ދެކުނު ކޮރެއާގެ ކެޕްޓަން ސަން އެ ގައުމުގެ ދިދަ ހިފައިގެން އުފާފާޅުކުރަނީ: އެ ޓީމުން ރަން މެޑަލް ހޯދީ ޖަޕާން ބަލިކުރުމަށް ފަހު. --ފޮޓޯ: އޭއެފްޕީ
02 ސެޕްޓެމްބަރ 2018 - 12:03
ޖަކާޓާ (ސެޕްޓެމްބަރު 2) – ޖަޕާން 2-1 އިން ބަލިކޮށް ދެކުނު ކޮރެއާ އިން އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދުމާ އެކު އެ ޓީމުގެ ކެޕްޓަން އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ސަން ހިޔުން މިން އަސްކަރީ ހިދުމަތުން ސަލާމަތްވެއްޖެ އެވެ.
ސިއްހަތު ސަލާމަތުން ހުރި ދެކުނު ކޮރެއާގެ ކޮންމެ ފިރިހަނަކަށް ވެސް 21 މަސް ދުވަހު އެ ގައުމުގެ އަސްކަރިއްޔާ އަށް ހިދުމަތްކުރަން ޖެހެ އެވެ. އެކަމުން މައާފް ލިބޭނީ އޭޝިއަން ގޭމްސް އިން ރަން މެޑަލް ނުވަތަ އޮލިމްޕިކްސް އިން މެޑެއްޔެއް ހާސިލްކޮށްފި ނަމަ އެވެ. ރޭގެ ކާމިޔާބީއާ އެކު ދެކުނު ކޮރެއާގެ ހުރިހާ ކުޅުންތެރިން ވަނީ އެ ބުރައިން ސަލާމަތްވެފަ އެވެ.
ޕްރިމިއާ ލީގުގައި ކުޅޭ ސަން އަށް މިލިޓަރީ ހިދުމަތަށް ދާން ޖެހުނު ނަމަ އޭނާގެ ޕްރޮފެޝަނަލް ކެރިއަރަށް ހުރަސް އެޅޭނެ އެވެ. އެހެންވެ ފުޓްބޯޅައިގެ ވަރަށް ގިނަ ސަޕޯޓަރުންތަކެއް ތިބީ ދެކުނު ކޮރެއާ އިން ރަން މެޑަލް ހޯދައި ސަން ސަލާމަތްވާނެ ކަމަށް އުއްމީދުކޮށްގެންނެވެ. އޭޝިއަން ގޭމްސްގައި ދެކުނު ކޮރެއާގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ ފުރުސަތު ސަން އަށް ލިބުނީ ސީނިއާ ތިން ކުޅުންތެރިންނަށް ދިން ޖާގައިގެ ތެރެއިންނެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ކޮރެއާ އިން ކުރި ހޯދީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ލީ ސިޔުން-ވޫ ޖެހި ގޯލުންނެވެ. ދެ ވަނަ ގޯލް ޖެހީ 11 ވަނަ މިނެޓުގައި ވަން ހީ-ޗަން އެވެ. މި ދެ ގޯލުގައި ވެސް ސަންގެ ދައުރު އޮތެވެ. ޖަޕާނުގެ ޔުއެޑާ އަޔާސޭ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތަފާތު ކުޑަކުރި ނަމަވެސް އެއްވަރުކުރެވޭ ގޮތެއް ނުވި އެވެ. މެޗު ނިމުމާ އެކު އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ވަރަށް ބޮޑަށް އުފާފާޅުކުރިއިރު އޭނާގެ ލޮލުން އުފަލުގެ ކަރުނަ ފޭބި އެވެ.
ދެކުނު ކޮރެއާ އިން 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި އުތުރު ކޮރެއާ ބަލިކޮށް ރަން މެޑަލް ހޯދި ނަމަވެސް އެ ފަހަރު ސަން އަށް ކުޅެވޭ ގޮތްނުވީ އޭރު އޭނާ ހުރި ޖަރުމަނުގެ ބެޔާ ލެވަކޫސަނުން ދޫނުކުރުމުންނެވެ. ޓޮޓެންހަމުން އޭނާ ގަތީ 22 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ އެ ޓީމާ އެކު ޖުލައި މަހު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Solah
02 September 2018
އޭނާގެ ނަން ޕްރޮނައުންސް ކުރަނީ "ސަން" ކިޔާފައެއް ނޫން. އޭނާއަށް ކިޔަނީ "ސޮން". އޭނާ ކުޅޭ މެޗުތަކުގެ ކޮމެންޓްރީ އަޑުއަހާބަލަ.