ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ވިކްޓަރީގެ ވަރުގަދަ އެނބުރި އައުމުން ނިއު މާޔޫސްކޮށްލައިފި

ނިއުގެ ހަމްޕު (ވ) އަތުން ބޯޅަ ހޯދަން ވިކްޓަރީގެ ޝިހުބާން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗަށް ހާޒިރުނުވެ އަދި މާލީ މައްސަލަތަކެއް ވެސް ދިމާވެފައި އޮތް ވިކްޓަރީން "އެނބުރި އައިސް" ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވުމާ އެކު، ނިއު އަށް ތާވަލުގައި ތަފާތު ކުޑަކުރަން ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އެއް ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް ރޭ ގްރީންސްޓްރީޓްސް އަތުން 2-1 އިން ބަލިވުމުން، ނިއު އަށް މިއަދު މޮޅުވެ ޓީސީއާ ދެ ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު އޮތެވެ. ނިއު މި ވަގުތު ދެ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް އީގަލްސް އަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ވިކްޓަރީ އޮތީ ހަ ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު ނަޒީހު އަލުން ވިކްޓަރީއާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި ޕޮއިންޓެއް ހޯދިއިރު އެ ޓީމު ދެ މަސް ދުވަހަށް ފަހު ރަސްމީކޮށް ޕްރެކްޓިސް ފެށީ ވެސް އިއްޔެ އެވެ. އެ ކްލަބުގެ ޗެއާމަން މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން އަލީ އާރިފް ވަނީ އިސްތިއުފާ ދީފަ އެވެ. މުސާރައިގެ މައްސަލަ އުޅުނަސް ކުޅުންތެރިން ތިބީ އެންމެ ފަހުން ކުޅެން އޮތް މެޗަށް ވެސް ހާޒިރުވާ ގޮތަށެވެ. އެކަމަކު ބައެއް ބޯޑް މެމްބަރުންގެ އެދުމުގެ މަތިން ހާޒިރުނުވީ އެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނީ އެ ޓީމުގެ ވެސް ބައެއް ސީނިއާ ކުޅުންތެރިން ޕްރެކްޓިހަށް ނާންނާތީ އެންމެ އެދެވޭ ގޮތެއްގައި ޕްރެކްޓިސް ނުކުރެވޭ ކަމަށެވެ. އެކަމަކު ކިތަންމެ އާދައިގެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް އެވަރަށް މަސައްކަތް ނުކުރެވެންޏާ އޭގެ ފައިދާ ނުނެގޭނެ ކަމަށް ސޮބާ ބުންޏެވެ.

"ވަރަށް ރަނގަޅު ފުރުސަތެއް މި ގެއްލުނީ. ނިއުގެ ބައެއް ކުޅުންތެރިން ސީދާ މެޗަށް އައީ (ޕްރެކްޓިސް ނުކޮށް). މެޗުގައި ވެސް އަޅުގަނޑުމެންނަށް ސަތޭކަ ޕަސެންޓް އެފަޓެއް ނުލެވޭ. މަސައްކަތް ނުކުރެވެންޏާ ނަމުން ކިތަންމެ ބޮޑަށް، އަދި އިދިކޮޅަށް ދެ ވަނަ ޑިވިޝަނުގެ ޓީމެއް ނުކުމެ އޮތަސް ކާމިޔާބެއް ނުހޯދޭނެ،" ސޮބާ ބުންޏެވެ.

މުސާރައިގެ މައްސަލައަށް އިޝާރާތްކޮށް ސޮބާ ބުނީ އެފަދަ ކަންތައްތަކެއް އުޅުނަސް ކުޅުންތެރިން އަމިއްލަ ކެރިއަރަށް ވިސްނާފައި ވިޔަސް ރަނގަޅަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެކަމަކު އޭނާ ބުނީ ލީގުގައި އަދިވެސް ގިނަ މެޗުތަކެއް އޮތުމާ އެކު، ކަންކަން ރަނގަޅުވެ ނިއު އަށް ކާމިޔާބު ހޯދައިދެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ މިއަދު މާޔޫސްވާން ޖެހެނީ ވިކްޓަރީ ކަމަށާއި ސަބަބަކީ ގެއްލުނީ އެ ޓީމުގެ އަތުގައި އޮތް ތިން ޕޮއިންޓް ކަމަށެވެ. އޭނާ ބުނީ ބޭރުން ބަލާ މީހަކަށް ފެންނަ ފެނުމާ ހިލާފާށް ވިކްޓަރީގެ ހާލަތު އެހާ ގޯސް ނޫން ކަމަށެވެ. އަދި މުސާރައިގެ މައްސަލަ އުޅުނަސް ކުޅުންތެރިން ތިބީ ޓީމަށްޓަކައި މަސައްކަތްކުރާ ގޮތަށް ކަމަށާއި އެކަން ފާހަގަކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ވެސް ވިކްޓަރީން ބުނެފިއްޔާ، ހުހަށް ހުންނަ ދުވަސްކޮޅު ހިލޭ ސާބަހަށް ކޮށްދޭނަން ކޮންމެ ކަމެއް ވެސް،" ނަޒީހު ބުންޏެވެ.

ނިއުގެ ސެންޓޭ (ކ) އަށް ހުރަސް އަޅަން ވިކްޓަރީގެ ޝާފީ އާއި ޖެރާޑް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލްގަނީ އާއި ބިދޭސީ ފޯވާޑް އަތުހިއޭ ކިޕްސަން ނުހިމެނެ އެވެ. އެކަމަކު ސެންޓޭ އާއި އަކްރަމް ފަހު ހާފުގައި އެރި އެވެ.

ފުރަތަމަ ހާފުގައި ނިއު އިން ހަމްޒާ މުހައްމަދު (ހަމްޕު) އާއި އުމެއިރު ވަނީ ނުރައްކާކޮށްފަ އެވެ. އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބާރު ބޯޅަ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރިއިރު އުމެއިރު ފޮނުވާލި ހިލޭ ޖެހުން ވެސް އޭނާ ދިފާއުކުރި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ދަނޑި އަށް އަމާޒުވި އެވެ. ވިކްޓަރީން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުން ދިޔައިރު އެ ޓީމުން މި ހާފުގައި ކައުންޓާގައި ނުރައްކާކުރި އެވެ. އޭގެ ތެރެއިން ފުރުސަތެއްގައި 59 ވަނަ މިނެޓުގައި ގޯލް ޖެހީ ހުސެއިން ނިހާން (ނިހާޓު) އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ނިއުގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުމުން އޭނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ނިއު އަށް އެއްވަރުކޮށްދިނީ 75 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ސެންޓޭ އެވެ. އޭގެ ފަހުން ނިއު އިން ކުޅުން ރަނގަޅުކޮށް އިތުރު އެޓޭކްތަކެއް އުފެއްދި އެވެ. އެކަމަކު އަރިމަތިން އޭރިއާ ތެރެއަށް ލަމުން ދިޔަ ހުރަސްތައް އިމްރާން ވަނީ ސަލާމަތްކޮށްފަ އެވެ.

ޖުމްލަކޮށް މުޅި މެޗުގައި ނިއު ހުއްޓުމުގައި ވިކްޓަރީން އެންމެ މުހިއްމު ދައުރެއް އަދާކުރީ އިމްރާނެވެ. އެކަމަކު މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ވިކްޓަރީގެ ނިހާޓަށެވެ. ވިކްޓަރީގެ ބައެއް އޮފިޝަލުން ވަނީ އިމްރާނަށް އެ މަގާމް ނުލިބުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީ ޒައީމް އަލީގެ ނިންމުންތަކާ ދެކޮޅަށް މެޗުގައި އަދި މެޗަށް ފަހު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފުރަތަމަ ހާފާއި ދެ ވަނަ ހާފުގައި ނިއު އިން ދެ ޕެނަލްޓީއަށް ވެސް އެޕީލްކުރި އެވެ. ފުރަތަމަ ހާފުގައި ވިކްޓަރީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުއިރު ދެ ވަނަ ހާފުގައި އެޕީލްކުރީ ސެންޓޭ އަށް އޭރިއާ ތެރެއިން ފައުލްކަމަށް ބުނެ އެވެ. އަނެއްކޮޅުން ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ ނިއު އިން ގޯލް ޖެހި ހިލޭ ޖެހުން އެއީ ދޭން ޖެހޭ އެއްޗެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

8 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 22%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަރީރް

09 October 2018

ސޮބާ ލައިގެން މިކަމެއް ނުވާނެ. ޕްރެކްޓިސް ތައް އޭހާ ފީކަޅާ.

The name is already taken The name is available. Register?

ފުންއަސަރު

09 October 2018

ތިމާގެ ފެނަވަރުގަ ނުކުޅެންޏާ މެޗަށް ނޭރީމަ ނިމުނީ. އެކަމަކު މެޗަށް އަރާފަ ތިމާގެ ފެންވަރުގަ ނުކުޅުނީމަ، މާޔޫސްވެ ދެރަވެ ލަދުގަންނަންޖެހެނީ ހަމައެކަނި ތިމާގެޓީމަކުންނޫން. ތިމާގެ ފެންވަރުހުރެ ތިމާގެ ޓީމަށް 100 ޕަސެންޓް ނުދެވުނީމަ އޭގެ ގެއްލުން އެނގިގެންނާ ނޭނގިވެސް ތިމާއަށް ލިބެމުންދާނެ. ކިރިޔަކިރިޔާ ފެނުންމައްޗަށް ހިއްލާލާވަރުގެ މީހުނާ ޖެހުމުންވެސް، ފެންވަރުގާ ނުކުޅުމަކީ ތިމާމެން އެކަމާ ދެރަވެ ހިތާމަކުރަންޖެހޭވަރުގެ ކަންކަން. ކުޅުމާ މުސާރަ ތަފާތު

The name is already taken The name is available. Register?

ފުންއަސަރު

09 October 2018

ވަރަށް ދެރަވެއްޖެ ނިއުރޭޑިއަންޓު ވިކްޓްރީގެ އަތްދަށުވުމުން. އަދި ދަށްވާން ނުވާވަރުގެ ބައެއްގެ އަތްދަށުވީމަ ދެން ވަރަށް ކަޑަވެފާ މިހުރީ. އަހަރެންވެސް ގަބޫލުކުރަން ޓީމަކަށް ބޮޑުއަގުގާ ކުޅުންތެރިން ގެންގޮސްފިއްޔާ އެކުޅުންތެރިންނަށްވެސް ބަރާބަރަށް މުސާރަދޭންޖެހޭނެކަން. އެކަމަކު މުސާރަނުދިނޭކިޔާފާ އެކުޅުންތެރީންގެ ފެންވަރުގާ ނުކުޅުނީމަ އެދެން ވަރަށް ދެރަވަރު. އަހަރެން ދެކޭގޮތުގާ މެޗަށް އަރައިފިއްޔާ 100 ޕަސެންޓް ދޭންޖެހޭނެ. އެކަމު އެހެނެއްނޫންވީކީ.

The name is already taken The name is available. Register?

ހަސަންމަނިކުފާނު

09 October 2018

ވިކްޓަރީ އަދި އެނބުރި އަންނާނަން! ވަގުތު ނަގާނެ! ވަރަށް ބޮޑަށް ޝުކުރިއްޔާ ނަޒީހް! އެކްޓިވް ބޯޑް މެބަރުން އަދި ޓީމާއި އެކު އެއްކޮށް ތިއްބެވި ޓީމްދެކެ ލޯބިވާ ހުރިހާ ސަޕޯޓަރުން!

The name is already taken The name is available. Register?

ޕުތަރަދީފް

09 October 2018

ނިއުރޭޑިއަންޓް ލަނޑުޖެހި ފްރީކިކް އެއީ ދޭންޖެހޭ ފްރީކިކެއް ނޫން ކަމަށް ނަޒީހު ބުނި އިރު ނަޒީހު ޓަޗް ލައިންގަ ހުރެ މެޗްބެލިކަމާމެދު ސުވާލުއުފެދޭ، މާޔޫސްވާން ޖެހެނީ ވިކްޓަރީ ކަމަށާއި ގެއްލުނީ އެ ޓީމުގެ އަތުގައި އޮތް ތިން ޕޮއިންޓް ކަމަށް ބުނިއިރު 3ޕޮއިންޓް ހައްޤުވާ ފެންވަރުގެ ކުޅުމެއް ވިކްޓަރީއަކުން ނުކުޅޭ. އަދި ނިއު ލަނޑުޖެހި ފްރީކިކް އެއީއްނޫން ނޫންކަމަށް ބުނިއިރު ނިއު އަށް ލިބެންޖެހޭ ދެޕެނަލްޓީ ނުދިން ވާހަކަ އަހަރުމެން ދައްކާކަށް ނެތިން

The name is already taken The name is available. Register?

މުރޭ

08 October 2018

ޒިޔާދޫ އިސްތިއުފާދީ ދެން. ސޯލްޓަށްވެސް އެބޮތް ދަރާފަ. ހުރިހާ ކުޅުންތެރިންނަށް ދަރާފަ. އޭއެފްސީ ފީފާއަށް ދަރާފަ. ނުވިތާކަށް މާލޭގެ ހުރިހާ ހޮޓާ ރެސްޓޯރަންޓްތަކަށް ދަރާފަ. ޓެޑް ލައިގެނެއް ނުވާނެ. ޒިޔާދަކަށް ނުވި، ބަލަކު އެހެރީ މާލެ އައިސް ހަވާލުވާން ރެޑީގަ

The name is already taken The name is available. Register?

ލާމު

08 October 2018

ސޮބާހުރެގެން ގްރީން ސްޓްރީޓަށް ވިގޮތް މިފަހަރު ނިއުއަށްވެސް ވާނެ.

The name is already taken The name is available. Register?

ސަފޯޓަރ

08 October 2018

ވިކުޓްރީ އަތްދަށުވުމަކީ ވަރަށް ބޮނޑް މާޔޫސްކަމެއް. ނިއު ގެ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަނުދެވުމަކީ ނިއު މިހާރު ނެރޭ ދަށްނަތީޖާތަކުގެ އަސްލަކީ. އަޅުގަނޑް ދަންނަވާނީ ނިއުގެމެނޭޖްމަންޓުން ފަހަށް ވިސްނާނުލާ ހަރަދުކުރުމުގެ ނަތީޖާއޭ މިއަދު މުސާރަ ނުދެވި މިހާލަތަށްވެއްޓްމަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454