ކުޅިވަރު / ގައުމީ ބާސްކެޓްބޯޅަ މުބާރާތް

ޓީރެކްސް ހުއްޓުވައި ކިންގްސް ގައުމީ ތަށި އުފުލާލައިފި

ކިންގްސްގެ ކުޅުންތެރިން ގައުމީ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

19 ޑިސެމްބަރ 2018 - 00:19

2 comments

އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބާސްކެޓްބޯލް ކްލަބް 87-79 އިން ބަލިކޮށް ކިންގްސް ބާސްކެޓްބޯލް ކްލަބުން 37 ވަަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕާއި ގައުމީ ލީގުގެ ޗެމްޕިއަންކަން ޓީރެކްސް އިން ހޯދީ ކިންގްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޓީރެކްސް އިން މިދިޔަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރީ ވެސް ކިންގްސް ބަލިކޮށްފަ އެވެ. އޭގެ ބަދަލު ހިފައި ކިންގްސް އިން ވަނީ މިރޭ ފައިނަލުގައި ޓީރެކްސް ބަލިކޮށް ގައުމީ ޗެމްޕިއަންކަން ހޯދީ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޓީރެކްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެންމެ ފަހުން ކުޅުނު މެޗުގައި ހުސެއިން ހަލީމް (ޗިކަނޭ)ގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިރޭ ކުޅެވޭ ގޮތް ނުވުމެވެ. އަދި މި މެޗަށް ނުކުތްްއިރު ކިންގްސް އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވީ ޓީރެކްސްއާ އެކު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ރިޝްފާން ރަޝީދަށް މި މެޗުގައި ކުޅެވުމެވެ. ކިންގްސް މޮޅުވުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްދީފަ އެވެ. އޭނާ މި މެޗުގައި 17 ޕޮއިންޓް އެއްކުރި އެވެ.

މޮޅު ކުޅުމެއް ދެއްކި ރިޝްފާން މެޗަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު ފަށައިގެން ކިންގްސް އިން ދިޔައީ ލީޑު ދަމަހައްޓަމުންނެވެ. މި މެޗުގައި ކިންގްސް މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ އެ ޓީމުގެ އެމެރިކާ ކުޅުންތެރިއާ މައިކް ފޭ އަށެވެ. އޭނާ ވަނީ ތިން ޕޮއިންޓަށް ޓާގެޓްކޮށް ފޮނުވާލި ގިނަ ބޯޅަތައް ކާމިޔާބުކޮށްފަ އެވެ.

ސޯޅަ ޕޮއިންޓުގެ ލީޑަކާ އެކު ކިންގްސް އިން ފުރަތަމަ ކުއާޓަރު ނިންމާލިއިރު، ދެ ވަނަ ކުއާޓަރު ފަށައިގެން ކިންގްސް އިން ޕޮއިންޓެއް ހޯދިޔަނުދީ ޓީރެކްސް އިން ވަނީ އެ ޓީމާ އެއް ޕޮއިންޓާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު މުހިއްމު ވަގުތުގައި ކިންގްސްގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ދެއްކި ތަފާތާ އެކު ކިންގްސް އިން އަނެއްކާ ލީޑުފުޅާކުރި އެވެ. ދެ ވަނަ ކުއާޓަރު ނިމުނުއިރު ކިންގްސް ކުރީގައި އޮތީ 44-33 އިންނެވެ.

ތިން ވަނަ ކުއާޓަރު ފެށިގެން ޓީރެކްސް އިން ރަނގަޅަށް ކުޅެމުންދަނިކޮށް މައްސަލަ ދިމާވީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އަހުމަދު ޒަބީރު (ޒަބީ)ގެ ފަލަމަސްގަނޑަށް އަނިޔާވުމުންނެވެ. ކިންގްސް އިން ވަނީ ތިން ވަނަ ސެޓުގައި މައިކް އާއި އަހުމަދު ފިރާޝް (ފިރާ) ދެއްކި މޮޅު ކުޅުމާ އެކު މި ކުއާޓަރު ނިންމާލިއިރު، ޕޮއިންޓުގެ ފަރަގު ބޮޑުކޮށްފަ އެވެ.

ފަހު ކުއާޓަރުގައި ޓީރެކްސްގެ ތަޖުރިބާކާރު ކުޅުންތެރިން މެޗު އެ ޓީމު ކޮޅަށް އަނބުރާލަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއްނުވި އެވެ. އެންމެ ބޮޑު މައްސަލަ އަކަށް ޓީރެކްސް އަށް ދިމާވީ ބިދޭސީ ކުޅުންތެރިއާ އާމިން ޖޭޒްވިން އަށް ތަފާތު ނުދެއްކުމެވެ. އަނެއްކޮޅުން ކިންގްސްގެ މައިކް އާއި ރިޝްފާން ފެނުނީ އާދަޔާހިލާފު ރޫހެއްގައި ކުޅުނުތަނެވެ. އެ ދެ ކުޅުންތެރިންގެ އެޓޭކްތަކާ އެކު ކިންގްސް އިން ފެށި ފޯމުގައި އޮވެގެން މެޗު ކާމިޔާބުކުރީ 87-79 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޭގެ މެޗުގައި 29 ޕޮއިންޓް އެއްކުރި މައިކް އަށެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބްގެ މުހައްމަދު ސަަބީހު ތައުފީގް އެވެ.

މިއަދު ހަވީރު ކުޅުނު ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ގައުމީ ލީގު ވެސް ކާމިޔާބުކުރި ސައިކްލޯން ބާސްކެޓްބޯލް ކްލަބް އެވެ. ފައިނަލުގައި ޖިބިއްލީ ސްޕޯޓްސް ކްލަބާ ވާދަކޮށް ސައިކްލޯން މޮޅުވީ 49-33 އިންނެވެ.

ފައިނަލުގެ މޮޅު ކުޅުންތެރިއަކަށް ސައިކްލޯންގެ ބިދޭސީ ކުޅުންތެރިއާ ޔެލީނާ ހޮވުނުއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ޖިބިއްލީގެ ފާތިމަތު ރިޝްމާ އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކީ ސައިކްލޯންގެ ރާއިފާ އިބްރާހިމް އެވެ.

ތިން ޓީމު ވާދަކުރި ގައުމީ ލީގާއި މުބާރާތުގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ސައިކްލޯނަށް މި ފަހަރުގެ ގައުމީ މުބާރާތް ލިބުމުން އެ ޓީމު ވަނީ ޖެހިޖެހިގެން ތިން މުބާރާތް ހަމަކޮށް މުބާރާތުގެ ތަށި މިލްކުކޮށްފަ އެވެ. މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަން ވެސް ކާމިޔާބު ކުރީ ސައިކްލޯން އިންނެވެ. އެ ޓީމުން އަހަރު ނިންމާލީ ތިން ތަށި ހަމަކޮށް ފުރިހަމަ ކާމިޔާބީއަކާ އެކު އެވެ.

ސައިކްލޯންގެ ކުޅުންތެރިން މުބާރާތުގެ ތަށްޓާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގަންވިލާ

19 December 2018

ސުޕުން ބައްޕަ ސްޓޭޖް މަތިން އިއްލަ އައް ސިގްނަލް ނުދެވުނީމަ ހަހަހަހަ ކަލޯގެ ގެ ފެންވަރު ތިފެނުނީ

The name is already taken The name is available. Register?

ޟަވ3ސް

19 December 2018

ތިފެނުނީ އިއްލަ ގެ ފެންވަރު ، އަދިވެސް މޮޅުކޮއްފަ ބަހައްޓާ ގައުމީޓީމް ތައް ދީފަ ، ހަޖަމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454