ފްލެމިންގޯގެ ޓްރެއިނިން ސެންޓަރުގެ ބޭރުގައި، ކުޅުންތެރިއެއްގެ އާއިލާ މެމްބަރަކު ރޮނީ. --ފޮޓޯ: ރޮއިޓާސް
08 ފެބުރުއަރީ 2019 - 17:44
ރިއޯ ޑި ޖެނީރޯ (ފެބްރުއަރީ 8) – ބްރެޒިލްގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ފްލެމިންގޯގެ ޓްރެއިނިން ސެންޓަރުގައި ޔޫތު ކުޅުންތެރިން ތިބޭ އެކޮމަޑޭޝަން ބްލޮކުގައި އަލިފާން ރޯވެ ހަ ކުޅުންތެރިންނާއި ހަތަރު އޮފިޝަލުން މަރުވެއްޖެ އެވެ.
ފަތިހު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ދެ ގަޑިއިރު ފަހުންނެވެ. މި ސެންޓަރަކީ ފްލެމިންގޯގެ ސީނިއާ ޓީމު ވެސް ފަރިތަކުރަން ބޭނުންކުރާ ތަނެކެވެ. ހެނދުނުގެ ވަގުތެއްގައި އެ ޓީމު ވެސް ތަމްރީންތައް ކުރިއަށްގެންދާ ގޮތަށް އޮތީ ރޭވިފަ އެވެ.
އަލިފާން ރޯވި އިމާރާތަކީ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުޅުންތެރިން ބައިތިއްބާ އެކޮމަޑޭޝަނެކެވެ. މަރުވި ކުދިންނާއި އޮފިޝަލުންގެ ނަންތަކެއް އަދި ނޭގެ އެވެ. އާއިލާ މެމްބަރުން ތިބީ ސެންޓަރުގެ ބޭރުގައި، ހަދާނެ ގޮތެއް ނޭގިފަ އެވެ.
މި ތަން ހުންނަ ރިއޯ ޑި ޖެނީރޯގެ ހުޅަނގު ސަރަހައްދަށް މިދިޔަ ބުދަ ދުވަހުގެރޭ ބޮޑު ތޫފާނެއް އައިސް ހަ މީހަކު މަރުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭ ވެހި ސެންޓަރުގައި ކަރަންޓާއި ފެނުގެ ހިދުމަތެއް ނެތެވެ. އެކަމަކު އަލިފާން ރޯވި ސީދާ ސަބަބެއް އަދި ނޭގެ އެވެ.
ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމް ނިސްބަތްވާ ފްލެމިންގޯ އަކީ މިދިޔަ ސީޒަނުގެ ބްރެޒިލް ލީގުގެ ދެ ވަނަ އެވެ. ބްރެޒިލް ކްލަބްތަކުގެ ތެރެއިން ދުނިޔޭގައި އެންމެ މަޝްހޫރު މި ކްލަބަށް ކުޅެފައިވާ ުޅުންތެރިންގެ ތެރޭގައި ބްރެޒިލާ އެކު 1994 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބެބޭޓޯ އާއި ރޮމާރިއޯ އާއި ލެއޮނާޑޯގެ އިތުރުން 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑޯނީއޯ ފާހަގަކުރެވެ އެވެ. ދާދި ފަހުން ރެއާލް މެޑްރިޑަށް ބަދަލުވި ވިނީޝިއަސް ޖޫނިއާ އާއި އޭސީ މިލާނަށް ބަދަލުވި ލޫކަސް ޕަކޭޓާ އަކީ ފްލެމިންގޯގެ އެންމެ ފަހުގެ ދެ އުފެއްދުމެވެ. ދެ ކުޅުންތެރިން ވެސް ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy