ރެއާލް މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމް. --ފޮޓޯ: އޭއެފްޕީ
01 ޑިސެމްބަރ 2018 - 10:05
ބީނޯސް އޭރީސް (ޑިސެމްބަރު 1) – ދެކުނު އެމެރިކާގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ފައިނަލުގެ ދެ ވަނަ ލެގުގައި އާޖެންޓީނާގެ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓް ބައްދަލުކުރާ މި މެޗު މި މަހުގެ 9 ވަނަ ދުވަހު ސްޕެއިނުގެ ރެއާލް މެޑްރިޑުގެ އެސްޓޭޑިއޯ ސެންޓިއާގޯ ބެރްނެބުއޭގައި ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބީނޯސް އޭރީސްގައި ހުންނަ ރިވާ ޕްލޭޓުގެ މޮނިއުމެންޓަލް ސްޓޭޑިއަމުގައި ކުޅެން އޮތް ދެ ވަނަ ލެގު މެޗު ސަޕޯޓަރުންގެ ހަމަނުޖެހުމާ ހެދި މިހާރު ވަނީ ދެ ފަހަރަށް ފަސްކޮށްފަ އެވެ. މެޗު ކުޅެން ބޮކާ ޖޫނިއާސްގެ ކުޅުންތެރިން ސްޓޭޑިއަމަށް ދަތުރުކުރަމުން ދިޔަ ބަހަށް ރިވާ ޕްލޭޓުގެ ސަޕޯޓަރުން ހަމަލާދީ ކުޅުންތެރިންނަށް ވެސް ހާނިއްކަވި އެވެ.
އެއާ އެކު ބޮކާ ޖޫނިއާސް އިން ވަނީ އެ ޓީމަށް ޗެމްޕިއަންކަންދީ މުބާރާތުން ރިވާ ޕްލޭޓް ވަކިކުރުމަށް އެދި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ކޮންފެޑެރޭޝަނުގެ ޑިންޑިޕެންޑެންޓް ޑިސިލިޕްލިނަރީ ކޮމިޓީގައި އެޕީލްކޮށްފަ އެވެ. އެކަމަކު އެ ނިންމުން ބަލައެއްނުގަނެވެ.
އެކަމަކު ކޮންފެޑެރޭޝަނުން ވަނީ އަންނަ އަހަރުގެ ސަރަހައްދީ މުބާރާތްތަކުގެ ދެ މެޗެއް ރިވާ ޕްލޭޓުން ސަޕޯޓަރުން ނުވައްދާ ކުޅެން އަންގައި 400،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
ކޮންފެޑެރޭޝަނުގެ ރައީސް އަލެހަންދްރޯ ޑޮމިނިގުއޭޒް ވިދާޅުވީ ފައިނަލުގެ ދެ ވަނަ ލެގު ކުޅެން ރެއާލް މެޑްރިޑުގެ ދަނޑު ހިލޭ ދޭން އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މެޑްރިޑަކީ އާޖެންޓީނާގެ އެންމެ ގިނަ ބަޔަކު ދިރިއުޅޭ ސިޓީ ކަމަށާއި އަނެއްކާ އެއީ ދުނިޔޭގެ އެކި ހިސާބުތަކާ ގުޅިފައިވާ އެއާޕޯޓެއް އޮތް އަދި ފުޓްބޯޅައިގެ ސަގާފަތެއް އޮތް ސިޓީއެއް ކަމަށެވެ.
މި މެޗު މެޑްރިޑުގައި ކުޅުމުގެ މާނައަކީ ހަ މަސް ތެރޭ ދުނިޔޭގެ ވަރުގަދަ ދެ ކްލަބް މުބާރާތެއްގެ ފައިނަލް އެ ސިޓީގައި ކުޅުމެވެ. ޔޫރަޕުގެ ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަންނަ މޭ މަހު އޮންނާނީ މެޑްރިޑުގެ އަނެއް ޓީމު ކަމަށްވާ އެތުލެޓިކޯ މެޑްރިޑުގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގަ އެވެ.
މި މެޗު ކުޅެން އިޓަލީގެ ޖެނޯއާ އިން ވެސް ހުށަހެޅި އެވެ. ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓާކީ ވެސް ޖެނޯއާ އިން އާޖެންޓީނާ އަށް ހިޖުރަކުރި ބަޔަކު އުފެއްދި ދެ ކްލަބެވެ.
ދެކުނު އެމެރިކާގެ ޗެމްޕިއަންސް ލީގުގެ ގޮތުގައި ގުނޭ ކޮޕަ ލިބަޓަޑޯރެސްގެ ފައިނަލުގެ ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބޮކާގެ ލަ ބޮމްބޮނޭރާގައި ކުޅުނު މި މި މެޗު އެއްވަރުވީ ނަމަވެސް ރަށުން ބޭރުގައި ޖެހި ދެ ލަނޑާ އެކު އެޑްވާންޓޭޖް އޮތީ ރިވާ އަށެވެ. މިއީ ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތުގެ ފައިނަލް ދެ ލެގުގެ އުސޫލުން ކުޅޭނެ ފަހު ފަހަރެވެ. އަދި މިއީ މުޅި ދުނިޔެ އަށް ބެލިޔަސް އެންމެ ވާދަވެރިކަން ބޮޑު ކުރިމަތިލުންތަކުގެ ތެރޭ ހިމެނޭ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓުގެ ސުޕަކްލަސިކޯ އެއް މި މުބާރާތުގެ ފައިނަލުގައި ފެންނަ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy