06 ޑިސެމްބަރ 2018 - 09:27
މެޑްރިޑް (ޑިސެމްބަރު 6) – ދެކުނު އެމެރިކާގެ ކްލަބް މުބާރާތް ކަމަށްވާ ކޮޕަ ލިބެޓަޑޯރެސްގެ ފައިނަލުގެ ދެ ވަނަ ލެގު މެޗު ސްޕެއިނުގެ މެޑްރިޑުގައި ކުޅުމަކީ ލަދުވެތިކަމެއް ކަމަށް ފައިނަލުގައި ބޮކާ ޖޫނިއާސްއާ ދެކޮޅަށް ނުކުންނަ ރިވާ ޕްލޭޓުގެ ކޯޗު މާސެލޯ ގަލާޑޯ ބުނެފި އެވެ.
ބޮކާ ޖޫނިއާސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވިއިރު، ރިވާ ޕްލޭޓުގެ ދަނޑުގައި ކުޅެން އޮތް ދެ ވަނަ ލެގު ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި ކުޅެވޭ ގޮތެއް ނުވި އެވެ. އެހެންވެ ދެކުނު އެމެރިކާ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ނިންމީ މި މެޗު އާޖެންޓީނާ އިން ބޭރުގައި މެޑްރިޑުގައި ކުޅޭށެވެ. މެޗު އޮންނާނީ އާދީއްތަ ދުވަހު އެވެ.
"އަހަރެމެންގެ ވަޒަނާ 10،00 ކިލޯމީޓަރު ދުރުގައި ކޮޕަ ލިބެޓަޑޯރެސް ކުޅުމަކީ ލަދުވެތިކަމެއް." ގަލާޑޯ ބުންޏެވެ. "ކުރިމަގުގައި އަހަރެމެން މި ދުވަސް މަތިން ހަނދާންކޮށް މި ނިންމުމާ މެދު ވިސްނާނެ. ސަބަބަކީ މެޗު ބެލުމުގެ ފުރުސަތު އަހަރެމެންގެ ސަޕޯޓަރުންގެ ކިބައިން ޖަހައިގެންފައިވާތީވެ."
ގަލާޑޯ ބުނީ މި ނިންމުން ވަރަށް ހެއްވާ ކަމަށާއި އެކަމަކު އިހުސާސްތައް ހާމަކުރަން، އެއަށް ވުރެ އިތުރަށް މިވަގުތު ވާހަކަދެއްކެން ނެތް ކަމަށެވެ. އަދި ސަޕޯޓަރުންނަށްޓަކައި މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ސަޕޯޓަރުންގެ ހައްގުގައި މަސައްކަތްކުރާނެ އެހެން ބަޔެއް ނުތިބޭނެ ކަމަށް ބުންޏެވެ.
ބީނޯސް އޭރީސްގައި ހުންނަ ރިވާ ޕްލޭޓުގެ މޮނިއުމެންޓަލް ސްޓޭޑިއަމުގައި ކުޅެން އޮތް ދެ ވަނަ ލެގު މެޗު އެންމެ ފުރަތަމަ ފަސްކުރީ ބޮކާ ޖޫނިއާސް ޓީމު ދަތުރުކުރި ބަހަށް ސަޕޯޓަރުން ހަމަލާ ދިނުމުންނެވެ. ޖެހިގެން އޮތް ދުވަހު ކުޅެން ރޭވުމަށް ފަހު ވެސް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން މެޗު ކުޅޭ ތަން ބަދަލުކުރީ އެވެ.
މި މެޗު މިހާރު ކުޅެން ހަމަޖެހިފައިވާ އެސްޓޭޑިއޯ ސެންޓިއާގޯ ބެރްނެބުއޭ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ރެއާލް މެޑްރިޑުގެ ސްޓޭޑިއަމެވެ. އަދި މި މެޗު ކުޅުމާ އެކު އެ ސްޓޭޑިއަމް ވެގެންދާނީ ވޯލްޑް ކަޕް، ޔޫރޯ، ޗެމްޕިއަންސް ލީގު އަދި ކޮޕަ ލިބެޓަޑޯރެސްގެ ފައިނަލް ކުޅޭ ފުރަތަމަ ސްޓޭޑިއަމަށެވެ.
އަދި މި މެޗު މެޑްރިޑުގައި ކުޅުމުގެ މާނައަކީ ހަ މަސް ތެރޭ ދުނިޔޭގެ ވަރުގަދަ ދެ ކްލަބް މުބާރާތެއްގެ ފައިނަލް އެ ސިޓީގައި ކުޅުމެވެ. ޔޫރަޕުގެ ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަންނަ މޭ މަހު އޮންނާނީ މެޑްރިޑުގެ އަނެއް ޓީމު ކަމަށްވާ އެތުލެޓިކޯ މެޑްރިޑުގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުރުވަތު ޏ. ފުއައްމުލަކް
06 December 2018
ތިއީ މުޅި އާޖެންޓީނާއައް ހުރި ހުތުރެއް. ތަހުޒީބުގެ ކަންފުޅެއްވެސް ނެތީމާ ވާނެގޮތް ތިފެންނަނީ. ދެންވެސް ބަލާބަލަ ރަނގަޅު ފުޓުބޯޅައިގެ ޖީލެއް އުފެއްދޭތޯ.