މެއްޓަލާ ރާޖަޕަކްސަ އިންޓަނޭޝަނަލް ވައިގެބަނދަރު - ފޮޓޯ: ޑެއިލީ ނިއުސް އެލްކޭ
09 ޖޫން 2018 - 19:07
މައްޓަލާ - ސްރީލަންކާ (9 ޖޫން) ސްރީލަންކާގެ މައްޓަލާ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓު (އެމްއާރުއައިއޭ) އަށް ފްލައިދުބާއީން ކުރަމުން އައި ދަތުރުތައް ހުއްޓާލަން އެ ކުންފުނިން ނިންމައިފި އެވެ.
މިހާތަނަށް ދުބާއީ އާއި ލަންކާ އާ ދެމެދު ހަފުތާއަކު ހަތަރު ފްލައިޓް ތާވަލުކުރަމުން އައި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް އެމްއާރުއައިއޭ އަށް ވެސް އެކަން އަންގައިފަ އެވެ.
ފުލައި ދުބާއީ އާ ހަވާލާދީ ލަންކާގެ ދަތުރުފަތުރާއި ވައިގެ އުދުހުންތަކާ ބެހޭ މިނިސްޓަރުގެ ނައިބު ވިދާޅުވި ގޮތުގައި ދަތުރުތައް ހުއްޓާލަނީ ފަސިންޖަރުން ނުލިބުމާއި އެހިސާބުގައި އުދުހޭ ދޫނިތަކުގެ އުނދަގޫ މަތިންދާބޯޓުތަކަށް ފޯރާތީ އެވެ.
އެ ކުންފުނިން ކުރިން މާ ބޮޑު އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ދަތުރުތައް ހުއްޓައިލިކަން އިއުލާނު ކުރިއިރު، ލަންކާ ރައްޔިތުންގެ ތެރެއިން ޔޫއޭއީގައި އުޅޭ 300،000 އެއްހާ މީހުންނާއި މައްޓަލާ ސަރަހައްދުގެ އެކި މަންޒިލްތަކަށް ދަތުރުކުރާ ފަތުރުވެރިންގެ ގިނަ ބަޔަކު ވެސް މިހާތަނަށް ބަރޯސާވަމުން އައީ ފުލައިދުބާއީ އަށެވެ.
މި ޚަބަރާ އެކު އެމްއާރުއައިއޭ ގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ، ދުބާއީއަށް އުދުހޭ އިތުރު ފުލައިޓެއް ނެތީސް، ފްލައިދުބާއީން މި ނިންމި ނިންމުމުގެ ސަބަބުން އެއާޕޯޓު ބަންދުކުރަންޖެހުމުގެ ބިރު އެބައޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއާރުއައިއޭގެ އުދުހުންތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރާ ފްލައިދުބާއީ އަކީ މިވަގުތު އެމްއާރުއައި ވައިގެ ބަނދަރާއި ދުބާއީ ގުޅުވައިދޭ ހަމައެކަނި އެއާލައިނެވެ. މައްޓަލާ ރާޖަޕަކްސަ އިންޓަނޭޝަނަލް ވައިގެ ބަނދަރުގެ ދަތުރުތައް ހާއްސަވެފައި ވަނީ އެ ގައުމުގެ އިރުދެކުނުގެ އެކި މަންޒިލްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހަބު
09 June 2018
މާތަލަ ނުވަތަ ކައްޓަލަ
އަބޫ ކެޓް
09 June 2018
މާތަރަ ނުވަތަ މައްޓަލަ ތަ؟
މައްތަލަ
09 June 2018
މައްތަލަ