ކުޅިވަރު

ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ރިލޭ އުފާފާޅުކުރަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ޓީސީގެ މައްޗަށް 4-3 އިން ކުރިހޯދައި ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގާ ގާތަށް ޖެހިލައިފި އެވެ.

ލީގުގެ ގަދަ ހަޔެއްގެ ފަހު ޖާގަ އަށް ވާދަކުރަނީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. މިރޭގެ މެޗުގެ ނަތީޖާ އަށް ފަހު އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް ގަދަ ހަޔެއްގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފަ އެވެ.

ބާކީ ކޮންމެ ޓީމަކަށް ތިން މެޗު އޮތްއިރު، ގްރީން ސްޓްރީޓްސް ހަ ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު އެވެ. ހަތް ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ދެން ޕްރިމިއާ ލީގުގެ ޖާގަ ލިބޭނީ ބާކީ ތިން މެޗުން އެ ޓީމު މޮޅުވެ، ގްރީން ސްޓްރީޓްސް އަތުން ޕޮއިންޓް ގެއްލިގެންނެވެ.

"ޖުމްލަކޮށް ބަލާއިރުގައި މި ތިން ޕޮއިންޓުން ގާތްގަނޑަކަށް 99 ޕަސެންޓް ގްރީން ޕްރިމިއާ ލީގަށް ކުރަން ޖެހޭ މަސައްކަތް ނިމުނީ. ދެން އޮތް އެއް ޕަސެންޓް އެއީ ހިފަހައްޓާލުން ކަމަށް މި ބަލަނީ. އެއީ އެންމެ ކައިރީގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ހުރިހާ މެޗަކުން މޮޅުވާން އުނދަގޫވާނެކަމަށް ގަބޫލުކުރަނީ މެޗުތަށް ދާގޮތަށް ބަލާފައި." މިރޭގެ މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.

މި މެޗަށް ޓީސީން ނުކުތީ އެންމެ ފަހުން މެޗުގައި ފުރަތަމަ އެގާރައިގައި ނުހިމެނުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އާއި ކެޕްޓަން މުހައްމަދު ފައްރާހު (ފައްރަ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަބްދުﷲ ހަނީފް (ބެންޖޯ)ގެ ބަދަލުގައި ފަހަތަށް ކުޅެމުންދިޔައީ ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ.

ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ނުކުޅޭއިރު، މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔައީ ޔޫކްރޭންގެ މިޑްފީލްޑަރު ސޮބުލް އިލިއާ އެވެ.

މެޗު ފަށައިގެން ޓީސީގެ އަވަސްކުޅުންތަކާ އެކު ގްރީން ސްޓްރީޓްސްގެ ފަހަތަށް ބާރު ބޮޑުވި ނަމަވެސް އެ ޓީމުގެ ޑިފެންޑަރުން ވަނީ ޓީސީގެ އެޓޭކްތަށް ހުއްޓުވައިފަ އެވެ. ޓީސީ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 15 މިނިޓަށް ފަހު ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުމެވެ. ބަދަލުގައި ކުޅެން އެރީ މުހައްމަދު އައްޒާމް އެވެ.

ޓީސީން ކުޅެމުން ދަނިކޮށް ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި ޔޫކްރޭނުގެ ފޯވާޑް ރޮލާންޑް ރަސެލް އެވެ. ހާފު މެދުތެރެއިން ރަސެލް ފޮނުވާލި ބޯޅަ ގޯލަށް އޮއްސުނީ ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) ބޯމަތިން ގޮހެވެ. ރަސެލް އެ ބޯޅަ ޖެހިއިރު، ރިކޫ ހުރީ ކުރިއަށް ނުކުމެ އެވެ. މިއީ މި ސީޒަނުގައި ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

ގްރީން ސްޓްރީޓްސް ލީޑުނެގުމާ އެކު ޓީސީން އެޓޭކް ވަރުގަދަކޮށް އަލުން ރަނގަޅަށް ކުޅެން ފެށި އެވެ. ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އާއި ލައިބީރިއާގެ ފޯވާޑް ޑިއޯ ވިލިއަމްސް ފޮނުވާލި ބޯޅަތަށް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ސައްޓު އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނުއިރު އޭގެ ބޭނުމެއް ނުކުރެވުނެވެ. އޭގެ ފަހުން ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ގިނަ ފައުލުތަކެއް ކުރިއިރު، މެޗުގެ ރެފްރީ އަހުމަދު އަސްލަމް ކާޑު ނުދައްކާތީ ޓީސީގެ ކުޅުންތެރިން ދިޔައީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ފައުލުތަކެއް ކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިލިއާ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ ވެސް ރަސެލް އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އިލިއާ ނަގައިދިން ބޯޅަ ރަސެލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ރަސެލް އަށް ލިބުނީ ޓީސީގެ ޑިފެންސުގެ ތެރެއިން ވަރަށް ފަސޭހަކޮށެވެ.

ދެ ވަނަ ހާފް ފަށައިގެން ޓީސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 57 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑަކީ ގްރީން ސްޓްރީޓްސްގެ ޔޫކްރޭނުގެ ޑިފެންޑަރު އޮލޭ ޔެފިމްޔަކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ދިފާއުކުރަން އޮލޭ ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 63 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު ޖެހީ އަހުމަދު ރިލްވާން (ރިލޭ) އެވެ. އޭރިއާ ތެރެއިން ފައްރަ ކައިރިން ނައްޓާފައި ރިލޭ ވަނީ ގޯލުގެ ދުުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ވިލިއަމްސް ދިން ބޯޅަ އަކުން އައްޒާމް ވަނީ ޓީސީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އައްޒާމް މި ލަނޑު ޖެހީ އޭރިއާ ތެރެއިން ހުސްކޮށް އަރަ އެވެ.

ނަތީޖާ ހަމަހަމަ ކުރަން މެޗުގެ 76 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ އޭނަ ފޮނުވާލުމުގެ ކުރިން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ކުރި ފައުލަކަށް ޕެނަލްޓީ ހޯދަން ޓީސީން އެޕީލްކުރި ނަމަވެސް ރެފްރީ އަސްލަމް ނުދެ އެވެ.

އިތުރު ވަގުތުގައި ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ރިލޭ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް ރިޒުހާން (ރިޒްކޯ) ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާ ތެރެއިން އިލިއާ އަށް ދިން ބޯޅަ އޭނާ ވަނީ ހުސްކޮށްލާފައި ރިލޭ އަށް ދީފަ އެވެ. ރިލޭ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ފޭދޫ އިއްބެ އެވެ. މިއީ އޭރިއާ ތެރެއިން އައްޒާމަށް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި މެޗަށް ނުކުތްއިރު ވެސް ޓީސީ އަށް އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ޔަގީންވެފަ އެވެ. އެ ޓީމު މި މެޗުން ބަލިވުމުން ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ޓީސީ ލީގުގެ ހަތަރު ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ.

"ޕްރިމިއާ ލީގަށް ކޮލިފައިވެފައި އިނީމަ ކުޅުންތެރިން އެ މީހުންގެ ޓާގެޓް އެޗީވްވީމަ މާ ބޮޑު ސީރިއަސްކަމެއް ވެސް ނެތީ" މެޗާ ބެހޭގޮތުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.

އޭނާ ވަނީ މެޗުގައި ރެފްރީގެ ގިނަ ނިންމުންތަކެއް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ރެފްރީންގެ ނިންމުންތަށް ފުޓްބޯޅައިގެ ގަވައިދުގައި އެ ބުނާގޮތަށް އިންސާފުކޮށް ގެންދިއުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް ބުނެފަ އެވެ. މެޗުގެ ތެރެއިން ނިޒާމްބެ ވަނީ ރެފްރީންގެ ގިނަ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

7 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއްޗި

30 May 2018

ޗެންފިއަށްލީގު ފައިނަލު މެޗްގަ ސަލާހު ކޮޑްހުޅު ނަންޓާލީމަވެސް ލިވަފޫލް ކޯޗު ނުބުނެ ރެފްރީ އައި ހަދާގެންނޭ ބަލިވީ އަކީ. ރާމޯސްއަށް ރަތްކާޑް ދަށްކަށް ޖެހޭނޭ އެކޭ. ނިޒާމް އަބަދް ރެފްރީ ރެފްރީ ތި ކިޔަނި.....

The name is already taken The name is available. Register?

ފުންއަސަރު

30 May 2018

ތީ ހިތްވަރަކީ. ތިއަޒުމުގާ ކުރިޔަށްދޭ. ގްރީންވަރެއް ހަމަ ނެތެއްނު.

The name is already taken The name is available. Register?

ޢަޒޫ

30 May 2018

ޜެފްރީން އަބަދުވެސް ސްޒޭން އަދި ގްރީން ސްޓްރީޓައް ބިރު ގަންނާނެ... މި މީހުން ތިބޭނީ ވަކި ކޮޅަކައް ބުރަވެފަ..

The name is already taken The name is available. Register?

-11-

30 May 2018

އައްޒާމް ޖެހީ ކިތައްވަނަ ގޯލޭތޯ

The name is already taken The name is available. Register?

ހޯރަ

30 May 2018

މިދިޔަ ސީޒަނުގަ ޓީސީ ފްރެމިޔާލީގަށް ކޮލިފައި ވުމުހައި ގުރީންގެ ދައުރުވަރަށް ބޮނޑް. އެހެންވެ މިސީޒަނުގަ ގުރީންވެއްޓިފައިވާ އަދަވަޅުން ޓީސީ ސަލާމަތް ކޮށްދިނީ ކަމަށް ބެލެވުމުގެ ޗާންސް އެބައޮތް.

The name is already taken The name is available. Register?

މޯޑް

30 May 2018

ނިޒާމްބެ އަކީ އަބަދުވެސް ބަލި ގަބޫލް ނުކުރާ ކޯޗެއް ރެފްރީ ނުބައި ކުރާނެ. ނޫނީ އުތުރުކޮޅު ސިޑިބަރީ ތިބޭ ސަފޯޓަރުން ގަޔަށް ބޮލަށް އަރާނެ.

The name is already taken The name is available. Register?

ގާޑިޔޯލާ

30 May 2018

ބަލިވެއްޖެއްޔާ ރެފްރީ މޮޅުވެއްޖެއްޔާ ކޯޗް. ދިވެހި ކޯޗުން ގެ ފަރާތުން ފެންނަ ވަރަށް ނުބައި އާދައެއް. އަހަރެންވެސް މީ ގަލޮޅު ދަނޑް މެޗެއް ކުޅެއްޏާ ވަންނަ މީހެއް. މިރޭ ރެފްރީ މެޗްގެންދިޔައީ ވަރަށް ރަގަޅަށް ޓީސީއަށް މަގޭ ނަޒަރުގަ ރަގަޅަށް ނިންމަ ދީފަ ހުރީވެސް އިތުރުވަގުތު 9 މިނެޓްދިން . ފެނަލްޓީއެއް ދިން. އެކަމަކުވެސް ނިޒާމަށް ގޯސްވީ ރެފްރީ. ޓީސީ ބަލިވީ ހަމަ ނުކުޅެވިގެން ރެފްރީ ބޮލަށް ކަޑާލައިދަ އަމިންލަ ޒިންމާއިން ރެކިނުގަނެބަލަ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454