ކުޅިވަރު / ކްލަބް ވެލެންސިއާ

ވެލެންސިއާ އަނެއްކާ ވެސް ހާސްކަމުގެ ތެރެއަށް

ލީގުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އިން 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށް، އަށް އަހަރަށް ފަހު ފުރަތަމަ ތަށި އުފުލާލުމުން އެ ޓީމު އަނެއްކާވެސް މައްޗަށް ޖެހިލާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގައި އެ ޓީމަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީ އަކާ އެވެ. އޭގެން ފިލާވަޅު ނަގައިގެން މި އަހަރު ރަނގަޅުކުރާނެ ކަމަށް ފުރަތަަމަ ބެލެވުނު ނަމަވެސް މި ފަހަރު ވެސް ރަނގަޅެއް ނުވެ އެވެ. މިހާތަނަށް ކުޅުނު މެޗަކުން މޮޅެއް ލިބިފައިނުވާއިރު، ޓީމު އޮތީ ހާސްކަމެެއްގެ ތެރޭގަ އެވެ.

އަހުމަދު މުޖުތަބާ (ފެސްކޯ)ގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ލިބުނީ ކުޅުނު 14 މެޗުން އެންމެ މޮޅެކެވެ. ލީގު ނިންމާލީ 14 މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ހަތް ވަނައިގަ އޮވެ އެވެ. އެ ޓީމުގެ ހަމައެކަނި މޮޅު ހޯދީ ލީގުގެ ފަހު މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ.

މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސް ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރުނު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ވެލެންސިއާ އިން ޓީމެއް އެކުލަވާލީ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. ސޮބާ ފުރަތަމަ ވެސް ބުނީ ހުރިހާ މަސައްކަތެއް ފަށަން ޖެހުނީ ސުމަކުން ކަމަށެވެ. ކުޅުންތެރިންނާއި އޮފިޝަލުން ވެސް ހޯދީ އޭނާ ކަމަށެވެ. އަދި ރަނގަޅު މަގަށް ޓީމު ގެންނަން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް ބުންޏެވެ.

އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ނުލައި ވެލެންސިއާ ފުރަތަމަ މެޗުތައް ކުޅެން ޖެހުމުން މައްސަލަތަކެއް ދިމާވި ކަމަށް ސޮބާ އޭރު ފާހަގަކުރި އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އެ ޓީމުގެ ހުރިހާ ކުޅުންތެރިން ލައިގެން ވެސް ނަތީޖާ ނެރުމުގައި ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. ސީޒަނުގައި މިހާތަނަށް ވެލެންސިއާ ކުޅުނު ނުވަ މެޗުން ވެލެންސިއާ އަށް ލިބުނީ އެއް ޕޮއިންޓެވެ. އަދި މޮޅެއް ނުލިބެ އެވެ. އެ ޓީމު އޮތީ ވެސް ލީގުގެ އެންމެ ފުލުގަ އެވެ.

ވެެލެންސިއާ އަށް ނަތީޖާ ނުނެރެވުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ އެ ޓީމުގައި ޓޮޕް ޕްލޭޔަރުން ނެތުން ކަމަށް މިހާރު އެ ޓީމުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވަމުން އަންނަ އެސިސްޓަންޓް ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ އާދަމް އަބްދުއްލަތީފް (ލައްޗޭ) ވަނީ ބުނެފަ އެވެ. އެކަމަކު އެކަން އެ ހިސާބުން ފަރުޖައްސާލެވެން އޮތް ކަމަށް ނުބެލެވެ އެވެ. އެއީ ލީގުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީން ވެސް ހަތް ޕޮއިންޓް ހޯދައި ގަދަ ހަޔެއްގެ ފުރުސަތަކަށް ވާދަކުރަމުން އަންނަނީ މާ ގިނަ ޓޮޕް ޕްލޭޔަރުން ނެތި ކަމަށްވާތީ އެވެ.

ލީގުގައި ވެލެންސިއާ އަށް ބާކީ އޮތީ ފަސް މެޗެވެ. ދެން އެންމެ އަވަހަށް އެ ޓީމު ނުކުންނާނީ އަންނަ ހޯމަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ އަށް ފަހު ދެން އޮތީ ވިކްޓަރީ، ނިއު ރޭޑިއަންޓް، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ލީގުގެ ގަދަ ހަޔެއްގެ ފުރުސަތު ވެލެންސިއާ އަށް އޮތީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ގަދަ ހަޔެއްގައި ނުހިމެނިއްޖެނަމަ ވެލެންސިއާ ދެން ކުޅެން ޖެހޭނީ މާލޭ ލީގު ކޮލިފިކޭޝަންގަ އެވެ. ކޮލިފިކޭޝަންގައި ބައްދަލުކުރާނީ މާލޭ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުނު ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ރަނަރަޕަށް ދިޔަ ޖޭޖޭ ސްޕޯޓްސް ކްލަބެވެ. އޭގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ފުރުސަތު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިދިޔަ އަހަރުގެ މާލޭ ލީގު ކޮލިފިކޭޝަން ކެންސަލްވިއިރު، ސީޒަނުގައި ދެން އޮތް އެފްއޭ ކަޕްގައި ވެލެންސިއާ ވާދަ ނުކުރެ އެވެ.

1 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިޔާނާ

19 May 2018

ޖާބިރު ވެލެންސިޔާ ހަލާކު ކޮއްލީ... ލާރި ދޭކަށް ނޭނގުނު އޭރު....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454