ރިވާ ޕްލޭޓުގެ ސްޓޭޑިއަމް. --ފޮޓޯ: އޭއެފްޕީ
28 ނޮވެމްބަރ 2018 - 11:03
ބީނޯސް އޭރީޒް (ނޮވެމްބަރު 28) – ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަންޝިޕް ކަމަށްވާ ކޮޕަ ލިބެޓަޑޯރެސްގެ ފައިނަލުގެ ދެ ވަނަ ލެގުގައި އާޖެންޓީނާގެ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓް ކުޅޭ މެޗު އާޖެންޓީނާގައި ނުކުޅޭ ގޮތަށް ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅެން އޮތް މެޗު އާދީއްތަ ދުވަހުގެ ރެޔަށް ފަސްކުރީ ސަޕޯޓަރުންގެ ހަމަނުޖެހުމާ ހެދި އެވެ. އެކަމަކު އާދީއްތަ ދުވަހުގެރޭ ވެސް ކުޅެވޭ ގޮތެއް ނުވުމުން މުއްދަތެއް ނެތް ގޮތަކަށް ފަސްކުރީ އެވެ. ރިވާ ޕްލޭޓުގެ އެސްޓޭޑިއޯ މޮނިއުމެންޓަލްގައި ކުޅެން އޮތް އެ މެޗަށް ބޮކާ ޖޫނިއާސްގެ ޓީމު ދަތުރުކުރި ބަހަށް ރިވާ ޕްލޭޓުގެ ސަޕޯޓަރުން ވަނީ ހަމަލާ ދީފަ އެވެ.
މިހާރު ވަނީ އެ މެޗު ޑިސެމްބަރު 8 ނުވަތަ 9 ގައި ކުޅެން ނިންމައިފަ އެވެ. އެ މެޗު ކުޅޭނެ ކަމަށް ބެލެވެނީ ދެކުނު އެމެރިކާ ބައްރުން ބޭރުގައި، ގަތަރުގެ ދޯހާ ނުވަތަ އެމެރިކާގެ މަޔާމީގަ އެވެ.
އިޓަލީގެ ޖެނޯއާގެ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މެޗު ކުޅެން ހުށަހަޅައިފަ އެވެ. ބޮކާ ޖޫނިއާސް އަކީ ޖެނޯއާ އިން އާޖެންޓީނާ އަށް ހިޖުރަކުރި ބަޔަކު އުފެއްދި ކްލަބެކެވެ. އަދި ރިވާ ޕްލޭޓް އުފައްދަން ވެގެން އެއްކުރި އެއް ކްލަބަކީ ވެސް ޖެނޯއާ ބަޔެއްގެ ކްލަބެކެވެ. ޖެނޯއާގައި މެޗު ކުޅޭ ނަމަ ކުޅޭނީ އެ ސިޓީ އަށް ނިސްބަތްވާ ޖެނޯއާ އާއި ސަމްޕްޑޯރިއާގެ ސްޓޭޑިއޯ ލުއިޖީ ފެރާރިސްގަ އެވެ.
ދެކުނު އެމެރިކާގެ ޗެމްޕިއަންސް ލީގުގެ ގޮތުގައި ގުނޭ ކޮޕަ ލިބަޓަޑޯރެސްގެ ފައިނަލުގެ ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބޮކާގެ ލަ ބޮމްބޮނޭރާގައި ކުޅުނު މި މި މެޗު އެއްވަރުވީ ނަމަވެސް ރަށުން ބޭރުގައި ޖެހި ދެ ލަނޑާ އެކު އެޑްވާންޓޭޖް އޮތީ ރިވާ އަށެވެ. މިއީ ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތުގެ ފައިނަލް ދެ ލެގުގެ އުސޫލުން ކުޅޭނެ ފަހު ފަހަރެވެ. އަދި މިއީ މުޅި ދުނިޔެ އަށް ބެލިޔަސް އެންމެ ވާދަވެރިކަން ބޮޑު ކުރިމަތިލުންތަކުގެ ތެރޭ ހިމެނޭ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓުގެ ސުޕަކްލަސިކޯ އެއް މި މުބާރާތުގެ ފައިނަލުގައި ފެންނަ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
29 November 2018
ދިވެހިރާއްޖޭގެ މާލޭ ސިޓީ ކައުންސިލުން މިކަމަށް ރިކުއެސްޓްކުރިނަމަ މިމެޗް ނިމިދިޔަ ސަރުކާރުން އަޅާފަހުރި ވޯލްޑްކަޕް ލެވެލްގެ ކޮންމެވެސް ދަނޑެއްގަ ކުޅެވިދާނެކަމަށް ދެކެން.ލޮލް.ވ.ވެދުން
ޗަޅޭ
29 November 2018
ކޮންމެހެން ހަދާފަވެސް މި މެޗް ބަލަން މިޖެހުނީ
ކަޅޭ
29 November 2018
ކޮނެމެހެނެއް ހަދާފަވިޔަސް ތިމެޗް އެބަޖެހޭ ބަލަން.. މިހާ ވާދަވެރި ޓީމުތައް ކުޅޭއިރު ވަރަށް ފޯރިހުންނާނެ.