ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ބޮޑު ބޯޓުން އައި ރަން ޓީމަށް ލޯބި ބަންޑުންކޮށްލައިފި

ގައުމީ ޓީމުގެ ކުޅުންތެރިން ލޮރީގައި ބްރިޖް ހުރަސްކުރާއިރު އާއްމުން އެއްވެފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ ހުޅަނގުކޮޅުން އެ ބިޔަ ބޯޓް ލޮލު ކޮޅަށް ދައްކާލުމާ އެކު ސިނަމާލޭ ބްރިޖް ސަރަހައްދަށް އެއްވެ ތިބި މީހުންގެ ލޮލުން ފާޅުވާން ފެށީ ފަހުރުވެރިކަމެވެ. އެއީ ހުޅުލޭ އެއާޕޯޓުގައި ޖައްސާ އެންމެ ބޮޑު މަތިންދާބޯޓަށް ވާތީ އެކަންޏެއް ނޫނެވެ. އެ ބޯޓުގައި ތިބި ރާއްޖޭގެ ފުޓްބޯޅައިގެ ބަތަލުންނާ މެދު ވެސް މެ އެވެ. ދިވެހި ޕައިލެޓް އަލީ އަހުސަން ދުއްވަމުން ދިޔަ އިއްތިހާދު އެއާވޭޒްގެ އޭ380 "ޑަބަލްޑެކާ" ގައި ރާއްޖެ އައި ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔައި އެ ކާމިޔާބީގެ އުފާފާޅުކުރަން އެތައް ސަތޭކަ ބަޔަކު އެއްވި އެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލުން އިންޑިއާ 2-1 އިން ބަލިކުރި ގައުމީ ޓީމަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް އަބްދުﷲ ޔާމީނެވެ. އެއާޕޯޓުގައި އަލަށް އެޅި ކޯޑް-އެފް ރަންވޭ އިފްތިތާހުކުރުމަށާ ވެސް އެއްކޮށް ބޭއްވި އެ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ވަނީ ޗެމްޕިއަން ޓްރޮފީ ރަމްޒީ ގޮތުން ރައީސަށް އަރުވައިފަ އެވެ.

ރައީސް ޔާމީން (ކ) އާއި ކެޕްޓަން އަކްރަމް މިއަދުގެ ރަސްމިއްޔާތުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ 10 އަހަރު ކުރިން އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭން މި ތަށި ހޯދިއިރު، ޓީމުގެ ކެޕްޓަނަކީ މިހާރުގެ ކެޕްޓަން އަކްރަމްގެ ބޭބެ އައްސަދު އަބްދުލްގަނީ އެވެ.

"ފުޓްބޯޅައިގައި ނަމަ، އަސްއަދު އަދި އަކްރަމް. މުޅި ގައުމުވެއްޖެ ނަމަ، ރައީސް ޔާމީން، ތި ކުދިންނާ އެކީގައި މަސައްކަތް ކޮށްދޭނަން. އަޅުގަނޑުމެންނަށް ނުދެވޭނެ ހިސާބަކީ ނެތް ހިސާބެއް،" ރައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު ގައުމީ ޓީމަށް ފުޓްބޯޅަ އާއިލާ އިން ވަނީ އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަރުހަބާ ކިޔައިފަ އެވެ. އެތަނުން ކުޅުންތެރިންނާ އިސްތިގާބުލުކުރި މީހުންގެ ތެރޭގައި 2008 ވަނަ އަހަރު ތަށި ހޯދިއިރު އެފްއޭއެމް ހިންގި އިންޓަރިމް ކޮމިޓީގެ ރައީސް އަހުމަދު ޝާހިރާއި އޭރުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި އެސިސްޓަންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަދި މެނޭޖަރު މުހައްމަދު ހާނިމް ހިމެނެ އެވެ. މުބާރާތާއި އޭގެ ކުރިން ގަތަރުގައި އޮތް ކޭމްޕަށް، ރަށުން ބޭރުގައި 41 ދުވަސް ހޭދަކުރުމަށް ފަހު މިއަދު އައި ކުޅުންތެރިން ވަނީ ލައުންޖުގައި އާއިލާ މެމްބަރުންނާއި ކްލަބްތަކުގެ އޮފިޝަލުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. ބައެއް ކުޅުންތެރިން ކަރުގައި އޮތް ރަން މެޑަލް ނަގައި އާއިލީ މެމްބަރުންގެ ކަރުގައި އެޅުވި އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން އާއްމުންނާ ސަލާމްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީ ފަހަރު ކުޅުންތެރިން ކޯޓްފަޓްލޫނުގައި ތިބި ނަމަވެސް މި ފަހަރު ތިބީ ގައުމީ ޖާޒީގަ އެވެ. ވީއައިޕީ ލައުންޖުން ނުކުމެ ކުޅުންތެރިން ސިނަމާލޭ ބްރިޖް ހުރަސްކޮށް މާލެ އައީ އެކަމަށް ހާއްސަކޮށްފައިވާ ލޮރީއެއްގަ އެވެ. އެ ވަގުތު ބްރިޖް އޮތީ އާއްމު ދަތުރުފަތުރަށް ބަންދުކޮށް، ޓީމަށް ހާއްސަކޮށްފަ އެވެ. ބްރިޖުގެ އެކި ހިސާބުތަކުގައި ތިބެ މީހުން ޓީމަށް ތަރުހީބު ދެމުންދިޔައިރު، މީހުންތައް އެއްވެފައި އޮތީ މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބަށެވެ.

މެންދުރުފަހުން ފެށިގެން ބްރިޖް ސަރަހައްދަށް އެއްވެ ތިބި މީހުންނާ ހަމަޔަށް ޓީމު ފޯރީ އިރުއޮއްސި އަނިދިރިވީ ފަހުންނެވެ. އެހެންވެ ހަވީރާ ބަލާއިރު، އެއްވެސް ތިބި މީހުން ކޮންމެވެސް ވަރަކަށް މީހުން މަދުވެފައި އޮތް ނަމަވެސް، ފޯރިއަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. މަޑު ދުވެއްގައި، ލޮރީ ދުއްވަމުން ދިޔައިރު ދެ ފަރާތުގައި އެއްވެ ތިބި މީހުންނާ އެކު ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ކުދި ބޮޑު އެންމެން ރަތް ހެދުމުގައި ތިބި ކުޅުންތެރިންނާ އެކު ފޮޓޯ ނަގައި ވަރަށް ބޮޑަށް ފޯރި ނެގި އެވެ. އެ ބުރު ނިންމާލީ ބޮޑުތަކުރުފާނު މަގުން ގޮސް ސްޓެލްކޯ ފުރަގަހަށެވެ. އެހިސާބުން ކުޅުންތެރިންނާއި އޮފިޝަލުން ގެޔަށް ދިޔައީ ހާއްސަކޮށްފައިވާ ކާރުތަކުގަ އެވެ.

ގައުމީ ޓީމަށް މަރުހަބާ ކިޔަން އާއްމުން އެއްވެފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރެޔަށް އުފާފާޅުކުރުންތައް ނިމުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހަރަކާތްތަކެއް އޮންނާނެ އެވެ. އެގޮތުން އެންމެ ހާއްސަ ކަމަކަށް އޮންނާނީ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދިއުމެވެ. މި ފަހަރު ތަށި ހޯދި 20 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން އެއް ރަށަކަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނެ އެވެ.

މިއީ ފުޓްބޯޅަ އާއިލާގެ ފަރާތުން ދެވޭ ހަދިޔާއެއް. ކުޅުންތެރިންނަށް ލިބޭ އުފަލެއް އަދި ހިތްވަރެއް،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވެ އެވެ.

3 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުންއަސަރު

19 September 2018

އެދުވަސް އެވަގުތުކޮޅު ދުވަހަކުވެސް ހަނދާނުން ފިލާނުދާނެ. ރާއްޖޭގެ ގިނަބަޔަކު ރާއްޖޭޓީމަށް ހެޔޮނޭދި ވާނެއެއްޗެއް ވާން ދޫކޮށްލި ފުރަތަމަފަހަރަށް މިފަހަރުވާނެ. ފުރަތަމަ ދެމެޗުގެ ކަންތައް ދިޔަގޮތުން ޓީމަށް ލިބުނު ދެރަޔާ ކުޅުންތެރީންނަށް ލިބުނު މާޔޫސްކަން ކިޔާ އަދަދު ނުކުރެވޭހާ ގިނަ. އެކަމަކު ގައުމީޓީމަކީ އެންމެމީހެއްގެ މައްޗަށ ބަރޯސާވާންވީ ޓީމެއްނޫންކަން މިފަހަރު ކުޅުންތެރީން ސާބިތުކޮށްދީފި. މިފަހަރުގެ ޓީމުގެ ހިތްވަރުގަދަ ކުޅުންތެރީންނަށް ސާބަސް.

The name is already taken The name is available. Register?

ޢަލީމް

19 September 2018

ތިޔަށްކިޔާނީ ސައިޒު އޮޅުވާލުން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

19 September 2018

މިހާރު ވެއްޖެނުން ދެބުރި ބަހެއްގަ މިމީހުން އުފުލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454