04 ޖޫން 2018 - 12:32
ޝިފާޒް މުހައްމަދު އަތުގައި އޮތް ރާއްޖޭގެ ހާފް މެރެތަން ގައުމީ ރެކޯޑް އަހުމަދު ޝަރަފް ދާދި ފަހުން މުގުރާލާފައިވަނިކޮށް ޝިފާޒް އަނެއްކާ ވެސް އެ ރެކޯޑުގެ މިލްކުވެރިކަން ހޯދައިފި އެވެ.
ޝިފާޒް ހަތަރު ވަނަ ފަހަރަށް މި ރެކޯޑް އާކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ނޭޕާލުގައި އޮތް ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14.01 މިނެޓުން ދުވެގެންނެވެ. މި ރެކޯޑް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މިއަދު ވެރިފައިކޮށްދީފަ އެވެ. ޝިފާޒް މި މުގުރާލީ އޭޕްރިލް އެއް ވަނަ ދުވަހު މޮރޮކޯގެ ސެމީ މެރެތަން އިންޓަނޭޝަނަލްގައި 1 ގަޑި 14:11 މިނެޓުން ދުވެގެން ޝަރަފް ހެދި ރެކޯޑެވެ.
ނަސީރު އިސްމާއިލް 1994 ވަނަ އަހަރު 1 ގަޑި 19:23 މިނެޓުން ހެދި ހާފް މެރެތަން ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ 2014 ވަނަ އަހަރު ޕުކެޓް މެރެތަންގައި 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ އެވެ. އޭނާގެ ރެކޯޑް 2016 ވަނަ އަހަރުގެ މޮރޮކޯގެ ނަޑޯ މެރެތަންގައި ޝަރަފް މުގުރާލީ 1 ގަޑި 16:17 މިނެޓުން ދުވެގެންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ނޭޕާލުގެ ބިރްގުންޖް ހާފް މެރެތަންގައި ޝިފާޒް މުގުރާލީ 1 ގަޑި 16:10 މިނެޓުން ދުވެގެންނެވެ.
ޝިފާޒް އެ ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މިދިޔަ އަހަރުގެ މޭ މަހު މެލޭޝިއާގައި ބޭއްވި ހޮންޑާ ހާފް މެރެތަން ރޭސް 1 ގަޑި 15:18 މިނެޓުން ނިންމައިގެންނެވެ. އަދި މާޗު މަހު އޮތް ދުނިޔޭގެ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 14:23 މިނެޓުން ދުވެގެން ތިން ވަނަ ފަހަރަށް އާކުރި އެވެ.
ޝިފާޒުގެ އަތުގައި މެރެތަން، ހާފް މެރެތަން އަދި ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް އޮވެ އެވެ. ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭ އާރު
04 June 2018
ޑޯޕިން ޓެސްޓް ހެދީމަ އިނގޭނެ މީނައަށް ދުވެވޭވަރު
ފުޓްލޫސް
04 June 2018
ސަޅި. މަސައްކަތް ކުރާ އަޅުންނަށް ކާމިޔާބު ދެއްވާނެ.