މަޝްހޫރު ދެ ޓެނިސް ކުޅުންތެރިން ކަމަށްވާ ނަޑާލް (ކ) އާއި ފެޑެރާ.-- ފޮޓޯ: އޭއެފްޕީ
25 އޯގަސްޓް 2016 - 12:59
މެޑްރިޑް (އޮގަސްޓް 25) - ޓެނިހުގެ އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އަންނަ އަހަރު ބާއްވާ ޓެނިހުގެ ޝަރަފުވެރި މުބާރާތެއް ކަމަށްވާ ލެވާ ކަޕްގައި އެއް ޓީމަކަށް ކުޅެން ނިންމައިފި އެވެ.
ނަޑާލް އާއި ފެޑެރާ ޑަބަލްސް އިވެންޓުގައި ކުޅޭ މި މުބާރާތް އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 22-24 އަށެވެ. ޓެނިހުގެ ނަން މަޝްހޫރު ކުޅުންތެރިން ކުޅޭ މި މުބާރާތް ބާއްވާނެކަން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. މުބާރާތް އޮންނާނީ ޗެކް ރިޕަބްލިކްގެ ޕްރާގްގަ އެވެ.
ނަޑާލް އާއި ފެޑެރާ ވަނީ މީގެ ކުރިން 34 ފަހަރު ވާދަކޮށްފަ އެވެ. މި ދެ ކުޅުންތެރިން ވަނީ 31 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފެޑެރާ އަށް މި ފަހަރު އޮލިމްޕިކްސްގައި ވެސް ނުކުޅެވުނުއިރު، ސީޒަންގެ ބާކީ ބައިގައި ވެސް ނުފެންނާނެ އެވެ. ނަޑާލް ވަނީ މި ފަހަރުގެ އޮލިމްޕިކްސްގެ ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އެހެން ނަމަވެސް ލޯ މެޑަލް މެޗުން ޖަޕާންގެ ކެއި ނިޝިކޯރީ އަތުން ބަލިވީ އެވެ.
އަންނަ ހޯމަ ދުވަހު ޔޫއެސް އޯޕަން ޓެނިސް މުބާރާތް ފަށާއިރު މި މުބާރާތުން ފެޑެރާ ނުފެނުމަކީ ލިބޭ ފަޅުކަމެއް ކަމަށް މުބާރާތް ބާއްވާ ފަރާތުން ވަނީ ބުނެފަ އެވެ. މިއީ ފާއިތުވި 17 އަހަރު ތެރޭގައި ބޮޑު އަނިޔާއެއްގެ ސަބަބުން ފެޑެރާ އަށް ގްރޭންޑް ސްލޭމް މުބާރާތެއް ގެއްލުނު ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy