ސާފް ސުޒުކީ ކަޕްގެ ރަން މެޑެއްޔަށް ޝާކިއްޓެ ބޮސްދެނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ
19 ސެޕްޓެމްބަރ 2018 - 11:30
ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ޓީމު ތައްޔާރުކުރުމުގެ ޒިންމާ ހެޑްކޯޗު ޕީޓާ ސެގާޓުގެ ބެލުމުގެ ދަށުން އުފުލި ޓީމަށް އެކަމުގެ ކްރެޑިޓް ހައްގުވެ އެވެ. ބިދޭސީ ދެ އެހީތެރިންނާއި އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އަދި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމެވެ. އެކަމަކު މީގެ ތެރެއިން ވެސް ޝާކިއްޓެގެ ނަން ވަކިން ފާހަގަކުރަން ޖެހެ އެވެ. މުހިއްމު ވަގުތުތަކުގައި ޓީމު ބަދަހިކުރުމާއި ރަނގަޅު ނިންމުންތައް ނިންމުމުގައި ދިން އެހީތެރިކަމެވެ.
ޝާކިއްޓެ އަށް ގައުމީ ޓީމުން ޖާގަ ލިބުނީ ކޯޗު ސެގާޓް މިދިޔަ މާޗް މަހު ހަވާލުވި ހިސާބުންނެވެ. އެއީ މީގެ ކުރިން ޒުވާން ގައުމީ ޓީމުތަކާއި ކްލަބް އީގަލްސްގައި ޝާކިއްޓެ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާތީ އެފްއޭއެމްގެ ވެސް ލަފާގެ މަތިންނެވެ. ސާފްގެ ކުރިން ސެގާޓާއި ޝާކިއްޓެގެ ބެލުމުގެ ދަށުން ގައުމީ ޓީމު ދެ މެޗެއް ކުޅުނެވެ. އެއީ ސިންގަޕޫރު އަތުން 3-2 އިން ބަލިވި މެޗާއި ބޫޓާން އަތުން 7-0 އިން މޮޅުވި މެޗެވެ.
އޭގެ ހަތަރު މަސް ފަހުން ސާފަށް ގައުމީ ޓީމު އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ އޭނާގެ ކޯޗިން ޓީމަށް އަފްގާނިސްތާނުގައި އޭނައާ އެކު މަސައްކަތްކުރި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ޓްރެއިނަރު މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރް ގެނަ އެވެ. އެ ދެ މީހުން ގެނައި ކަމަށް ވިޔަސް ސެގާޓް ބޭނުންވީ އޭނާގެ އެހީތެރިޔެއްގެ ގޮތުގައި ޝާކިއްޓެ ބަހައްޓާށެވެ.
"އަހަންނަށް ޝާކީ ވަރަށް މުހިއްމު. މި ކުޅުންތެރިންނާ އޭނާ ވަރަށް ގާތް." ސެގާޓް ބުންޏެވެ.
ސާފަށް ތައްޔާރުވާން 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު ގައުމީ ޓީމުން މަހެއްހާ ދުވަސް ވަންދެން ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމަށް ފަހު ބަންގްލަދޭޝް އަށް ޓީމު ދިޔައިރު ކުޅުނީ އެކުވެރިކަމުގެ އެންމެ މެޗެކެވެ. އެއީ އެ ގައުމުގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ 4-3 އިން މޮޅުވި އެވެ.
ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ރާއްޕެ (ކ)، ގެލާ (ކ.2)، ޝާކިއްޓެ (ކ.3) ސެގާޓް (މ)، ކްރުނިޗް (ވ.2) އަދި އަސްލަމް (ވ.1). -- ފޮޓޯ: އިމޭޖަސް.އެމްވީ
ސާފްގެ ފުރަތަމަ ދެ މެޗުގައި ގައުމީ ޓީމު ވަނީ ސްރީ ލަންކާއާ އެއްވަރުވެ އިންޑިއާ އަތުން 2-0 އިން ބަލިވެފަ އެވެ. ރާއްޖެ އަށް ސެމީގެ ފުރުސަތު ލިބުނީ ގުރުއަތުލައިގެންނެވެ. އޭގެ ސަބަބުން ޓީމަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި ސެމީ ފައިނަލުގެ ކުރިން މީޑިއާގައި ޓީމުގެ ޒިންމާއާ ޝާކިއްޓެ ހަވާލުވާން ޖެހޭ ކަމަށް ވެސް ވާހަކަ ދެކެވުނެވެ.
"އަހަރެމެންގެ އޮތީ ވަރަށް ބަދަހި ގުޅުމެއް. ގެލާ އާއި ކްރުނިޗް އަދި ޝާކީ (ޝާކިއްޓެ) އަހަންނަށް ވަރަށް އެހީވެދޭ. އަހަރެން ވަރަށް ހިތާމަކުރަން މީޑިއާގައި ޝާކިއްޓެއާ ޓީމު ހަވާލުކުރަން ގޮވާލާފައި އޮތީމަ. އެކަމަކު އެފަދަ މަގާމަށް އަދި ޝާކީ ރެޑީ އެއް ނޫން. އޭނާ އަކީ ވަރަށް ރަނގަޅު އެހީތެރިއެއް،" ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ނޭޕާލްގެ މައްޗަށް ސެމީ ފައިނަލުގައި ރާއްޖޭން 3-0 އިން ކުރިހޯދިއިރު، ރާއްޖެ ނުކުތީ ބަދަލުތަކާ އެކު އެވެ. އެ މެޗުގައި ރާއްޖެ 1-0 އިން މޮޅުވެފައި އޮއްވައި ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަސަދުﷲ އަބްދުﷲ އަރުވަން ނިންމުމުގައި ކޯޗާ ތަކުރާރުކޮށް ޝާކިއްޓެ ވާހަކަ ދެއްކި މަންޒަރު ފެނުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އަސަދުﷲގެ އެހީތެރިކަމާ އެކު ރާއްޖޭގެ ފަހު ދެ ލަނޑު ޖެހީ އިބްރާހިމް ވަހީދު (އިއްބެ) އެވެ.
"މިއަދު އަހަރެމެން ވަރަށް ވިސްނައިގެން ކުޅުނީ. ބަދަލުތަކެއް ގެނައީ ޓީމު އަވަސްކުރަން. މިއީ އަހަރެމެންގެ ކޯޗުން ވަރަށް މަޝްވަރާކޮށްގެން ގެނައި ބަދަލުތަކެއް. މި ޓީމު ކުރިއަށްގެންދަން އަހަރެމެން ވަރަށް މަސައްކަތް ކުރިން. ބަދަލު ފެނިއްޖެ،" ނޭޕާލް އަތުން މޮޅުވި މެޗަށް ފަހު ސެގާޓް ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.
ގައުމީ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ އެކު ޝާކިއްޓެ (މ). -- ފޮޓޯ: އިމޭޖަސް،އެމްވީ
ފައިނަލުގައި ރާއްޖޭން ނުކުތީ ސެމީގެ ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ. އެކަމަކު އެ މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ކެޕްޓަަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް އަނިޔާވުމުން ބަދަލު ކުރަން ޖެހުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރީ އީގަލްސްގައި ޝާކިއްޓެއާ އެކު މަސައްކަތްކުރި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެވެ. އޭނާ ކުޅެން އެރިއިރު އެންމެ ބޮޑަށް އިރުޝާދުދިނީ ޝާކިއްޓެ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ފަހަރުގައި ހެލްމެޓް ވެސް އެ މެޗުގައި ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ.
"އަހަރެމެން އިންޑިއާ ބަލިކުރާނެ ގޮތްގޮތާ މެދު ވަރަށް ގިނަ ވަގުތު މަޝްވަރާކުރިން. ގާތްގަނޑަކަށް 20 ގަޑިއިރު އަހަންނާއި ގެލާ އަދި ކްރުނިޗް ވިސްނިން އިންޑިއާގެ ބަލިފައިތަކާ މެދު. ދެން ޝާކީ އުޅުނީ ކުޅުންތެރިންގެ ކަންތައްތަކުގައި އޭނަ ވަރަށް މަސައްކަތްކުރި ކުޅުންތެރިންގެ ހުރިހާ ކަމެއްގައި ވެސް. އެއީ ކާމިޔާބީގެ އެއް ބައި،" ފައިނަލް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.
މީގެ 10 އަހަރު ކުރިން ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ސާފް ތަށި އުފުލާލިއިރު އޭރު އެސިސްޓަންޓަކަށް ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މި ފަހަރު ތަށި އުފުލާލިއިރު ޒުވާން ކުޅުންތެރިން ދެއްކި ހިތްވަރުގެ ފަހަތުގައި ހުރީ ހިތްވަރުގަދަ ޒުވާން ކޯޗު ޝާކިއްޓެ އެވެ. ކުޅުންތެރިން އޭނާގެ މަސައްކަތް ފުރިހަމަ އަށް ބަަލައިގަނެ އެވެ. ކޯޗު ސެގާޓް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ކަންތައް ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިއަންސް
20 September 2018
ދެން އޮންނަ ސާފު ކަޕު ހޯދަން ވާނީ ދިވެހި ކޯޗަކު ބަހައްޓައިގެން.
ވާތޭ
25 September 2018
އަހަރެމެނގެ ކުޅުންތެރިން ފޮނިވެސް ބޮޑީ. ކޯޗަށްވުރެ ކުޅުންތެރިން މޮޅުވަނީ. ހާއްސަކޮށް ދިވެހި ކޯޗަކު ހުރިއްޔާ ބުނާގޮތެއް ހެދުން މާ ދަށްކަމަކަށްވަނީ
މޮހޮރޭ
20 September 2018
ޕީޓާ ބޭރުކުރޭ
ތާށި ލިބުން
20 September 2018
ތަށި ލިބުނީތަ! ނޫނީ ހޯދީތަ!
ރަދީފް
19 September 2018
ސާބަހޭ އަހުމަދު ޝާކިރު ، މަރުހަބާ އަހުމަދު ޝާކިރު.ރާއްޖޭގަ ހުރި އެންމެ މޮޅުކަމަށް ދައުވާކުރާ ކޯޗް އަލީ ސުޒޭނުގެ އެއްވެސް ހިއްސާއެއް މިފަދަ ކާމިޔާބީއެއްގަ ވޭ ބާ؟؟ ނެތޭ އިނގޭތޯ.ދެން އަދިވެސް ފޮނިކަނޑަންވާނެ. ޔަންގް ޝާކިރުމެން ވެސް މާ މޮޅު.ގުޑް ލަކް ޝާކިރު.ވ.ވެދުން
ފުންއަސަރު
19 September 2018
އަސްލަކީ ތީ. އަގުބޮޑު ކޯޗެއްހުރެ ކޯންޗެއް ހެދުނީ. ބޮޑުކޯޗުގެ ނިންމުމަށް ނެރުނު ދެފަހަރުވެސް ދިޔައީ ޗޮކުން. އެކަމަކު ބޮޑުކޯޗުގެ ވާހަކައާ ދެކޮޅަށް ފަހު ދެމެޗުގާ ކުޑަކޯޗު ނެރުނު ޓީމު މި ކާމިޔާބު ހޯދީ. އަސްލަކީ އަދި ކަންވީ ގޮތަކީ އެއީ. އަހަރެންގެ ހިތް މީގެ ކުރިންވެސް ބުނަމުންއައީ އެހެން. މިހާރު އެކަން ޔަގީންވެ ނިމުނީ. ވަރަށް ސަލާމް ބޮޑުކޯޗަށް. ޝުކުރިއްޔާ ކުޑަކޯޗު. އަހަރެންގެ ހިތް އުފަލުން ފުރުވާލަދިން ކުޑަކޯޗަށް އަދިވެސް ވަރަށް ވެދުން. އަދިވެސް.
ޡިދާން
19 September 2018
ކޯޗު ނެގީ ޓީމް. ޢެއީ ސެގާޓް. ކުޑަ ކޯޗު ފެންފުޅި ހިފައިގެން ދެކޮޅަ ދުވީ. ދެން ހަޖަމް.