް ދޭން އަޑިއަޑިން ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެއް. އެކަމަކު ކީއްކުރާނީ އިންސާފު ހޯދަން ދާނެތަނެއް މިއުޑުދަށުގަ ނެތެއްނު. ހުރިހާ ކަމެއްގައިވެސް ކަރަޕްޝަން މިއޮތީ މޫލާފަ. ދެން ތިޔަ ލިބޭ ބަޔަކަށްވެސް އެނގޭނެދޯ އެވޯޑް ހައްޤުވަނީ ކޮންބަޔަކަށް ކަން. ވަރަށް ސަލާމް
ޖަރީމާދޯ
04 May 2018
ބަލަ އަނެއްކާ އަނެއް ޖަރީމާ ތިހިންގަނީ ދޯ..ފާއިތުވި ހަތަރު އަހަރަށް ބެލިޔަސް އަރުސަލާން އަށް ނިބާލް ގެ މައްޗަށް ކުރި ހޯދިފައެއް ނެތް. ނިބާލް އަކީ ބެޑްމިންޓަން ޤައުމީ ޓީމުގައި ހުރި އެންމެ ހަގުކުޅުންތެރިޔާ. ޤައުމީ މުބާރާތުން އެތައް ކާމިޔާބެއް ހޯދަމުންދާ ކުޅުންތެރިއެއް..ދެންކޮން ޒުވާން ކުޅުންތެރިޔެކޭ މި ކިޔަނީ. ލަދުން ބޯހަލާކުދޯ.
ޔޮނެކްސް
04 May 2018
ޢޭނ ނިބާލް އަކަށް ނޫންތަ ތި އެވޯޑް ލިބެންވީ..އެކަމަކުވާ ސާބަސް. ކުޅެގެން މޮޅުވަނީ ނިބާލް އެވޯޑް ލިބެނީ އެހެން ބަޔަކަށްްް.
ނަސްރު
04 May 2018
ޝިފާޒު މިދިޔައަހަރު ކިތަ އިންޓަނޭޝަނަލް މުބާރާތް ދުވިބާ؟ ރާއްޖޭގަ ބާއްވާ އެންމެ ހައިރޭކިން މުބާރާތަކީ ގައުމީ މުބާރާތް އެމުބާރާތް ޝިފާޒް ނުދުވޭ
ނަން
04 May 2018
މަރިޔަމް އަބްދުލް ކަރީމް އަކީ 2017 އަހަރުގެ އެންމެކާމިޔާބު އަންހެން އެތްލީޓް އުމމީދުކުރަން މަރިއަށް މިއެވޯރޑް ލިބޭނެ ކަމަށް، މަރީއަކީ ދިވެހި ތާރީހު ދުއް އެންމެ ކާމިޔާބު އެތްލީޓޭ ބުނޔަސް ދޮގަކަށް ނުވާނެ،
ާައަޙްމަދު
04 May 2018
ޝީފާޒް އަކީ 2017 ވަނަ އަހަރުގެ ފިރިހެން އެންމެ ކާމިޔާބު އެތްލީޓް. ކީއްވެ ޝިފާޒް ނަން ނެތީ.
ރަދީފް.
04 May 2018
ކޮބާ ބާސްކެޓްބޯޅަ؟ ރަދީފް®
ރިފާ
04 May 2018
ކޮބާ ކިހިނެތް ތިހަދަނީ،ކޮބާ ފަޒީލް،ޝިފާޒް އެދެމީހުން އެންމެ ގިނަ ގައުމީ ރެކޯޑް ފާއިތުވި އަހަރު ހެދީ... މަރީއަށް ސާބަސް..
ޝައިނާ
04 May 2018
ޝިފާޒް ވަނީ 2017 ވަނަ އަހަރު ޖެހި ޖެހިގެން 4 ފަހަރު ފުލް މެރަތަން އަދި ހާފް މެރަތަން ޤައުމީ ރެކޯޑް ހަދާ ޤައުމަށް ރީތިނަން ހޯދަދީފަ. ޝިފާޒް ނުހިމެނެންވީ ސަބަބެއް ނޭންގުނު.