ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ އަޖުފާން މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ޖޫން 2018 - 14:19
އިއްޔެ ފެށި މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިން ކުޅުނު މެޗުތަކުން މޮޅުވެ ފެށުން ރަނގަޅު ކޮށްފި އެވެ.
އިއްޔެ ރާއްޖޭގެ ކުޅުންތެރިން ކުޅުނީ ފިރިހެން ސިންގަލްސް ބަޔާއި ފިރިހެން ޑަބަލްސް ބައިގަ އެވެ.
ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ އަހުމަދު ތޯއިފް ވަނީ ކޮލިފިކޭޝަން ބުރުގައި ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އޭނާ ފުރަތަމަ މެޗުގައި ކުޅުނީ ސަދާޝަޔަނަންދު ޑުމްރީއާ ދެކޮޅަށެވެ. އެ މެޗުން ތޯއިފް މޮޅުވީ 21-14، 21-12 އިންނެވެ. ދެ ވަނަ މެޗުން އޭނާ މޮޅުވީ މޮރިޝަސްގެ ޖަމްޝީދް ބޮރިކިއާއާ ކުޅެގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-09، 18-21، 21-09 އިންނެވެ. މެއިންޑްރޯގައި މިއަދު ތޯއިފް ނުކުންނާނީ މެލޭޝިއާގެ ޖޯތިޝްވަރަން ކަރުޕަތޭވަންއާ ދެކޮޅަށެވެ.
މެއިން ޑްރޯގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ މުހައްމަދު އަޖުފާނާއި މުހައްމަދު ސާރިމް ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. އަޖުފާން ބަލިވީ އެއް ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ޖޫލިއަން ޕައުލް އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-17، 21-18 އިންނެވެ. ސާރިމް ބަލިވީ މޮރިޝަސްގެ ކަބީރް ޓީލަކާ ކުޅެގެން 21-11، 21-15 އިންނެވެ.
މެއިންޑްރޯގައި ކުޅުނު މެޗުން ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު ވަނީ މޮރިޝަސްގެ ސޫބަން އަޖްމީރް ބަލިކޮށް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ނިބާލް ސެޓުތައް ގެންދިޔައީ 21-10، 21-13 އިންނެވެ.
ފިރިހެން ޑަބަލްސް ބައިގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ރާއްޖޭގެ ދެ ޕެއާ ވަނީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ތޯއިފް އާއި އަޖުފާންގެ ޕެއާ ކުރިހޯދީ މޮރިޝަސްގެ ޔޮގޭޝްވަރާއި ލިމްގެ ޕެއާއާ ވާދަކޮށް 21-17، 21-09 އިންނެވެ. ސާރިމް އާއި ނިބާލްގެ ޕެއާ ވަނީ މޮރިޝަސްގެ ރަވިން އަންތިޔާ އާއި ފާދިލް ސަޔީދުގެ ޕެއާ ބަލިކޮށްފަ އެވެ. ސާރިމް އާއި ނިބާލްގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-11، 21-16 އިންނެވެ.
މި މުބާރާތުގައި މިއަދު ފިރިހެން ޑިވިޝަނުގެ މެޗުތަކުގެ އިތުރުން އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް މެޗުތައް ވެސް ކުޅޭނެ އެވެ. އެއީ ދެބެން ކަމަށްވާ ނަބާހާ އަބްދުލް ރައްޒާގާއި ނަބީހާ އަބްދުލް ރައްޒާގުގެ އަދި ޝަހުރުނާޒް މޫސާ އެވެ.
މޮރިޝަސް މުބާރާތުގައި މިދިޔަ އަހަރު ރާއްޖޭން ވަނީ ދެ އިވެންޓަކުން ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލް ހޯދައިފަ އެވެ. ލޯ މެޑަލް ހާސިލްކުރީ ވިމެންސް ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ އާއި މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲގެ ޕެއާގެ އިތުރުން މިކްސް ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ އެވެ. މީގެ ތެރެއިން ޒަޔާން އާއި މައިސާ އަދި ނަފްހާ މި ފަހަރު ވާދަކުރާ ޓީމުގައި ނުހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރޫޒް
09 June 2018
ޓީމް އަކަށް ވަނީ ހުރިހާ ކުޅުން ތެރިން އެކުގަ ކުރާ މަސައްކަތުން...ބީއޭއެމް އަށް މަރްހަބާ...ހުރިހާ ކުޅުންތެރިން އަށް އިތުރު ކާމިޔާބައް އެދެން...ﷲ އިރާދަފުޅުން
ސޯބެ
08 June 2018
ބަލަ މޮޅުވި އެއްވެސް ކުއްޖެއްގެ ފޮޓޯއެއް ހަމަނެތީތަ؟؟؟ ތީތިަކަޑައެއްނު އައްޒާމޫ؟
ޔޮނެކްސް 2017
08 June 2018
ސާބަސް ޒުވާން ކުޅުންތެރިޔާ ނިބާލް އަދި ޓީމުގެ ހުރިހާ ކުޅުންތެރިން.. ދެންހުރި މެޗުތަކުންވެސް މަސައްކަތްކުރާތި. އިރާދަކުރެއްވިއްޔާ މިއަހަރުވެސް ރަނގަޅުވާނެ.