އިމްޕޯޓް މުދާ އުފުލާ ބޯޓެއް--ފޮޓޯ:މިހާރު
12 ފެބުރުއަރީ 2019 - 20:58
މިދިޔަ ޖެނުއަރީ މަހުގެ އިމްޕޯޓު މަތިވި އިރު އެކްސްޕޯޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސުން ބުނެފި އެވެ.
މިދިޔަ މަހު ރާއްޖެ އަށް ހަތަރު ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއީ އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާ އިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓުކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް އިމްޕޯޓު ކުރި 21 ޕަސެންޓުގެ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. މީގެ އިތުރުން 16 ޕަސެންޓް ޗައިނާއިން އިމްޕޯޓްކޮށްފައިވާ އިރު 10 ޕަސެންޓުގެ މުދާ އެތެރެކުރީ ސިންގަފޫރުންނެވެ. އިމްޕޯޓު ކުރި މުދަލުގެ ނުވަ ޕަސެންޓް މުދާ އިންޑިޔާ އިން އެތެރެކޮށްފައިވާ އިރު އަށް ޕަސެންޓް އެތެރެކޮށްފައި ވަނީ މެލޭޝިޔާ އިންނެވެ.
މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓު ކުރި މިންވަރު ހުރީ 342.6 މިލިއަން ރުފިޔާގަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 28 ޕަސެންޓްގެ ދަށްވުމެކެވެ. އެ އަހަރުގެ ޖެނުއަރީ މަހު 473.2 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއިން އެކްސްޕޯޓު ކުރި 17 ޕަސެންޓް މުދާ ފޮނުވާފައި ވަނީ ޖަރުމަނުވިލާތަށެވެ. އެމެރިކާ އާއި އިނގިރޭސިވިލާތަށް 14 ޕަސެންޓް މުދާ އެތެރެކޮށްފައިވާ އިރު ފްރާންސަށް ވަނީ 10 ޕަސެންޓްގެ މުދާ އެކްސްޕޯޓު ކޮށްފަ އެވެ. ތައިލެންޑަށް އެކްސްޕޯޓު ކުރީ އަށް ޕަސެންޓްގެ މުދަލެވެ.
އެކްސްޕޯޓް ދަށްވި ނަމަވެސް މިއަހަރު ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެގޮތުން 14 ޕަސެންޓުގެ އިތުރުވުމާ އެކު އާމްދަނީ ހުރީ 306.6 މިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު އެއަދަދު ހުރީ 268 މިލިއަން ރުފިޔާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy