ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ތިމަރަފުށި އަތުން ވިކްޓަރީ އަށް ހަނި މޮޅެއް

ތިމަރަފުށީގެ އަބްދުﷲ އިލްހާމް (ކ) ކައިރިން ވިކްޓަރީގެ ވިސާމް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ތ. ތިމަރަފުށި އަތުން 1-0 އިން ވިކްޓަރީން ހަނި މޮޅެއް ހޯދައިފި އެވެ.

މި މެޗަށް ނުކުތްއިރު ތިމަރަފުއްޓަށް ވަނީ ގަދަ އަށެއްގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ނެތުމުން ރެލިގޭޓްވެފަ އެވެ. އަނެއްކޮޅުން ވިކްޓަރީ އަށް ވަނީ ދެ ވަަނަ ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. މި މޮޅާ އެކު ވިކްޓަރީން ފުރަތަމަ ބުރު ނިންމާލީ ނުވަ މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. އެ ޓީމު ލީގުގެ ހަ ވަނައިގައި މި ވަގުތު އޮތް ނަމަވެސް މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ވިކްޓަރީ އަށް ހަ ވަނަަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ވިކްޓަރީ މި މެޗަށް ނުކުތްއިރު އެ ޓީމުގެ ތަޖިކިސްތާންގެ ޑިފެންޑަރު ޗަޖަލޯފް ފިރްދައުސް އާއި ހަންގޭރީގެ ފޯވާޑް ސައިމަން ޓީބޯ ޓީމުގައި ނުހިމެނެ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ތިމަރަފުށީގެ ސަމާހު ޝަރީފް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން ވިކްޓަރީގެ އަހުމަދު ނާޝިދު (ނައްޓޭ) އޭރިއާ ތެރެއަށް ހުސްކޮށްވަދެ ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން އޭރިއާތެރެއިން ގޯލު ރޮނގު މައްޗަށް ވިކްޓަރީގެ ޝާފިއު އަހުމަދު (ޝާފީ) ހުރަސްކޮށްލި ބޯޅައެއް އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ތިމަރަފުށީގެ އިސްމާއިލް ސިއާދު ވަނީ ބޭރުކޮށްލައިފަ އެވެ.

މެޗުގެ ފުރަތަމަ 15 މިނިޓަށް ފަހު ތިމަރަފުށިން ވިކްޓަރީ ހާފް ތެރޭގައި ކުޅެގެން އެޓޭކް އުފައްދަން މަސައްކަތްކުރި ނަމަވެސް ފަހު ވަގުތު ހެދޭ ގޯހަކުން ވިކްޓަރީ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ވިކްޓަރީ އަށް ލަނޑު ޖަހައިދޭން މެޗުގެ 34 ވަނަ މިނިޓްގައި ހުސެއިން ނިހާން (ނިހާޓް) ޖެހި ބޯޅަ ތިމަރަފުށީގެ ބިދޭސީ ކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ކޯނަރަކުން އޭރިއާ ތެރެއިން ވިކްޓަރީގެ ޔަކީން ގާސިއާ އަށް ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލިއިރު އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 39 ވަނަ މިނިޓްގައި ވިކްޓަރީގެ ހަމައެކަނި ލަނޑު ޖެހީ ޒުވާން ކުޅުންތެރިއާ ހާޒިމް ފައުޒީ އެވެ. ކައުންޓަ އެޓޭކެއްގައި ނައްޓޭ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުސްކޮށްލާފައި ދިން ބޯޅަ ހާޒިމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ތިމަރަފުށީގެ އިލްހާމް (ވ) ކައިރިން ވިކްޓަރީގެ ނައްޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފްގައި ވިކްޓަރީގެ ފުރަތަމަ ހަމަލާ މެޗުގެ 58 ވަނަ މިނިޓްގައި ފޮނުވާލީ ނައްޓޭ އެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު އަޑެޓުންޖީ ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ ފަހު 20 މިނިޓް ތެރޭގައި ވިކްޓަރީން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް އޭގެއިން ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަނެއްކޮޅުން ނަތީޖާ ހަމަހަމަކުރަން ތިމަރަފުށީ ކުޅުންތެރިން ކުރި މަސައްކަތް ވެސް ދިޔައީ ކާމިޔާބުނުވެ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށިން ލީގު ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. ނުވަ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މާލީ ގޮތުން އަޑިއަޅާލުމެވެ. ސަރުކާރުން ތިމަރަފުއްޓަށް ލާރިދޭ ގޮތަށް ހަމަޖެއްސި މިފްކޯގެ ފަރާތުން އެހާ ބޮޑު އެއްބާރުލުމެއް ނުލިބުނެވެ.

"އަޅުގަނޑުމެން ވަރަށް ހާލުގައި މި މުބާރާތް މި ކުޅުނީ. އުއްމީދަކީ މި އަށް ވުރެން ވަރުގަދަކޮށް މި ދަނޑަށް އެނބުރި އައިސް ރަނގަޅު ޗެލެންޖެއް ދިނުން. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެފްއޭއެމުން ވެސް ފުޓްބޯޅައިގައި އުޅޭ އެހެން ފަރާތްތަކުން ވެސް މިހެން އަތޮޅުތަކުން އަންނަ ޓީމުތަކަށް ވިޔަ ނުދޭން ވިސްނުން. މިއީ ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" މިއަދުގެ މެޗަށް ފަހު ތިމަރަފުށީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަދީމް ބުންޏެވެ.

މި މެޗުގައި ވިކްޓަރީ އަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) އެވެ. އޭނާ ބުނީ މެޗަށް އައީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އެކަން ފުރިހަމަވުމުން ހިތްހަމަ ޖެހުނު ނަމަވެސް ކުރިއަށް އޮތް ދެ ވަނަ ބުރަށް ނުކުންނައިރު ޓީމުގެ ހާލަތާމެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.

"މިއީ އަލަށް ފުޓްބޯޅައިގައި ދިމާވާ މައްސަލައެއް ނޫން މި މުސާރަ މައްސަލަތައް. އަސްލު މިހާރު މިކަން މި އޮތީ މާ ބޮޑަށް ދެރަކޮށް. ދެ ވަނަ ބުރަށް ނުކުންނައިރު އަޅުގަނޑު ވަރަށް އެދެން ފައިނޭންޝިއަލީ މި އޮތް މައްސަލަތައް މި ކްލަބްގެ މެނޭޖްމަންޓާއި އެހެން ފަރާތްތަކުން ވެސް ހަމަޖައްސަން މަސައްކަތްކުރުން. އެއީ މި ގޮތަށް ކުރިއަށްދަންޏާ ކުޅުންތެރިންނަށް މެންޓަލީ ވެސް ވަރަށް އަސަރުކުރާނެ،" ކުރިން ގިނަ ކްލަބްތަކަށް ކުޅުނު ނިޔާ ބުންޏެވެ.

މާލީ ގޮތުން ވިކްޓަރީ އަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު އެ ޓީމަށް އެހީވުމަށް އެފްއޭއެމުން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޭބީ

18 October 2018

ޒުވާނުންގެ ރައީސް އޭކިޔާ ފޮނިކެނޑި ޔާމީން އެދަނީ ޒުވާނުން އެންމެ ފޯރީގައި ކުޅެމުންދިޔަ ކުޅިވަރުވެސް އަތަށްގޮއްވާލާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454