ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް ޑްރީމް ކެމްޕަހުގެ ބެލެނިވެރިންނަށް ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.
15 މެއި 2018 - 12:44
ރާއްޖޭގައި މުޅިން އަލަށް ހުޅުވާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އޮންލައިން ޕްރީ ރެޖިސްޓްރޭޝަން ހުޅުވާލިތާ 48 ގަޑިއިރުގެ ތެރޭގައި އެ ސްކޫލުގެ ގިނަ ގްރޭޑްތަކެއް 60 ޕަސެންޓަށް ވުރެ ބޮޑަށް ފުރިފައިވާ ކަމަށް ބުނެފި އެވެ.
ފިންލޭންޑެގެ މެނޭޖްމަންޓެއްގެ ދަށުން ހިންގާ އަދި އެ ގައުމުގެ ޓީޗަރުން ކިޔަވައިދޭން ހަމަޖެހިފައިވާ ސްކޫލްގެ ޕްރީ ރެޖިސްޓްރޭޝަންގެ ފުރަތަމަ ބުރަށް އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބި، އަވަސް މިނެއްގައި ގްރޭޑްތައް ފުރެމުން ދާކަމަށް އެ ސްކޫލް ރާއްޖޭގައި ހިންގާ އެޑިއުކަނެކްޓްގެ މެނޭޖިން ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ކުރި އަރާފައިވާ އެޑިއުކޭޝަން ސިސްޓަމް އޮންނަ ގައުމުގެ ސްކޫލުގެ ޕްރީ ރެޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ މިވަގުތު ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް ޑްރީމް ކެމްޕަސްގެ އެސްކޭޖީ އަދި ގެރޭޑް 1-4ގެ ދަރިވަރުންނަށް އެކަންޏެވެ. ޕްރީ ރެޖިސްޓްރޭޝަންގެ ފުރުސަތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބާކީ ޖާގަ ހުރެއްޖެނަމަ، ބިލަބޮންގް ހައި އީޕީއެސްގެ ގްރޭޑް 1-4ގެ ދަރިވަރުންނަށް އަދި އެއަށްފަހު އާންމުންނަށް ހުޅުވާލަން ވިސްނާކަމަށް ވެސް އަދްލީ ވިދާޅުވި އެވެ.
ޑްރީމް ކެމްޕަސް އިމާރާތުގައި އަންނަ އަހަރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި ތައުލީމް ހާސިލްކުރުން ކުރިއަށް ގެންދަން ބޭނުންވާ ދަރިވަރުންނަށް ވާނީ ކިހިނެތްތޯ ސުވާލުކުރުމުން، އަދްލީ ވިދާޅުވީ މި އަންނަ އަހަރު ޑްރީމް ކެމްޕަސްގައި ދެ ސްކޫލް ހިންގާނެކަމަށެވެ. އެއީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި، ފިންލަންޑް އިންޓަރނޭޝަނަލް ސްކޫލް އެކެވެ.
މި ބަދަލާއި ގުޅިގެން ޑްރީމް ކެމްޕަހުގެ އެއްވެސް ދަރިވަރެއް ބާކީވެގެން ނުދާނެކަމުގެ ޔަގީންކަން އަދްލީ ދެއްވި އެވެ. އަދި އެ ދަރިވަރުންނަށް މިހާރެކޭ ވެސް އެއް ފަދައިން ގްރޭޑް 5 ކާއި ހަމައަށް، ޑްރީމް ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތު އޮންނާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި، ޑްރީމް ކެމްޕަހުގެ ޕްރައިމަރީ ކްލާސްތަކަށް އަލަށް ދަރިވަރުން ނަގާނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަށް އެކަނި ކަމަށް ވެސް އަދްލީ ވިދާޅުވި އެވެ. އެގޮތުން، ޑްރީމް ކެމްޕަހުގެ ޕްރައިމަރީ ސެކްޝަންގެ ގްރޭޑް 1-5، ކުރިއަށް އޮތް އަހަރުތަކުގައި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކަށް މުޅިން ބަދަލުކުރަން ރޭވިފައިވާ ކަމަށް އެޑިއުކަނެކްޓް އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު2
17 May 2018
ލެޓް މީ ގެޓް ދިސް ރައިޓް؟ ތިޔަ ވިދާޅުވަނީ ބިލަބޮންގ ހައި ސްކޫލް ފެއިލްވީ ވާހަކަތޯ؟ އެހެންވެެގެން އެހެން ބަޔަކު ގެނެސްގެން ހިންގަން ފެށި ވާހަކަތ؟.. މަރުހަބާ! އެކަމަކު ކަންވީގޮތް ރަނގަޅަށް ހާމަ ކޮށްދެއްވާ..
ފިންލެންޑް
15 May 2018
ހުރިހާ އެމްޕީންގެ ދަރިން ތިތަނަށް ވައްދާ.
ކޮބާތްތަ
15 May 2018
ކޮބައިތޯ ފީ. ފީ ވިލް ބީ ފްރީ ތޯ؟
މޮޅު އިސްތިރި
15 May 2018
ހައްހައްހައްހާ، މަގޭ ކަންފަތު މައްސަލައެއް ކަމަށްވެސް ވެދާނެ، އަޑުއިވެނީ އެންމެންވެސް އަގު ބޮޑުކަމުން އެހެން ސްކޫލުތަކަށް ދާން ބޭނުން ވާހަކަ،
ހަސަން އިސްމާއިލް
15 May 2018
ގައިމު އިއްޔެވެސް މިޚަބަރު ކީން...