ކްރައިމް ސީން ރިބަން: މިދިޔަ އަހަރު ކުށްކުރި ކުޑަކުދިންގެ އަދަދު ވަނީ މަދުވެފައި
23 ޖެނުއަރީ 2019 - 12:06
މިދިޔަ އަހަރު ކުށްކުރި ކުޑަކުދިންގެ އަދަދު މަދުވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އިން މިއަދު ބުނެފި އެެވެ.
ކުށްކުރާ ކުޑަކުދިންގެ ކަންކަން ބަލަހައްޓާ ޖޭޖޭޔޫ އިން މިއަދު ނެރުނު މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 349 ކުއްޖެއްގެ މައްސަލަ ހުށަހެޅި އިރު، އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް ދަށް އަދަދެކެވެ. އަދި ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް އަލަށް ކުށްކުރާ ކުދިންނާއި ކުށް ތަކުރާރުކުރާ ކުޑަކުދިންގެ އެ އަދަދު ވެސް މަދުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ 93 ޕަސެންޓަކީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. އަދި އަންހެން ކުދިންނާ ގުޅޭގޮތުން ހުށަހެޅޭ އެފަދަ މައްސަލަތައް 2017 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު 47 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
ކުށްކުރާ ކުދިންގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ދެ ޖިންސުގެ ވެސް 16 އަހަރުގެ ކުދިންނާ ގުޅޭ މައްސަލަތައް ގިނަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން ގިނަ އަންހެން ކުދިން ކުށުގެ ވެށްޓަށް ވަންނަނީ އެ ކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެވޭތީ ކަން ފާހަގަ ކުރެވޭ ކަމަށް އެ ހިސާބުތަކުގައިވެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކުށްކުރި ކުޑަކުދިންގެ ތެރެއިން 35 ޕަސެންޓް ކުދިންނަކީ ސްކޫލްގައި އުޅޭ ކުދިންނެވެ. އަދި 32 ޕަސެންޓް ކުދިންނަކީ ވަކި ހިސާބަކުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިން ކަމަށް ވާއިރު 23 ޕަސެންޓް ކުދިންނަކީ ފުރަތަމަ ސާނަވީ ނިންމާފައިވާ ކުދިން ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުށްކުރާ ކުދިންގެ އުމުރު ހަގުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް އެ ހިސާބުތަކުގައިވެ އެވެ. ގިނަ ކުދިންގެ އަޚްލާގީ މައްސަލަތަކާއި ނުރައްކާތެރި ސުލޫކީ މައްސަލަތަކުގެ އިތުރުން ކުށުގެ ވެށީގައި އުޅޭ ބޮޑެތި މީހުންނާ އެ ކުދިންނާ ގުޅުން ބޮޑު ކަން ފާހަގަވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ކުށްކުރާ ކުޑަކުދިންގެ އާއިލީ ހާލަތަ ގުޅޭގޮތުން އެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގައި ހިމެނޭ 38 ޕަސެންޓް ކުދިން ނިސްބަތްވަނީ މައިންބަފައިން އެކުގައި އުޅޭ އާއިލާތަކަށެވެ. އަދި އާއިލާ ރޫޅިފައިވާ 34 ޕަސެންޓް ކުދިންގެ މައްސަލަ ވެސް ފާހަގަވި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ޝަރުއީ ބައްޕައެއް ނެތް ކުދިންނާއި މައިންބަފައިން މަރުވެފައިވާ ކުދިން ކުށުގެ ވެށްޓަށް ވަންނަ މިންވަރު ވެސް އިތުރުވާ ކަމަށް އެ ހިސާބުތަކުގައިވެ އެވެ.
މިދިޔަ އަހަރު ކުޑަކުދިންނާ ބެހޭގޮތުން އެންމެ ގިނައިން ހުށަހެޅީ މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކެވެ. އަންހެން ކުދިންނާ ބެހޭގޮތުން އެންމެ ގިނައިން ހުށަހެޅުނީ މާރާމާރީ ހިންގުމާއި ބަދު އަޚުލާގީ މައްސަލަތައް ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
23 January 2019
ކުޑަކުދިން ކުރާކުއް ރާއްޖެއަށްވުރެން މާބޮޑައް އިންޑިއާގައި މަދު. އެކަމަކު ޅައިރު ކުރާ ކައިވެނި ގިނަ.
މަރޭމިތުރު
23 January 2019
ރަނގަޅު ކުއްޖަކު ތަރުބިއްޔަތުކުރުމަށް ރާއްޖޭގެ ކައިވެނީގެ ނިޒާމު މިހާރައްވުރެން ބޮޑައް ހަރުދަނާކުރަންފެނޭ. ހަމަ ބޭނުންވާއިރައް ވަރިކޮށް ބޭނުންހާ އެތިވަރެއްގޮވާ ދަރިންގެ ކުރިމަތީ މިކަންކަން ހުއްޓުވޭނީ ކައިވެނިއެއީ ކޮންފަދަ އަގެއްހުރި އެއްޗެއްކަމާމެދު އެނގިގެން. ރާއްޖޭގެ ވަރިގިނައުމަކީ ކުދިން ކުށުގެ ވެއްޓައްދާ އެންމެ ބޮޑު އެއްސަބަބު.އާއިލީ ލޯބި ދަރިއެއްގެ ހިތުގައި ހަރުލައިފައިހުރެއްޖެނަމަ ކުށުގެ ވެއްޓަކުން ކުއްޖެއް ނުފެންނާނެ!
މަރޭމިތުރު
23 January 2019
ކުދިންނައް ކުޑަ ލިބޭ އަނިޔާތަކަށް ވިސްނަމާތޯ؟ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ހޯދަމާތޯ؟....................................... އަޅުގަނޑުމެންގެ ދަރިން ކުށުން ސަލާމަތްވުމަށް އެޅޭ އެންމެ ފުރަތަމަބިންގާ ހެޔޮކުރަންވީ. ގޭތެރެއިން ގޮސް ސުކޫލާހަމައިން މިކަން ފެށިގެން އަންނަނީ.
އަތަ
23 January 2019
އެބެޗަށް 18އަހަރު ވީ ކަަމަށްވާނީ.
ޣަފޫރު
23 January 2019
ޔާމީންގެ ވެރިކަމުގައި ކަންކަން ވަކި އުސޫލަކުން ގެންދިޔަ. ކޮންޓްރޯލް ކުރެވުނު. ނިކަން ވިސްނަބަލަ މިހާރު ޑްރަގް އަތުލައި ނުގަންނަ ދުވަހެއް މަދުވާނެ.
ބަބުރުކަލޯ
23 January 2019
ނަންކިރަންވާނީ ކާކު؟ އިބޫއަށްތަ ނޫނީ ޔާމީނަށްތަ؟
ޣަފޫރު
23 January 2019
މިދިޔަ 5 އަހަރު ވެރިޔަކަށް ހުރީ އިބޫތަ؟ ނަންވާން
މަރޭމިތުރު
23 January 2019
ބަބުރުކަލޯ. ކިހިނެތްވާނީ މައިންބަފައިންނަށް ކިރާލިއްޔާ! ތިމާގެ ދަރިން އިސްލާހުކުރާނީ ތިމާގެ މަސައްކަތުން. ރަނގަޅު ތަރުބިއްޔަތަކީ އެއީ.