ސަލްމާން ރުޝްދީ: އޭނާގެ ވާހަކަ "މިޑްނައިޓްސް ޗިލްޑްރެން" އަށް ނެޓްފްލިކްސް އިން ސީރީޒެއް ގެނެސް ދޭނެ.
04 ޖުލައި 2018 - 07:05
އިންޑިއާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ މީގެ 37 އަހަރު ކުރިން ލިޔުނު އަދި އެވޯޑް ހޯދާފައިވާ ވާހަކަ "މިޑްނައިޓްސް ޗިލްޑްރެން" އަށް ވެބް ސީރީޒެއް ހަދަން ނެޓްފްލިކްސް އިން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލް ސްޓްރީމިން ސާވިސް އިން ބުނީ ރުޝްދީ، 71، ގެ އެންމެ ކާމިޔާބު އަދި އެންމެ އެއް މޮޅު ވާހަކަ ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން މަގުފަހިވުމަކީ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ނެޓްފްލިކްސްގެ ކޮންޓެންޓް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ބުންޏެވެ.
ޖޭމްސް ޓެއިޓް މެމޯރިއަލް ބުކް ޕްރައިޒް ހޯދާފައިވާ "މިޑްނައިޓްސް ޗިލްޑްރެން" ސީރީޒާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނެޓްފްލިކްސް އިން ހާމައެއް ނުކުރެ އެވެ.
ރުޝްދީ 1981 ގައި ނެރުނު މި ވާހަކައިގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުނު ތާރީހު ކަމަށްވާ އޮގަސްޓް، 15، 1947 ގެ ސުންގަޑި ސުންމިނިޓްގައި އުފަންވާ ސަލީމް ސިނާއި ކިޔާ ކުއްޖެއްގެ ވާހަކަ އެވެ.
ރުޝްދީ ބުނީ އޭނާގެ މި ވާހަކަ އަށް ނެޓްފްލިކްސް އިން ސީރީޒެއް ގެނެސް ދޭން ނިންމާފައިވާތީ، ފަންނީ ގޮތުން އެއަށް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.
"މިޑްނައިޓްސް ޗިލްޑްރެން" އަށް ބިނާކޮށް އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ ޑައިރެކްޓަރު ދީޕާ ޕެހެތާ ވަނީ ހަމަ އެ ނަމުގައި 2012 ގައި ފީޗާ ފިލްމެއް ގެނެސް ދީފަ އެވެ.
އޭގެ ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރް، ޝަބާނާ އަޒްމީ، ޝްރިޔާ ސަރަން، ޝަހާނާ ގޮސްވާމީ، ރޯނިތު ރޯއި (ބަޖާޖް)، ރާހުލް ބޯސް، ސީމާ ބިސްވާސް އަދި ފިލްމް "ތާރޭ ޒަމީން ޕަރް" އިން ވިދާލި ކުޑަކުއްޖާ ދަރްޝީލް ސަފަރީ ހިމެނެ އެވެ.
ސަލްމާން ރުޝްދީ 1981 ގައި ނެރުނު "މިޑްނައިޓްސް ޗިލްޑްރެން".
ނެޓްފްލިކްސް އިން ބުނި ގޮތުގައި އިންޑިއާގެ ވާހަކަ ކިޔައިދޭ "މިޑްނައިޓްސް ޗިލްޑްރެން" އާ އެކު، ރުޝްދީގެ ވާހަކަ އަށް އެތައް ބައެއްގެ ތަރުހީބު އަދި މާ ބޮޑަށް ލިބިގެން ދާނެ އެވެ. އަދި މި ވާހަކައަކީ މި ޒަމާނާ އަދިވެސް ވަރަށް ގުޅޭ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
ދާދި ފަހުން ނެޓްފްލިކްސް އިން ވަނީ އިންޑިއާގެ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ވެސް ސްޓްރީމް ކުރަން ވެސް ފަށައިފަ އެވެ. ދެން އެންމެ އަވަހަށް އިންޑިއާގެ އެއްޗަކަށް ގެނެސް ދޭނީ މި މަހުގެ 6 ގައި ސްޓްރީމް ކުރަން ފަށާ ސައިފް އަލީ ހާންގެ "ސެކްރެޑް ގޭމްސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްނުކާ އަލީ
04 July 2018
މީނާގެ މިފޮތް ބޯއިކޮޓް ކުރުމަށް ގޮވާލަން.
ނެޓްބްލިކްސް
04 July 2018
ނެޓްފްލިކްސް މިރާއްޖޭގައި ބޭން ކުރަން ފެނޭ.
ސާޢިދު
04 July 2018
ސަލްމާން ރުޝްދީގެ ވާހަކަ މިގައުމުގައި ދައްކަނީ ދީނަށް ހަޖޫ ޖަހާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށް ޢއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމާ ތޯ؟ މި ރާއްޖޭގައި ދީނަށް ހަޖޫ ޖަހާފައިވާ މީޙުންނާއި މުރުތައްދު ވެފައިވާ މީހުން ޕްރޮމޯޓް ކުރަންޏާމުވެސް އެންމެ ހަރުކަށި އަދަބު ދެއްވަން ފެނޭ. އެހެނީ މިރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުނަ ނުދިނުމަށް އަޅުގަޏޑުމެން ގެ ލޮބުވެތި ރައީސް އެކުރައްވާ މަސައްކަތްޕުޅަކީ ދީނީ އަދި ގައުމީ ޖިހާދެއް ކަމަށްވާތީ. ޢިއްޒަތްތެރި ރައީސް އަޅުގަނޑުމެން އަދި އެއްފަހަރު ޓެސްޓް ކޮށްލާނީ މިމޭރުމުން. ޝުކުރިއްޔާ ރައީސް ޔާމީން.