ކުޅިވަރު

އިންގްލެންޑާއި ސްވިޒަލެންޑް ސެމީ އަށް

19 ނޮވެމްބަރ 2018 - 09:10

ލަންޑަން (ނޮވެމްބަރު 19) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިންގްލެންޑާއި ސްވިޒަލެންޑް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އިންގްލެންޑް ވަނީ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. ބެލްޖިއަމް އަތުން ފަހަތުން އަރައި ސްވިޒަލެންޑް މޮޅުވީ 5-2 އިންނެވެ.

އަންނަ އަހަރު ޖޫން މަހު ކުޅޭ ސެމީ ފައިނަލާއި ފައިނަލް މެޗުތައް އޮންނާނީ ޕޯޗުގަލްގަ އެވެ. ސެމީން މިހާތަނަށް ފުރުސަތު ހޯދާފައިވަނީ އިންގްލެންޑާއި ސްވިޒަލެންޑުގެ އިތުރުން ޕޯޗުގަލް އެވެ. ފަހު ޖާގަ ލިބޭނީ ނެދަލެންޑްސް އާއި ފްރާންސްގެ ތެރެއިން ޓީމަކަށެވެ.

އިންގްލެންޑް ސެމީން ފުރުސަތު ހޯދީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ވޯލްޑް ކަޕްގެ ދެ ވަނަ ކްރޮއޭޝިއާ އަތުން ފަހަތުން އަރައި މޮޅުވެގެންނެވެ. ރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑުނަަގައިދޭން ރަހީމް ސްޓާލިން އާއި ހެރީ ކޭން އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ދެ ވަަނަ ހާފް ފަށައިގެން 57 ވަނަ މިނިޓްގައި ކްރޮއޭޝިއާ އަށް ލީޑުނަގައިދިނީ ކުރިން ލެސްޓާ ސިޓީ އަށް ކުޅުނު ފޯވާޑް އަންދްރޭ ކްރަމަރިޗް އެވެ. ލީޑުފުޅާކުރަން މާސެލޯ ބްރޮޒޮވިޗާއި އިވާން ޕެރިސިޗަށް ލިބުނު ފުރުސަތުތައް ކާމިޔާބެއް ނުވި އެވެ. ކްރޮއޭޝިއާ އަށް މޮޅުވެގެން ސެމީ އަށް ދިއުމުގެ ފުރުސަތު އޮތެވެ. ދެ ޓީމު އެއްވަރުވިނަމަ ސެމީ އަށް ދާނީ ކުޅިބަލަން އޮތް ސްޕެއިނެވެ.

މެޗުގެ ހުރިހާ ކަމެއް ބަދަލުވީ އިންގްލެންޑުން ފަހު ވަގުތު ޖެސޭ ލިންގާޑާއި ޖޭޑަން ސަންޗޯ ކުޅެން އެރުވި ހިސާބުންނެވެ. އިންގްލެންޑަށް އެއްވަރުކޮށްދިނީ 78 ވަނަ މިނިޓްގައި ލިންގާޑް އެވެ. އޭގެ އިރުކޮޅެއް ފަހުން ލިންގާޑް ވަނީ ކްރޮއޭޝިއާގެ ޑޮމަގޯއި ވީޑާ ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. އިންގްލެންޑް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 85 ވަނަ މިނިޓްގައި ކޭން އެވެ. މިއީ ވޯލްޑް ކަޕްގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޭން ގައުމީ ޓީމަށް ޖެހި ފުރަތަމަ ގޯލެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެފައި އައިސް އަނެއްކާ ވެސް ބައިނަލްއަގްވާމީ އެހެެން މުބާރާތެއްގެ ސެމީ އަށް ދިއުމުން އިންގްލެންޑަށް މިއީ އާދަޔާހިލާފު ތަޖުރިބާއެއް ކަަމަށާއި އަންނަ އަހަރު ކުޅޭ ސެމީ އަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަަމަށެވެ.

ރޭގެ މެޗުން ބަލިވުމުން ކްރޮއޭޝިއާ ވަނީ ނޭޝަންސް ލީގުގެ ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވެފަ އެވެ. އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނީ މިއީ އޭނާގެ ޓީމަށް އަނެއްކާ ވެސް ކަންތައްތަކެއް ތަޖުރިބާކުރުމުގެ މަރުހަލާއެއް ކަމަށާއި މީގެން ފިލާވަޅު ލިބޭނެ ކަމަށެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް އަތުން ސްވިޒަލެންޑް ވަނީ ބޮޑު މޮޅެއް ހޯދައިފަ އެވެ. ރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވެން އޮތް ބެލްޖިއަމް މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އެ ޓީމުން ވަނީ ފުރަތަމަ 17 މިނިޓް ތެރޭ އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑްގެ ދެ ގޯލުން ލީޑު ނަގައިފަ އެވެ.

ސްވިޒަލެންޑުން މި މެޗުގައި ޖެހި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި އެ ޓީމުގެ ހަރިސް ސެފެރޯވިޗް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ސްވިޒަލެންޑުގެ ޒެރްޑަން ޝަގީރީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކުރީ ރިކާޑޯ ރޮޑްރިގޭޒާއި ނިކޯ އެލްވޭޑީ އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454