ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

މާޒީގެ ވާހަކަ ނުދައްކާނަން، އަމާޒަކީ މުސްތަގުބަލް: ސެގާޓް

ސާފް ސުޒުކީ ކަޕް ފެށުމުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕީޓާ ސެގާޓް ވާހަކަ ދައްކަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ޑާކާ އިން،  އައްޒާމް އަލިފުޅު، މިހާރު

03 ސެޕްޓެމްބަރ 2018 - 18:42

4 comments

ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ޓީމު މީގެ ކުރިން ނެރެފައިވާ ނަތީޖާތަކުގެ ވާހަކަ އާއި އޭނާ އަފްގާނިސްތާން ޓީމާ އެކު ނުކުމެ ކުރި މަސައްކަތާ ބެހޭގޮތުން މި ވަގުތު ވާހަކަ ދެއްކުމަކީ ބޭނުން ކަމެއް ނޫން ކަމަށާއި ހުރިހާ ވެސް އަމާޒަކީ ރާއްޖޭގެ ޓީމުގެ މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

މާދަމާފަށާ ސާފް ސުޒުކީ ކަޕް ފެށުމުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ އަފްގާނިސްތާންގައި އޭނާ ކުރި މަސައްކަތާއި ރާއްޖޭގެ ޓީމުގައި އޭނާ އަދާކުރަން ޖެހޭ ޒިންމާ ތަފާތު ކަމަށެވެ.

"އަފްގާނިސްތާން ސާފް ނުކުޅެން ނިންމީމަ އަހަރެން ވަރަށް ހިތްހަމަ ނުޖެހުނު. މިއީ ވަރަށް ރަނގަޅު މުބާރާތެއް ކުޅެން. މި ސަަަރަހައްދަށް ކޮންމެ ޓީމެއް ވެސް މި މުބާރާތުގައި ކުޅެން ބޭނުންވޭ. ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް އޮވޭ މި މުބާރާތާ ގުޅިފައި. އަހަރެން އަފްގާނިސްތާނުގައި ގިނަ ވަގުތު ލިބިގެން މުބާރާތަށް އައީ އެކަމަކު މި ޓީމާ ހަވާލުވިތާ އަދި އެހާ ދުވަހެއް ނުވޭ،" ސެގާޓް ބުންޏެވެ.

ސާފްގައި އެންމެ ފަހުން އޭނާ ކުރި ތަޖުރިބާ އަކީ 2015 ވަނަ އަހަރުގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވުންކަމަށާއި އެ ހިސާބުން އެ ކަންތައް ނިމުނީ ކަމަށާއި ދެން އޮތީ ދިވެހި ޒުވާން ކުޅުންތެރިން ގޮވައިގެން މުޅިން ތަފާތު މަސައްކަތްތަކެއް ކުރުން ކަމަށް ސެގާޓް ބުންޏެވެ.

"އަހަރެމެން ވަރަށް ގިނަ މެޗު ކުޅެން ބޭނުންވިޔަސް މަދު މެޗެއް ކުޅެވުނީ. ޕާކިސްތާނަށް ވެސް އެންމެ ފަހު ވަގުތު ނާދެވުނީ. އަހަރެންގެ ކޯޗުކަމުގައި ރާއްޖެ ތިން މެޗު ކުޅެފި. ބޫޓާން އަތުން 7-0 އިން މޮޅުވީ. ތަޖުރިބާގެ މައްސަަލައާ ހުރެ 3-2 އިން ސިންގަޕޫރު އަތުން ބަލިވީ. ދެން ގަތަރު ޓީމު އަތުން 4-3 އިން މޮޅުވި. މި ހުރިހާ ކަމެއްގެ އިތުރުން ޓްރެއިނިން ކޭމްޕްގައި މި ޒުވާން ކުޅުންތެރިންނާ އެކު ރަނގަޅު ވަގުތުތަކެއް ހޭދަކުރެވިއްޖެ. އެ ކުޅުންތެރިން ވަރަށް ޑިސިޕްލިން،" ސެގާޓް ބުންޏެވެ.

ރާއްޖޭގެ ޓީމު އެއްކޮށް ފައިނަލް ކުރިއިރު ޓީމު އޮތީ އިތުރަށް ޒުވާންވެފައި ކަމަށާއި އެހެން ނަމަވެސް ޓީމު އޮތީ ހުރިހާ ގޮތަކުން ބަލާއިރު ބެލެންސްކޮށް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

ގައުމީ ޓީމު މާލޭގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން ޓީމުގެ ބައެއް ކުޅުންތެރިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކުރިން ޓީމުގެ އެވްރެޖް އުމުރަކީ 24.8 އެކަމަކު މިހާރު ފައިނަލް ސްކޮޑާ އެކު ދަށަށް ގޮސްފި 23.7 އަށް. ޓީމުގައި އޮތީ ވަރަށް ރަނގަޅު ބެލެންސެއް. އެއީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ދެތިން ކުޅުންތެރިން. މިސާލަކަށް ބަލަމާ އަހަރެމެންގެ ކެޕްޓަން އަކޫ (އަކުރަމް) އޭނާ ހިމެނޭ މީގެ 10 އަހަރު ކުރިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި،" އޭނާ ބުންޏެވެ.

ބަންގްލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފްގައި ރާއްޖެ ފައިނަލްގައި ކުޅެގެން ވަނީ އިންޑިއާގެ ޒުވާން ޓީމު އަތުން ބަލިވެފަ އެވެ.

"އަހަންނަށް އެނގޭ ރާއްޖެ 2008 ވަނަ އަހަރު ޗެމްޕިއަންކަން ހޯދިކަން. ދެން ފަހުން ބަލިވި ވާހަކަތައް ނުދައްކާނަން. އެއީ އަހަރެން ބަލަނީ ޕޮޒިޓިވް ސައިޑުން. މާޒީގައި ވެފައި ހުރި ކަމެއް އަހަންނަށް ބަދަލެއް ވެސް ނުކުރެވޭނެ. އަހަރެން ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ބަދަލުކޮށްލަން. އެއީ ކުރިން ވަރަށް މައްސަލަތަކެއް ޖެހިފައި. އެކަމަކު އުއްމީދަކީ އަފްގާނިސްތާނާއި ޖޯޖިއާގައި އަހަރެން ކުރި ކަހަލަ ރަނގަޅު މަސައްކަތަކެއް މި ޓީމުގައި ކުރެވޭނެ ކަމަށް. މި ގައުމަށް ފުޓްބޯޅައިގައި ހައްގުވާ މަގާމަށް ގެންގޮސްދޭން މަސައްކަތްކުރާނަން،" ސެގާޓް ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމެއް ފޮނުވަން ނިންމުމާ އެކު ރާއްޖެ އަކީ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭނެ ޖާގަ އެބައޮތް ކަމަށް ނޫސްވެރިއަކު ސުވާލުކުރުމުން ސެގާޓް ވަނީ އެއީ ޖަވާބުދޭން އުނދަގޫ ސުވާލެއް ކަމަށް ބުނެފަ އެވެ.

"ވިހި އަހަރުން ދަށުގެ އިންޑިއާ ޓީމު ގޮސް ބަލިކޮށްފި އާޖެންޓީނާ. އިންޑިއާ އަދިވެސް ވަރުގަދަ އެކަަމާ މެދު އެއްބަސްވާންޖެހޭ. އިންޑިއާގެ އާބާދީ އަށް ބަލާލަމާ. ދެން އަހަރެމެންނާ އަޅާކިޔާނެ ޖާގައެއް ވެސް ނެތް. އަހަރެންގެ ނަޒަރުގައި ފޭވަރިޓުންނަށް ބަލަންޖެހޭނީ އިންޑިއާ ނޫނީ މިސާލަކަށް އަމިއްލަ ދަނޑުގައި ކުޅޭއިރު ބަންގްލަދޭޝް ވެސް ވަރުގަދަވާނެ. ޕާކިސްތާނާ ބެހޭ މާ ގިނަ އެއްޗެއް ބުނަން ނޭނގޭ. އެ މީހުންގެ ވަރަށް ގިނަ ރެފިއުޖީން ޔޫރަޕްގައި ވެސް ކުޅޭ. ސްރީލަންކާ ވެސް ނޭޕާލް ވެސް ވަރުގަދަ. އެހެންވެ ވަކި ފޭވަރިޓެއް ބުނަން އުނދަގޫ،" ސެގާޓް ބުންޏެވެ.

މި ފަަހަރުގެ ސާފް އަކީ ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅޭ ފުރަތަމަ މުބާރާތެވެ. އޭނާ ވަނީ މި މުބާރާތުގައި ރަނގަޅު ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް ބުނެފަ އެވެ.

"އަހަރެމެން މި ތަަނަށް މިއައީ ރަނގަޅު މުބާރާތެއް ކުޅެން. ފުރަތަމަ ފަހަރަށް އަހަންނަށް އެނގޭނެ މީޑިއާ ޕްރެޝަރާއި އެހެނިހެން ޕްރެޝަރުތަކާ ދެކޮޅަށް މި ޒުވާން ކުޅުންތެރިން ކުޅޭގޮތް. ފަހަރެއްގައި މި 10 ދުވަސް ފަހުން އަހަންނަށް އެންމެ ރަނގަޅު ފޭވަރިޓެއް ވެސް ބުނެވޭނެ،" ސެގާޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އެ އަށް ފަހު އަންނަ އާދިއްތަ ދުވަހު އިންޑިއާއާ ބައްދަލުކުރާނެ އެވެ.

4 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް ފްރެންޑް

05 September 2018

ބޭކާރު ވާހަކަ ނުދައްކާ ދަގޭ ޓީމަށް ނުނެގި މައްސަލާގައި ދިވެހިން ކިބައިން މާފަށްއެދި ގައުމީ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނިއްޔާ މާތާހިރުވާނެ

The name is already taken The name is available. Register?

ޅައިބެ

04 September 2018

މަށަށް ރަނގަޅީ ވެލިކައިގެން ފަލީޙަތް ވިއްޔާ

The name is already taken The name is available. Register?

ރަދީފުލް އައްވަލް

03 September 2018

އެކަމަކު މުސްކުޅިން ބުނަނީ މާޒީން އިބްރަތްލިބިގަންނާށޭ.

The name is already taken The name is available. Register?

ދޮން ބަބުރު ސޮރު

03 September 2018

މިފަހަރު އަހަރެމެން މޮޅު ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނި ނޫސް ވެރިޔާ އަކީ އެއްވެސް ވަރަކަށް މިސަރަހައްދުގެ މިހާރުގެ ފުޓު ބޯޅައިގެ މައޯލޫމާތު އެއްވެސް ވަރަކަކަސް ހުރި ބޭކަލެއް ކަމުގައި ބުނަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454