ރާއްޖޭގެ ކުރީގެ ކެޕްޓަން މޫސާ ކަލީމް އިއްޔެ ކުޅެނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 ފެބުރުއަރީ 2019 - 12:15
އިންޑިއާގެ މަތީ ފަންތީގެ ކުޅުންތެރިން ހިމެނޭ އެއާ އިންޑިއާގެ ކްރިކެޓް ޓީމާ ދެކޮޅަށް ކުޅެން ރާއްޖޭގެ ގައުމީ ޓީމަށް އިއްޔެ ލިބުނު ފުރުސަތު ވަރަށް ރަނގަޅު ކަމަށާއި ކުޅުންތެރިން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މޫސާ ކަލީމް ބުނެފި އެވެ.
އިންޑިއާ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި މިހާރު ވެސް އައިޕީއެލްގައި ކުޅޭ ކުޅުންތެރިން ހިމެނުނު އެއާ-އިންޑިއާ ޓީމުން ރާއްޖެ ބަލިކުރީ އަށް ވިކެޓުންނެވެ.
"މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން ރޭވި މި ހަރަކާތް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. މިކަހަލަ ފުރުސަތުތައް ގިނަގިނައިން ލިބިގެން ކަންނޭގެ ޒުވާން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ލިބޭނީ. ވަރަށް މަތީ ފެންވަރުގެ ކުޅުންތެރިންޔަކެއް އިންޑިއާ ޓީމުގައި ތިބީ،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބެޓްސްމަން ބުންޏެވެ.
މޫސަ ބުނި ރާއްޖޭގެ ކުޅުންތެރިން ދަސްކުރަންވީ އެއްޗަކީ އިންޑިއާ ކުޅުންތެރިން ގޭމަށް ތައްޔާރުވި ގޮތާއި އެ ކުޅުންތެރިން ތަޖުރިބާގެ ބޭނުންކޮށް މެޗު ބިލްޑްކުރި ގޮތް ކަމަށެވެ.
"އެ މީހުންގެ އިނިންގްސްގައި ލަނޑު ހަމަކޮށްލީ ވަރަށް ބަލައިގެން ތިބެ މަޑުމަޑުން އަތުގައި ވިކެޓު ބަހައްޓާލައިގެން. ރާއްޖެ ޓީމު ފެނިގެން ދިޔައީ އޭގެ އެންމެ ރަނގަޅު ގޮތަކަށް ނޫން. ބޮޑަށް ސިކުނޑީގެ ބައި ރާއްޖޭގެ ކުޅުންތެރިން ރަނގަޅުކުރަން ޖެހެނީ. މިފަދަ މެޗުތަކާ އެކު އެބައިބައި ދަސްވާނެ،" މޫސަ ބުންޏެވެ.
މޫސަ އަކީ 2005، 2006 އަދި 2010 ވަނަ އަހަރުގެ އޭސީސީ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ރާއްޖޭން ކާމިޔާބުކުރި އިރު ކެޕްޓަނެވެ. މީގެ ހަޔެއްކަ އަހަރު ކުރިން ރިޓަޔާކުރި މޫސަ ވެޓްރަންސް މެޗުތަކުގައި މިހާރު ވެސް ގަވާއިދުން ކުޅެ އެވެ. އިއްޔެ މެންދުރުފަހު އެއާ އިންޑިއާއާ ދެކޮޅަށް ކުޅުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަށް މޫސަ ކުޅެ 38 ލަނޑު ހެދި އެވެ. އެ މެޗުން ރާއްޖެ ބަލިވީ ހަ ވިކެޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy