ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ބޯލްޓް.
09 އޯގަސްޓް 2016 - 11:23
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 9) - މިއީ ކެރިއަރުގެ އެންމެ ފަހު އޮލިމްޕިކްސް ކަމަށް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް ބުނެފި އެވެ.
"ޔަގީނުން ވެސް މިއީ އަހަރެންގެ ފަހު އޮލިމްޕިކްސް. އަހަރެން ވަރަށް ގިނަ ކަންތައް ހާސިލްކޮށްފިން އަދި އަހަރެން ބޭނުންވާ ހިސާބަށް ދެވިއްޖެ،" ބޯލްޓް ބުންޏެވެ.
ބޯލްޓް ބުނީ އޭނާގެ ނިންމުމާ މެދު ވަރަށް ބަޔަކު ހިތްހަމަނުޖެހި ދެރަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ އިޝާރާތްކުރީ ސަޕޯޓަރުންނާއި ސްޕޮންސަރުންނަށެވެ.
ބޯލްޓް ވަނީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސް އާއި 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް ހާސިލްކުރި ޖެމެއިކާ ޓީމުގައި ހިމަނައިފަ އެވެ. މީގެ އިތުރުން އެ ތިން އިވެންޓުން އޭނާ ވަނީ 2009، 2013 އަދި 2015 ގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ރަން މެޑަލް ހޯދައިފަ އެވެ.
ބޯލްޓް ބުނީ 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް ދަމަހައްޓަން ވަރަށް ބޮޑަށް ބޭނުންކަމަށާއި އޭނާ އެންމެ ހާސްވަނީ ވެސް އެ އިވެންޓާ މެދު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy