ވިޔަފާރި / ދިރާގު

ދިރާގު "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" އަންނަ ހޯމަ ދުވަހު

ދިރާގުގެ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ބާއްވަނީ އަންނަ ހޯމަ ދުވަހު ހެންވޭރު ދަނޑުގައި -- ފޮޓޯ: ދިރާގު

22 އޮކްޓޯބަރ 2018 - 19:57

ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ދިރާގުން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންން "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" މި އަހަރު ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މީގެ ހަތް އަހަރު ކުރިން، 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މި ފެސްޓިވަލް މި އަހަރު އޮންނާނީ ހެންވޭރު ދަނޑުގަ އެވެ. މި ފެސްޓިވަލްގެ މައިގަނޑު މަގްސަދަކީ ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް ބައިވެރިވެވޭނެ ކުޅިވަރު ހަރަކާތްތަކެއް ބޭއްވުމެވެ.

މި އަހަރުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގައި މާލެ ސަރަހައްދުން ޖުމްލަ 11 ސްކޫލަކުން 390 ދަރިވަރުން ބައިވެރިވެ އެވެ. މި ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވި ފަހަރު ބައިވެރިވީ އެންމެ 17 ކުދިންނެވެ. ނަމަވެސް، ބައިވެރިވާ ކުދިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަން ދިރާގުން ފާހަގަ ކުރެ އެވެ.

މިފަދަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ކުޅިވަރުގެ ފެސްޓިވަލެއް ބާއްވަނީ ވެސް ހަމައެކަނި ދިރާގުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން މި އަހަރުގެ ފެސްޓިވަލް ވެސް ބާއްވަނީ އެންޖީއޯތަކާ ގުޅިގެންނެވެ: މި އަހަރުގެ ފެސްޓިވަލުގައި ދިރާގާ އެކު މޯލްޑިވްސް އެސޯސިއޭޝަން ފޮ ފިސިކަލް ޑިސޭބަލްސް (އެމްއޭޕީޑީ)، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް، ކެއާ ސޮސައިޓީ، އަދި މޯލްޑިވްސް އޯޓިސިމް އެސޯސިއޭޝަން (އެމްއޭއޭ) ބައިވެރިވެ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ސްކޫލްތަކަށް އަދި އެންޖީއޯތަކަށް އެއްބާރުލުން ދީ، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖްތަމައުގައި އިތުރަށް ޝާމިލް ކުރުވައި އެ ކުދިންނަށް ހިތްވަރު ދިނުން،" ދިރާގުގެ މާކެޓިން އަދި ކޮމިއުނިކޭޝަންސް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން މި ފެސްޓިވަލް މެދުވެރިކޮށް އެ ކުދިންނަށް ތަފާތު ފުރުސަތުތައް ތަނަވަސް ކޮށްދިނުމަކީ ވެސް މި ފެސްޓިވަލްގެ މަގްސަދެއް ކަމަށް ބިޝާރާ ވިދާޅުވި އެވެ.

މި އަހަރުގެ ސްޕޯޓްސް ފެސްޓިވަލުގައި އިތުރު ކުޅިވަރުތަކެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން އެންމެ ބޮޑަށް ތަހައްމަލު ކުރާ ކުދިންނަށް ވެސް ބައިވެރިވޭނެ ގޮތަށް ހާއްސަ ކެޓަގަރީއެއް އިތުރުކޮށް، "ބޮޗިއާ" ކިޔާ ކުޅިވަރެއް ވެސް މި އަހަރު ތައާރަފް ކުރެ އެވެ. މި ކުޅިވަރަކީ އެނދުގައި އޮންނަން ޖެހޭ ކުއްޖާ އަށް ވެސް ފުރޮޅުލީ ގޮނޑީގައި ކުޅެވޭނެ ކުޅިވަރެކެވެ. މީގެ އިތުރުން އޯޓިޒަމް ހުންނަ ކުދިންނަށް ގޯނި ރޭސް ކުޅޭ ގޮތަށް ކުޅޭ "ސޮކް ރޭސް" ކިޔާ ކުޅިވަރެއް ވެސް އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.

މި އަހަރުގެ ފެސްޓިވަލް އޮންނަ ދުވަހުގެ ކުރިން ވާދަވެރިކޮށް ގެންދާ އެހެން ހަރަކާތްތަކެއް މި ހަފުތާގެ ބުދަ ދުވަހު ޓްރެކް ދަނޑުގައި އޮންނާނެ އެވެ.

މި ސްޕޯޓްސް ފެސްޓިވަލް ކުރިއަށް ގެންދަނީ އެކި އުމުރު ފުރައިގެ ކުދިންނަށާއި، އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ބަލައިގެނެވެ.

ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސްގެ ސްޕެޝަލް އެޑިއުކޭޝަން ކޯޑިނޭޓަރު ފާތިމަތު ޖަމީލް ވިދާޅުވީ މި އަހަރުގެ ފެސްޓިވަލުގައި ކޮންމެ ކުއްޖަކަށް ބައިވެރިވެވޭނީ ދެ ކުޅިވަރެއްގައި ކަމަށެވެ.

"އެއީ ވީހާ ވެސް ގިނަ ކުދިންނަށް ބައިވެރިވެވޭނެ ގޮތް ހެދުމަށްޓަކައި،" ފާތިމަތު ވިދާޅުވި އެވެ.

މި ފެސްޓިވަލުގައި ބައިވެރިވާ ކުދިންގެ ތެރެއިން، ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއޭޕީޑީގެ ޗެއާމަން އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

"އެގޮތުން، އަލްހަމްދުލިއްލާހި، މި އަހަރު މި ވަނީ އަޅުގަނޑުމެންނަށް އޭޝިއާ ޕެރަނަލިމްޕިކް ގޭމްސްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިފައި،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިޝަން އަކީ 2020 ގައި ޖަޕާނުގައި ބާއްވާ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާނެ ކުދިންތަކެއް މި ޕްލެޓްފޯމް މެދުވެރިކޮށް ހޮވުން،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454