ރިވާ ޕްލޭޓުގެ އިވާން ރޮސީ (ވ) އަތުން ބޯޅަ ހޯދަން އަލް އައިންގެ ސުކާސާ ޝިއޮޓާނީ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
19 ޑިސެމްބަރ 2018 - 10:07
އަލް އައިން (ޑިސެމްބަރު 19) – ޔޫއޭއީގައި މުބާރާތް ބާއްވާތީ އެ ގައުމުގެ ޓީމަކަށް ފުރުސަތު ދޭން ވެގެން މުބާރާތުގައި ބައިވެރިކުރި އަލް އައިން އިން ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ދާދި ފަހުން ހޯދި އާޖެންޓީނާގެ ގަދަބާރު ރިވާ ޕްލޭޓް ޕެނަލްޓީން 5-4 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދައި ގިނަ ބަޔަކު ހައިރާންކޮށްލައިފި އެވެ.
ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާ މި މުބާރާތުގެ ފައިނަލުގައި ޔޫއޭއީގެ ޗެމްޕިއަން އަލް އައިން ވާދަކުރާނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި އޭޝިއާގެ ޗެމްޕިއަން ޖަޕާނުގެ ކަޝިމާ އެންޓްލާސް ވާދަކޮށް މޮޅުވާ ޓީމަކާ އެވެ.
ހައްޒާ ބިން ޒައިދު ސްޓޭޑިއަމުގައި އަލް އައިންގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ތިން ވަނަ މިނެޓުގައި ސްވިޑަންގެ ބާގް ގޯލުން އަލް އައިނުން ލީޑު ނެގި އެވެ. އެކަމަކު ރަފައެލް ސަންޓޯސް ވަނީ 11 ވަނަ މިނެޓާއި 16 ވަނަ މިނެޓުގައި ގޯލް ޖަހައި ރިވާ ޕްލޭޓަށް ފަހަތުން އަރައި ކުރި ހޯދައިފަ އެވެ. އަލް އައިނުން އެއްވަރުކުރީ 51 ވަނަ މިނެޓުގައި ބްރެޒިލްގެ ލޫކަސް ފެނާންޑެޒްގެ ގޯލުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި އަލް އައިން އިން ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް ރިވާ ޕްލޭޓުގެ ފަސް ވަނަ ޕެނަލްޓީ ޕެރޭޒް ޖެހުމުން އަލް އައިންގެ ގޯލްކީޕަރު މަތަކޮށް އެ ޓީމަށް ކާމިޔާބީ ހޯދައިދިނެވެ.
މެޑްރިޑުގައި ކުޅުނު ފައިނަލުގައި މީގެ ހަފުތާއެއް ކުރިން ވާދަވެރި ބޮކާ ޖޫނިއާސް ބަލިކޮށް ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދި ރިވާ ޕްލޭޓަކީ މި ފަހަރުގެ ފޭވަރިޓެކެވެ. އެކަމަކު 2015 ވަނަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވި ރިވާ ޕްލޭޓަށް މިވަނީ، ދެ ހަފުތާ ތެރޭ ބައްރުގެ ޗެމްޕިއަންކަމާއި ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
19 December 2018
މަރުހަބާ އަލް އައިން. އަހަރުމެން ހުރިހާ ދިވެހިންގެ ދުޢާއަކީ ފައިނަލްގަ ވެސް އަލްއައިންއަށް ފުރިހަމަ ކާމިޔާބީއެއް ލިބުން. މިއީ ހުރިހާ މުސްލިމުން އެދޭނެގޮތްކަން ކަށަވަރުވެ ޔަގީންވޭ.
އަމިއްލަ އެދުން
19 December 2018
ބަލަ ރަދީފޫ އެހެންމީހުންނަކީ މޮޔައިން ކަމައްތަ ތިހީކުރަނީ؟ ތިކޮމެންޓުގައި މުސްލިމުންނޭ ކިޔާފަ ކޮމެންޓް ތިކުރީ ހިތުގަ “ބާސެލޯނާ ސަޕޯޓަރުން” މިހެން ބާއްވައިގެން. ހީހީހީހީ ހަލާކު