ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން. --ފޮޓޯ:އޭއެފްޕީ
19 ޖުލައި 2018 - 17:54
މެޑްރިޑް (ޖުލައި 19) - ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން ހައްޔަރު ކުރަން ނެރުނު ޔޫރަޕިއަން އެރަސްޓް ވޮރަންޓް ސްޕޭނުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
ޕުޖްޑެމޮންގެ އިތުރުން އޭނާގެ ގާތް ފަސް މީހެއްގެ މައްޗަށް ނެރުނު ހައްޔަރު ކުރުމުގެ އަމުރު ވެސް ވަނީ ދޫކޮށްލައިފަ އެވެ. އެ އެންމެން ތިބީ ގައުމުން ބޭރުގަ އެވެ.
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ސްޕޭނުން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމުގައި އެންމެ އިސްކޮށް ހުރީ ޕުޖްޑެމޮން އެވެ. ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް އޭނާ ވަނީ ސްޕޭން ދޫކޮށް ބެލްޖިއަމަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ.
ނަމަވެސް ޑެންމާކަށް ވަޑައިގެން ޖަރުމަން ހުރަސްކޮށް އެނބުރި ބެލްޖިއަމަށް އެއްގަމު މަގުން ވަޑައިގަންނަވަނިކޮށް ޖަރުމަނުގެ އުތުރުގެ ހިސާބަކުން ވަނީ މާޗު މަހު އޭނާ ހައްޔަރުކޮށްފަ އެވެ.
ޕުޖްޑެމޮން ސްޕޭނާ ހަވާލު ކުރުމަށް ޖަރުމަނުގެ ކޯޓަކުން ދާދި ފަހުން ހުއްދަ ދިނީ ސްޕޭނުން ޕުޖްޑެމޮންއާ ދެކޮޅަށް އުފުލާފައިވާ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާ ސްޕޭނަށް ފޮނުވަން ނެރުނު އަމުރުގައި ކެޓަނޯލިއާގެ މިނިވަންކަން އިއުލާން ކުރި މައްސަލަ ނުހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy