މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗެއްގެ ތެރެއިން މާޝިއަލް (ކ) އާއި ޕޮގްބާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
13 ނޮވެމްބަރ 2018 - 09:15
ޕެރިސް (ނޮވެމްބަރު 13) - ފްރާންސް ގައުމީ ޓީމުގެ ކުޅުންތެރިން ނެގުމުގެ ކުރިން ހެދި ފިޓްނަސް ޓެސްޓުން ފާސްނުވުމުން މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އާއި ޕައުލް ޕޮގްބާ ސްކޮޑުން ބާކީކޮށްފި އެވެ.
ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަންނަ ހުކުރު ދުވަހުގެރޭ ޔުއެފާ ނޭޝަންސް ލީގުގައި ކުޅޭނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ފަހު ބުރުން ފުރުސަތު ލިބޭނެ އެވެ. ނެދަލެންޑްސް މެޗަށް ފަހު އަންނަ ހަފްތާގައި އެކުވެރިކަމުގެ މެޗެއްގައި ފްރާންސް ކުޅޭނީ އުރުގުއޭއާ ދެކޮޅަށެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މާޝިއަލް ވަނީ އެންމެ ފަހުން ޔުނައިޓެޑަށް ކުޅުނު ފަސް މެޗުގައި ހަ ގޯލު ޖަހައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ވެސް މާޝިއަލް ނުހިމެނެ އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ފްރާންސް ޓީމުން ހެދި ޓެސްޓްތަކުން މާޝިއަލްގެ އުކުޅުވަޅަށް އަނިޔާވެފައިވާތީ އޭނާ ބާކީކޮށްފައި ފުރަތަމަ ނެގީ އާސެނަލްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭޓް އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރުމަށް ފަހު ފްރާންސުން ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ ފޯވާޑް އަލެކްސެންޑަ ޕްލެއާ އަށް ފުރުސަތު ދީފަ އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ޕޮގްބާ ނުކުޅެ އެވެ. އެ އަނިޔާ އިން އަދި އެއްކޮށް ރަނގަޅުވާން ދުވަސް ނަގާނެ ކަމަށް ޔުނައިޓެޑުން ވެސް ވަނީ ބުނެފަ އެވެ. ފްރާންސް ޓީމުން ހެދި ޓެސްޓްތަކުން ވެސް އެކަން ޔަގީންވެފައިވާއިރު، ޕޮގްބާގެ ބަދަލުގައި ޓީމުގައި ހިމެނީ ޓޮޓެންހަމްގެ މޫސާ ސިސޯކޯ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެޗު ކުޅޭ ދުވަހަށް މާޝިއަލް އާއި ޕޮގްބާ އަނިޔާއިން ރަނގަޅުވި ނަމަވެސް އެ ދެ ކުޅުންތެރިން ސްކޮޑުން ބާކީކުރަން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބޭނުންވީ މެޑިކަލް ޓީމުގެ ލަފާގެ މަތިންނެވެ. އެއީ ވަރުގަދަ ދެ މެޗު ގާތްގާތުގައި ކުޅެވޭ ވަރަށް އެ ދެ ކުޅުންތެރިންގެ ފިޓްނަސް ނުހުންނާނެތީ އެވެ.
ސިޓީގެ ވާތުބެކް ބެންޖަމިން މެންޑީ ވެސް ވަނީ ޓީމުން ބާކީކޮށްފަ އެވެ. އޭނާ އަށް ފުރުސަތު ނުލިބުނީ ކަކުލަށް ލިބިފައިވާ އަނިޔާގައި ހުރެ ގިނަ މެޗުތަކެއް ކުޅެފައިވާތީ ފްރާންސް އިން ބަލާ މިންގަނޑަށް އޭނާގެ ފިޓްނަސް ލެވެލް ނެތުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy