ފުވައްމުލަކު ބަންޑާރަ ކިޅި. މިތަނުގައި ފޮޓޯ އާއި ވީޑިއޯ ވިޔަފާރި އުސޫލުން ނަގަން ފީއެއް ދައްކަން ޖެހޭ
15 ސެޕްޓެމްބަރ 2018 - 12:49
އައްޑޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދާއި ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި ސަރަހައްދުގައި ވިޔަފާރީގެ އުސޫލުން ނަގާ ފޮޓޯ އާއި ވީޑިއޯ އަށް ފީއެއް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ގަވައިދުގައިވާ ގޮތުން އެ ސަރަހައްދުގައި ފޮޓޯ އާއި ވީޑިއޯ ކުރަން އެތަނުގެ މެނޭޖްމަންޓް ޔުނިޓްގެ ހުއްދަ ލިބިގެންނެވެ. އަދި އެތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުގެ ތިން ދުވަސްކުރިން ހުއްދަ ހޯދަން އެދި ފޯމް ހުށަހަޅަން ޖެހެ އެވެ.
އައްޑޫ ސިޓީގެ ހިތްގައިމު މަންޒަރެއް. އައްޑޫގެ އީދިގަލި ކިޅި ސަރަހައްދުގައި ވީޑިއޯ އާއި ފޮޓޯ ވިޔަފާރި އުސޫލުން ނަގަން ފީއެއް ދައްކަން ޖެހޭ --ފޮޓޯ: ނަޖް
އެ ގަވައިދުގައިވާ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ފޮޓޯ ސެޝަނަކަށް ހޭދަކުރެވޭނީ ގިނަވެގެން ފަސް ގަޑިއިރެވެ. އަދި އެ ސަރަހައްދުގައި ޑްރޯން ބޭނުންކުރެވޭނީ މެނޭޖްމަންޓް ޔުނިޓްގެ މުވައްޒަފަކު ހުރެގެންނެވެ. ޑްރޯން ދޫނިސޫފާ ސޫތްޕާ 15 ފޫޓަށް ވުރެ ކައިރިގެންނުވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.
އެ ގަވައިދުގައިވާ ގޮތުން ވިޔަފާރި އުސޫލުން ނަގާ ފޮޓޯގްރަފީ ކޮންމެ ސެޝަނަކަށް 500ރ. އަދި ވީޑިއޯގްރަފީ ކޮންމެ ސެޝަނަކަށް 3،000ރ. ދައްކަން ޖެހެ އެވެ. އޭގެ އިތުރުން ޑްރޯން ބޭނުންކުރާ ނަމަ 100ރ. ދައްކަން ޖެހެ އެވެ.
އެ މިނިސްޓްރީން ނެރުނު ގަވައިދުގައިވާ ގޮތުން އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދާއި ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި ސަރަހައްދުގައި ވިޔަފާރި އުސޫލުން ވިއްކަން ރިސާޗެއް ހަދާ ނަމަ 3،000ރ.ގެ ފީއެއް ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
15 September 2018
ދިވެހީންނާއި ޓޫރިސްޓުންގެ އަގު ތަފާތުވާން ޖެހެއެވެ.
ޏަވިޔަނި
15 September 2018
ނަގާ ފީ ބޭނުން ކުރެވިގެންދާނީ އައްޑޫ އަދި ފުވައްމުލަކަށް ކަމަށް ފަންޑު ގަވާއިދުގައިވަނީ. އެހެންވީމަ ވަރަށް ރަނގަޅުކަމެއް ދެމެހެއްޓެވެނި ގޮތެއްގައި މިތަންތަން ބަލަހައްޓަން
އައްޑޫ މަންތާ
15 September 2018
އަހަރެން ހަމަ ހައިރާންވެއްޖެ އެއްވެސް ކުއްޖަކަށް މި ނިކަމެތި އަޅުގަނޑުގެ މާހައުލު މިގަވައިދުގެ ދަށުން ހިމާޔަތްކުރެވިގެން ދިޔަކަން ނޭގުނީތީ! އާދެ އައްޑޫގައި އަޅުގަނޑު ދިރިއުޅޭތަން ކަމުގައިވާ ކަނޑިހެރަ މާކަނޑު ކަނޑުއޮޅި އާއި ބްރިޓިޝް ލޯޔަލްޓީ ނައު ފެތިފައޮތް ސަރަހައްވެސް މިވަނީ ހިމާޔަތްކުރެވި އައްޑޫ ނޭޗަރ ޕާކްގެ ބައެއްގެ ގޮތުގައި ހިމެނިފަ. މި ވާހަކަ ހުރިހާކުދިން ކައިރީ ބުނެދޭތި!
ތިމާވެށި
15 September 2018
ރަނގަޅުކަމެއް
މުއިއްޒު
15 September 2018
އެންޓްރެންސް ފީއެއް ނެގުން ރަނގަޅު، ކޮންމެހެން ފޮޓޯ ސެސަންއަކަން ނޫން ފީ ނަގަންވީކީ
އީދިގަލި މާކަނާ
15 September 2018
ޢަދި ކޮބާ ގަދައިދު އެއްކޮށް ވިދާޅުވޭ! އޭގަ އެބައޮވޭ މަށާ މާކާރިކޮށް ޑްރޯން ފޮޓޯވެސް ނުނެގޭނެ ވާހަކަ. 2004 ވަނަ އަހަރު އީދިގަލި ކިޅި ހިމާޔަތްކުރީއްސުރެ އަދި ކިރިޔާ މިތަން ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލެވުނީމި. ހުރިހާ އައްޑޫ އަދި ފުވައްމުލައް ކޫދުން މިގައިދައް އަހުލުވެރިވާތި. އަދި ފޯނުން ނާ ކެމެރާއިން ރީތި ސަޅި ފޮޓޯ ނަގާ ނޭޗަރ ޕާކް ޓެގްކުރާތި! ލަވްޔޫ
ަްއައްޑޫ މީހެއް
15 September 2018
ޢެކަމަކި މީ ރައްޔިތުންގެ ހިތްހަމަޖެހުން ހޯދާ ހެދި ތާން ?
ނޭޗަރ ކުއީން
15 September 2018
ކޮމަރޝަލް ފޮޓޮގްރަފީއަށް ފައިސާ ނަގާ ވާހަކަ އޮތީ ގަވައިދުގަ. ލާރި ޖަމާވަނީ ޓްރަސްޓް ފަންޑަކަށް. މިތަންތަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމްވެގެން ދިއުމަކީ ނޭޗަރ ކްއީން ވަރަށް އުފާވާކަމެއް.
އައްލާބެއްޔާގެ އަހައްމަދު
15 September 2018
ތިޔަ ތަން ކުނިއަޅާ ގޮނޑެއްގެ ގޮތުގައި މީގެ ކުރިން އޮތްތަން އަހަރެމެންގެ މި ލޮލުން ދުށިން. ތިޔަ ނޭޗާރ ޕާކެއްގެ މަސައްކަތްފެށިފަހުން އެތަން ސާފުކޮށް ރިތީކޮށް ހިތްފަސޭހަ މަންޒިލަކަށް ހަދާފަ އެ އޮތީ. އަދި އެތަނުން ލިބޭ މަންފާ ރަށަށް ލިބޭނެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާފަ އެ އޮތީ. ކޮންމެ މީހަކު ކުރިޔަސް ރަނގަޅު ވާނީ ރަނގަޅަށް. ތިޔަ ތަނަކީ އަހަރެމެންގެ ފަޚުރު އަހަރެމެންގެ ނޭޗަރ ޕާކް.
ރެކިފުތާ
15 September 2018
ތަނުން ލިބޭ އާމްދަނީ ޖަމާކުރެވޭ ޓްރަސްޓްފަންޑުން ގަވާއިދު ބުނާގޮތުން ޚަރަދު ކުރެވޭނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ރައްކައުތެރިކޮށް ބެލެހެއްޓުމަށާއި، މުޖުތަމަޢުގެ އާންމު މަންފާއަށްޓަކައި އައްޑު އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ އިޖުތިމާޢީ އަދި ތިމާވެށްޓާ ގުޅުންހުރި އެކިއެކި ކުދި ފަންތީގެ ހިލޭ އެހީގެ ޕްރޮގުރާމްތައް ހިންގުމަށާއި، ގަވާއިދު ތަންފީޒުކުރުމަށް ކުރާ އިދާރީ މަސައްކަތްތަކަށެވެ.