ފުލުހުން މިއަދު މަޖިލިސް ކުރާގޭ ސަރަހައްދުގައި އޮތް ވެހިކަލަކަށް އަރަނީ.- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
01 އޯގަސްޓް 2018 - 12:49
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު ހުކުމުން ކަށަވަރުވާ ކަމަށް ބުނެ، މެމްބަރުން މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ދެންމެ އަލުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މަޖިލިހަށް ވަދެވެން އޮންނަ މަގުތަކަށް ނުވަދެވޭ ގޮތަށް ބެރިކޭޑު ޖަހައި ބަންދުކޮށްފައި މިވަނީ، ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން، މިއަދުގެ ޖަލްސާ ގައި ބައިވެރިވެވަޑައިގަންނަވާނެ ކަން އިއުލާންކޮށްފައި ވަނިކޮށެވެ.
ފުލުހުން މިއަދު ހެނދުނު މަޖިލިސް ކުރާގޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފުލުހުން މަޖިލިހަށް ވަދެވެން ހުރި ހުރިހާ މަގުތަކެއް އެންމެ ފުރަތަމަ ބަންދު ކުރީ މިއަދު ހެނދުނު 9 ޖަހަން އުޅެނިކޮށެވެ. އެކަމަކު، އެ ސަރަހައްދުގައި ބައިގަޑިއިރެއްހާ އިރު، ތިބުމަށް ފަހު ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. ފުލުހުން އަލުން ނިކުމެ، މަގުތައް ބަންދު ކުރީ 12:30 ހާއިރު އެވެ. މަޖިލިހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 1 ޖަހާއިރު އެވެ.
އިދިކޮޅު 12 މެމްބަރަކު، މަޖިލީހަށް ވެންނެވުމަށް ނިންމެވީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުން ކަށަވަރުވާ ކަމަށް ބުނެ އެވެ. ޖަލްސާތަކުގައި ބައިވެރިވާން އެ މެމްބަރުންނަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް މެމްބަރުން ގަބޫލު ކުރައްވަ އެވެ.
މެމްބަރުން ވިދާޅުވި ގޮތުގައި 12 މެމްބަރުން މަޖިލީހަށް ވެންނެވުމަށް އެއްވެސް މުއައްސަސާއަކަށް ހުރަސް އެޅުމުގެ ހައިސިއްޔަތެއް ނޯންނާނެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުން އެކަން ސާފުކޮށްދީފައިވާތީ މެމްބަރުންނަށް ހުރަސް އަޅާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ މެމްބަރުން ދަނީ އިންޒާރު ދެއްވަމުންނެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ފެބްރުއަރީ 1 ގެ އެ އަމުރުގައި 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް އެ ބައި ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސްގެ ނިންމުމާ ގުޅިގެން އެ 12 މެންބަރުން ވަކިވަކިން ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެގޮތުން، ހަތަރު މެމްބަރެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނިމިފައިވާ ކަމާއި ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައި އޮތްކަން ހުކުމުގައި ފާހަގަ ކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޝާލަތުފީ
01 August 2018
12 މެމްބަރުންގެ ވެސް އާއިލާއާއި ރައްޓެހިންނާއި ތިމާގެ މީހުންވެސް ތިބޭނެކަން ޔާމީނު މިއިން އެއްވެސް މީހެއްގެ ކާރިޔަށް މޫސުން ޖެހުނީމަ ވޯޓް ހޯދަން ލަދު ހަޔާތްކަޑާލަފަ މީހުން ނުފޮނުވާތި.
ޥަސް
01 August 2018
ގޮނޑި ގެއްލިއްޖޭބުނު އޮޅުވާލުމުގެ ތެރޭގައި ބައި އިލެކްޝް ނުބާއްވާ ދުވަސްތައް ދުއްވާލުމަށް ހީލަތްތެރިކަމާއެކު ތިކުރާ މަސައްކަތް ރައްޔިތުންނަށް ފަހުމު ނުވާނޭކަމަށް ހީނުކުރާތި.
ޢިބަ
01 August 2018
ފުލުސް ކުދިން ނުކުމެ ވަގު ހޯދަބަލަ.އޭރުން އަބަދު ތިޔަގޮތަށް މަގުބަންދުކޮށް ރައްޔިތުން ނަށް އުދަގުކުރާކަށް ނުޖެހޭނެ
ޝައިނީ
01 August 2018
12 މެމްބަރުންގެ ގޮޑި ގެއްލުވާ ލުމަށް ހުކުމް ކުރި އުއްތަމަ ފަނޑިޔާރުގެ ގޮޑިވެސް ވަނީ ގެއްލިފައެވެ.
usmaan
01 August 2018
ދެން އެހެންވީމާ އިންތިހާބެއް ބާއްވަން ވީނުން. ނިދާފަ ނުތިބެ.
ހިޔާލު
01 August 2018
ގައުމުގެ ދުސްތޫރީ މަސްލަހަތާ ގުޅޭ ހުކުމްތަކުގައި ފައިސަލާ ކުރަނިވި އަވަސް ހުކުމެއް ސްޕްރީމްް ކޯޓުން ނުނެރެ ދިގު ދެމިގެން ދިއުމުގެ ސަބަބުން އެތައް ރައްޔިތަކަށް ލިބެމުންދާ އަނިޔާގެ ޒިންމާ ފަޑިޔާރުންނަށްވެސް އުފުލަންޖެހޭ ހިސާބަށް ކަންކަންދާން ފަށައިފިއެވެ. ގައުމުގެ މަސްލަހަތު ހިމާތްޔަތް ނުކުރެވޭނަމަ ސްޕްރީމްކޯޓުގެ ބޭނުމެއް ކޮބައިތޯއެވެ.ކަންކަން ހައްލު ކުރަން ހުރި ނިޒާމުތައް ފޭލިވެއްޖެނަމަ ރައްޔިތުންގެ ފަރުދީ ޒިންމާއެއްކަމަށްދެކި މަސްލަހަތު ހިމާޔަތްކުރަން ރައްޔިތުން ނުކުތުމަށް ޖާގަ ދެވިގެން ނުވާނެއެވެ. ދާޚިލީ ހަނގުރާމައަކަށް މި ގައުމު ވަންޓާލަން ހެއުވާނެތޯއެވެ.
ދެރަވަރު
01 August 2018
މިފެންވަރަށް ގައުމު ވެއްޓެއް މަ ބޭނުމެއްނުވޭ. މިއީ ހަމައާއި އުޞޫލުން ނެއްޓިފައިވާ ގައުމެއް. ތަރައްޤީ ނުވިއަސް މިނިވަންކަމާއި އިންސާފާއި ހަމަހަމަކަމާއި އަދުލުވެރިކަން މާބޮޑަށް ވެސް ބޭނުން. ތަރައްޤީއޭކިޔައިގެން ކޮޮންކްރީޓް ބިނާކޮށްގެން ކަޓް ނެގުމުން ދިވެހިންނަށް ވާނީ ކޮންފައިދާއެއް. 28 ބުރީގެ ޓަވަރަކުން ދިވެހި ނިކަމެތި އާއިލާއަށް އެއްވެސް ފައިދާއެއްނުކުރާނެ. އެކަމަކު އެތަން ހުސްކޮށް އޮތްނަމަ އެބިމުގައި ނިކަމެތިމީހާގެ ދަރިފުޅަށްވެސް ކުޅެލާ މަޖާކޮށްލެވޭނެ. ފައިދާއެއްނުކުރާ ތަރައްޤީއަށް ކިޔާއުޅެނީ އަޅުވެތިކަން. ތިޔަ މެމްބަރުން ވައްދާ ތިޔައީ ފުލުހުންނާއި ސިފައިން ތިބެންޖެހޭތަނެއްނޫން.
އަޖީތު
01 August 2018
ކިތަންމެ ކެމްޕޭނެއް ކުރިޔަސް ވޯޓު ދެވެން ނެތީ ބޭއިންސާފާއި ގޮތެއް ފޮތެއް ނެތުމުގެ އުސޫލު ގެންގުޅޭތީ. މިއީ ޖަންގަލީގެ އުސޫލު. ގަދަ މީހާ ގަދަވާ ގޮތް. ހަމައެއް، އިންސާފެއް، ގާނޫނެއް، އެކައްޗެއްވެސް ބެލުމެއް ނެތް. ލަދެއްވެސް ނެތް!
ރުމާލު10
01 August 2018
ޔާމީނު ނުރުހޭމީހަކަށް މަޖުލިސްއަށްނުވަދެވޭތަ؟
އަލީބަލީ
01 August 2018
މި އަނިޔާވެރިކަން ހުއްޓާލާށޭ! މީގެ އަގު ތިޔަ ބޭފުޅުން އަދި ދައްކަވަންޖެހޭނެ.