ދުނިޔެ

ލިޓަރޭޗާ ނޯބެލް އިނާމު މި އަހަރު ނުދޭން ނިންމައިފި

މި އަހަރުގެ ނޯބެލް ލިޓަރޭޗާ އެވޯޑް ދޭނީ އަންނަ އަހަރު.

ސްޓޮކްހޯމް (މެއި 4) - ލިޓަރޭޗާ އިން ނޯބެލް އިނާމު ދޭ ފަރާތް ކަނޑައަޅާ، ސްވިޑިޝް އެކަޑެމީ އަށް ކުރިމަތިވި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން މި އަހަރު އެ ދާއިރާ އިން ނޯބެލް އިނާމު ނުދޭ ގޮތަށް ނިންމައިފި އެވެ.

ސްވިޑިޝް އެކަޑެމީގައި ހިމެނޭ މެމްބަރެއްގެ ފިރިމީހާގެ މައްޗަށް ތުހުމަތު ކުރި ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އެ އެކަޑެމީން ކަންތައް ކުރި ގޮތާ މެދު ވަނީ ގިނަ ބަޔަކު ފާޑު ކިޔައިފަ އެވެ. މި މައްސަލަގަނޑު ފެންމަތިވުމުން އެކަޑެމީގެ މެމްބަރުކަމުން އެ އަންހެން މީހާ ވަނީ ވަކިވެފަ އެވެ. އަދި އެކަޑަމީގެ ޗެއާ އާއި އިތުރު ހަތަރު މެންބަރަކު ވެސް ވަނީ ވަކިވެފަ އެވެ.

ސްވިޑިޝް އެކަޑަމީން ބުނީ މި އަހަރުގެ އެވޯޑް ލިބޭ ފަރާތް އަންނަ އަހަރުގެ އެވޯޑް ލިބޭ ފަރާތާ އެކު އިއުލާން ކުރާނެ ކަމަށެވެ. މި އަހަރުގެ އެހެން ނޯބެލް އެވޯޑްތައް ކުރިއަށް ދާނެ އެވެ.

މިއީ 1901 ވަނަ އަހަރު ލިޓަރޭޗާ އެވޯޑް ދޭން ފެށި ފަހުން ދިމާވި އެންމެ ބޮޑު މައްސަލަ އެވެ.

ލިޓަރޭޗާ ނޯބެލް ޕްރައިޒް މި އަހަރު ނުދިނުމުގައި #މީޓޫ ކެމްޕޭން ވަނީ ރޯލެއް އަދާކޮށްފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މައްސަލަ ފެންމަތިވީ ފްރާންސްގެ ފޮޓޯގްރާފަރު އަދި ސްވިޑިޝް އެކަޑެމީ ކޮމިޓީގައި ހިމެނޭ ކެޓަރިނާ ފްރޮސްޓެންސަންގެ ފިރިމީހާ ޖީން ކްލައުޑް އާނޯޓުގެ މައްޗަށް 18 އަންހެނަކު ކުރި ޖިންސީ ގޯނާގެ ތުހުުމަތާ ގުޅިގެންނެވެ. އާނޯލްޓް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ޖިންސީ ގޯނާގެ ގިނަ އަމަލުތައް ހިންގާފައި ވަނީ އެކަޑެމީ އަށް ނިސްބަތްވާ ތަންތަނުގައި ކަމަށްވެ އެވެ. އެކަޑަމީން ފަހުން ވަނީ އާނޯލްޓްގެ އަންހެނުން ފްރޮސްޓެންސަން ކޮމިޓީން ވަކިކުރަން ފާސްކޮށްފަ އެވެ. ކޮމިޓީގެ ހެޑް ޕްރޮފެސަރު ސާރާ ޑެނިއަސް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމިޓީގައި މިހާރު ތިބެނު 11 މެމްބަރުންނެވެ. މީގެ ތެރޭން އެއް މެމްބަރެއް ކަމަށްވާ ކާސްޓިން އެކްމަން 1989 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ކޮމިޓީގެ މަސައްކަތުގައި ނޫޅުއްވަ އެވެ. އެއީ ސަލްމާން ރުޝްދީގެ ސެޓަނިކް ވާސަސްއާ ގުޅޭ ގޮތުން ނެރުނު ފަތުވާ ކުށްވެރިކުރަން ކޮމިޓީން ދެކޮޅު ހެދުމުންނެވެ. ކޮމިޓީ އަށް އާ މެމްބަރުން އައްޔަން ކުރަން 12 މެންބަރުންގެ ކޯރަމެއް ބޭނުންވެ އެވެ.

ސްވިޑިޝް އެކަޑަމީ އަށް މެމްބަރުން އުސޫލެއްގެ ގޮތުން އައްޔަން ކުރަނީ އުމުރަށެވެ. ކޮމިޓީގައި ބައިވެރިވާން ދެކޮޅު ހެދި ނަމަވެސް މެމްބަރުންނަށް އިސްތިއުފާއެއް ނުދެވެ އެވެ.

މީގެ ކުރިން ފަސް ފަހަރަކު ވަނީ އެއް އަހަރުގެ ނޯބެލް އިނާމު ޖެހިގެން އައި އަހަރު ދީފަ އެވެ.

ނޯބެލް އިނާމު ދެނީ ސްވިޑަންގެ ސައެންސްވެރިޔާ އަލްފްރެޑް ނޯބެލްގެ ހަނދާނުގަ އެވެ. އިނާމު ދޭން ފަށާފައި ވަނީ 1901 ވަނަ އަހަރު އެވެ. އިނާމު ދޭ ފަސް ކެޓަގަރީއަކީ ކެމިސްޓްރީ، ލިޓަރޭޗާ (އަދަބިއްޔާތު)، ޕީސް (ސުލްހަ)، ފިޒިކްސް އަދި މެޑިސިން އެވެ. އިކޮނޮމިކްސް އިން ނޯބެލް އިނާމު ދޭން ފެށީ 1968 ވަނަ އަހަރު އެވެ.

ނޯބެލް އިނާމަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ އެކަމަށް ޚާއްސަ ޖަމާއަތްތަކުންނެވެ. ފިޒިކްސް، ކެމިސްޓްރީ އަދި އިކޮނޮމިކްސް އެވޯޑް ދެނީ ރޯޔަލް ސްވިޑިޝް އެކަޑެމީ އޮފް ސައެންސް އިންނެވެ. މެޑިސިން އެވޯޑް ދެނީ ނޯބެލް އެސެމްބްލީންނެވެ. ލިޓަރޭޗާ ދެނީ ސްވިޑިޝް އެކަޑެމީންނެވެ. ސްވިޑަންގެ ޖަމާއަތަކުން ނުދޭ ހަމައެކަނި އެވޯޑަކީ ސުލްހައިގެ އެވޯޑެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބޭ ފަރާތް ކަނޑައަޅަނީ ނޯވޭގެ ނޯބެލް ކޮމިޓީންނެވެ.

ނޯބެލް އިނާމު ދެނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454