ޖަމީލް މިއަދު ރާއްޖެ ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގެން ތިއްބެވި ޖޭޕީގެ އިސް ބޭފުޅުން. (ކ-ވ) އަލީ ވަހީދާއި ގާސިމާއި ޖަމީލާއި ރިޔާޒާއި އަމީން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އޮކްޓޯބަރ 2018 - 19:12
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް ކަމަށާއި ވެރިކަން ކުރާ ޕީޕީއެމުން އިންތިޚާބު ބާތިލްކުރަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް ޕީޕީއެމުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ. އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރުން މަޑުޖައްސާލަން ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލުކުރާ ގޮތުގައި، އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ފަހު، ދެ ފުށް ފެންނަ އިންތިޚާބަކަށް ދާން ޖެހެ އެވެ. ޕީޕީއެމްގެ މެމްބަރުންގެ ވާހަކަތަކުން ދޭހަވަނީ އެ އިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ދާން އުޅޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.
ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން، "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވީ އިންތިޚާބު ބާތިލްކުރަން ކޯޓަށް ދާން އުޅޭ ކަމަށް ބުނެ، އަޑު އެރުވުމަކުން ވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
"އިންތިޚާބުގެ ނަތީޖާ ބަދަލެއް ނުވާނެ. އެއީ ރާއްޖެއަށް އައި ހުރިހާ އޮބްޒާވަރުން އެއްބަސްވެވަޑައިގެންނެވި މިއަށްވުރެ ރީތި އަމާން ސުލްހަވެރިކަމާއެކު ދިޔަ އިންތިޚާބެއް ނެތްކަން. ދިވެހި ރައްޔިތުން ވަނީ ބަލައިގެންފައި،" އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު އިސްކޮށް ހުންނަވައިގެން ކޯޓަށް މައްސަލަ ހުށަހަޅަން އުޅުމަކީ ވަރަށް ލަދުވެތި ކަމެކެވެ. އާންމު ގޮތެއްގައި ދުނިޔޭގެ ގައުމުތަކުގައި އިންތިޚާބު ބާތިލްކުރަން ހުށަހަޅަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގެންނެވީ 38،653 ވޯޓުގެ ތަފާތުންނެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 29،000 އަށް ވުރެ ގިނަ މީހުން ވޯޓު ނުލާ ތިބި އިރު، އެމީހުންގެ ވޯޓު ރައީސް ޔާމީނަށް ދިން ކަމުގައިވިޔަސް، އިބޫ އަށް ވުރެ ކުރި ނުހޯއްދެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަދިވެސް 10،000 ވޯޓުގެ ތަފާތު އެބައޮތް. އެހެންވެ، މިހެން އޮތް ކަމެއްގައި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުވެރިން ރިޔާސީ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާއިރު، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިކޮޅަށް ވޯޓު ދިނީ ހަގީގަތް ގަބޫލުކޮށްގެން. ދެން ކޮންތާކުންތޯ ނަތީޖާ ބަދަލު ކުރަނީ؟" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް އޮތް އެންމެ ރީތި ގޮތަކީ ސުލްހަވެރިކަމާއި އަމާނާތްތެރިކަމާއެކު، ވެރިކަމުގެ ބާރުތައް އިބޫއާ ހަވާލު ކުރެއްވުމެވެ. އަދި އެކަން ނުކުރައްވައި، އިތުރު ގޮތްތަކެއް ހައްދަވަން އުޅުއްވިޔަސް، އެއީ ވާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު ގެންނަން އުޅުމަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްފިނަމަ، ރައްޔިތުން ބަނޑަށް ޖެހި، އެކި ގައުމުތަކުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫން. އެއީ ސިފައިންގެ މުއައްސަސާ ކަމަށްވިޔަސް، ފުލުހުންގެ މުއައްސަސާ ކަމަށްވިޔަސް، ޖުޑިޝަރީ ވިޔަސް. އެހެންވީމަ އެ ހިސާބަށް ދާން ކާކުތޯ ދޫކޮށްލަނީ؟ އެކަކު ވެސް ނުކުރާނެ،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ތިބޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި އަންނަ މަހުގެ 11 ވަނަ ދުވަހަކީ އިންތިޚާބީ ރައީސް އިބޫ ހުވާ ކުރައްވާނެ ދުވަސް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަދި މިދިޔަ ފެބްރުއަރީ މަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ޖަމީލް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައީ ގާނޫނީ އިމުގެ ތެރެއިންނެވެ.
ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ އާދަޔާ ހިލާފު ބޮޑު އަޣުލަބިއްޔަތަކުން ކަމަށާއި ދުނިޔޭގައި އިންތިޚާބު ބާތިލްކުރާ ވާހަކަ ދައްކަނީ އިދިކޮޅުގައި ތިބޭ މީހުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ސަރުކާރެއްގައި ތިބެގެން އަމިއްލަ އަށް އިންތިޚާބު ބާއްވައި އެބައެއްގެ އެކްޓިވިސްޓުންނާއެކީގައި އެބައެއްގެ ފުރިހަމަ ބާރުގެ ދަށުގައި ބާއްވައިގެން އަލަށް އެ ވާހަކަ އަޅުގަނޑު އަޑު މި އެހީ. އަޅުގަނޑަށް ހިއެއް ނުވޭ އެއީ މާ ހަމަޖެހޭ ވާހަކައެއް ހެން،" ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ޕީޕީއެމުން ދައްކަމުން އަންނަ ވާހަކައަށް ރައްދު ދެއްވައި ޖަމީލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯނު
24 October 2018
ހަތެއް ފެބުރުވަރީގެ 'އަލްޙަމްދުލިއްލާހި' ގުރޫޕު ދޯ؟
ކެމެލް
07 October 2018
ތިޔަ ފޮޓޯގައި ތިޔަތިބީ ސިޔާސީގޮތުން މީހުންގެ ލޯތްބެއް ލިބޭނެ ބައެއްކަމަށް ނުފެނޭ!
މަދިރިމާލެ
07 October 2018
ނަހަދާތި ކުޅެންވޯޓާ - އަރާނޭ އުތުރި ރައްޔިތުން
ވިސްނަންވެއްޖެ.
07 October 2018
ނަމަނަމަ ވަކިމީހަކު ބުނާގޮތައް ވެރިކަން ކުރުއްވަން ނޫޅުއްވާތި އެހެންވެއްޖެ ނަމަ އިންސާފުގެ ދަތުރު ނިމޭނެ. ތިގުރޫޕުގާ ގިނައީ ބާޢީންގެ ލަގަބު ލިބިފައިވާ ބޭފުޅުން. ވަރަށް ވިސްނަވާތީ.
އަޙްމަދް
07 October 2018
ޢޭ ރައްޔިތު މީހާއޭ! ދައްނާށޭ މިޒަމާނުގައި ސިޔާސީ މީޙުންނަކީ މީ އެވެ. އެބައި މީހުން ވާހަކަ ދައްކާއިރު ތެދެއް ނުހަދާނެތެވެ. އެބައި މީހުން އަމާނާތްތަކަށް އަމާނާތްތެރިއެއް ނުވާނެތެވެ.. އެބައި މީހުން ޒުވާބުކޮއްފިނަމަ ދުލަށް އާހައި ހަޑިއެއްޗެއް ގޮވާނެތެވެ. ދުނިޔެ އާއި ޢާޙިރަތް ތިބާ ބޭނުންނަމަ މިބައިމީހުންގެ އަވާގައި ނުޖެހޭށެވެ.
އަޗްޗަ
07 October 2018
އެމްޑީޕީ އިން ބުނާގޮތުންނަމަ ބާޣީން
ޛިކުރާދި
07 October 2018
މި ފޮޓޯއިން ފެންނަނީ ޣާޒީންތަ؟ ބާޣީންތަ؟
ލޮލް
06 October 2018
މީނަދޯ މިހެންކިޔަން އެންމެ އައުލާކަންބޮޑީ! 2013 މިހާރު ހަދާން ހުންނާނެކަމެއްވެސް ނޭގެ!
ހުވާ
06 October 2018
މިދެން ކަންތަކާ ޖެހުނީ.. ދެން މި ހުރިހާ ސިޔާސީ މީހުން އެކަކަށްވުރެ މޮޅު ވާހަކައެއް އަނެކަކު ބުނަންއުޅޭނެ. ކޮންމެ ދުވަހަކު މާރިޔާ އެބަ ކިޔާދެޔޭ ވާކަންތައްތައް. ޢިތުރު ބައެއް ކޯލީޝަންއޭ ކިޔައިގެން ވާހަކަ ދައްކާނެކަމެއް ނެއް. އިބޫއަށް ވެރިކަން ކުރަން ދީ.
ދޮންނޭ
06 October 2018
އެހެނެއް ނެހެދޭނެ. އަހަރުމެންގެ މަސައްކަތުން ވެރިކަން ލިބުނީ. ދެން މިހާރު އަމިއްލަ ކޮށްގަންނަން ކަމަށްތަ ތިއުޅެނީ. ހަމަ ހިލަ އެހެންނަކުން ނެހެދޭނެ. އަހަރުމެންގެ ބަސް ނުވިކޭނަމަ ހަމަ އަނެއްކާވެސް ވައްޓާލާނީ.
ބްލާބޮލާ
06 October 2018
މިފޮޓޯ ބަދަލުވާނެ އެކަމަކު ޤާސިމު ހުންނާނެ ހުރިހާ ކޯލިޝަނެއްގައި އަންޓިލް ވެރިކަމަށް އެރެން ދެން ވިޗް އިޒް ނެވާ ގޮއިން ޓު ހެޕަން