ކުރީގެ ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކު، އިއްޔެ އައިޖީއެމްއެޗް ތެރޭގައި.
21 ފެބުރުއަރީ 2019 - 12:46
މަނީލޯންޑަރިގެ މައްސަލައިގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު، އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލް ތެރެއަށް ވަދެ އަޑުގަދަ ކުރި މައްސަލަ ބަލަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިތާ 24 ގަޑިއިރު ފަހުން ޔާމީން އައިޖީއެމްއެޗަށް ގެނައީ ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ދެއްކުމަށެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ މޫނަށް ޕެޕަ ސްޕްރޭ ޖެހުމުން، ބަޔަކު އޭނާގެ މޫނު ދޮންނަނީ. ---
ޔާމީން، އައިޖީއެމްއެޗްގައި އެޑްމިޓް ކުރާކަން އެނގިގެން، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެތަނުގެ ތެރެއަށް ވަދެ އަޑުގަދަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. އައިޖީއެމްއެޗަށް އެއްވި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ހޮސްޕިޓަލްގެ ތެރޭގައި ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފަ އެވެ.
އައިޖީއެމްއެޗުގެ ކާޑިއޮލޮޖީ ސެންޓަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަނީ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މިއަދު ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އައިޖީއެމްއެޗް ތެރޭގައި މުޒާހަރާ ކުރުމަކީ ދުވަހަކު ވެސް އެމްޑީޕީން ކުރި ކަމެއް ނޫން ކަމަށެވެ. އެކަމަކު، އިދިކޮޅު ސަޕޯޓަރުން އައިޖީއެމްއެޗަށް ގޮސް، އަޑުގަދަ ކުރުމުން، ވަރަށް ގިނަ ބަޔަކަށް އެކަމުގެ އުނދަގޫ ކުރިމަތިވި ކަމަށް އަފްޝަން ވިދާޅުވި އެވެ.
"ހާއްސަކޮށް ކާޑިއޮލޮޖީ ސެންޓަރު ކައިރީގައި މުޒާހަރާކޮށް އަޑުގަދަކޮށް، ވަރަށް ނުރައްކާތެރި ހާލަތްތަކުގައި ތިބި މީހުންނަށް އުނދަގޫވާ ގޮތަށް މުޒާހަރާ ކުރިއަށް ގެންގޮސްފައިވާ ކަމީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،" ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަފްޝަން ވިދާޅުވި އެވެ.
ޔާމީން އިއްޔެ ހަވީރު ކަރެކްޝަންސްގެ އޮފިޝަލަކާ އެކު ޕޮލިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެހެންވެ، އަފްޝަން ވަނީ އައިޖީއެމްއެޗަށް އެއްވެ އަޑުގަދަ ކުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފަ އެވެ. ޔާމީންގެ ދިފާއުގައި އައިޖީއެމްއެޗަށަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
އަފްޝަން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ގޮވަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ތަރައްގީ ގެނައުމަށްޓަކައި އެތައް މަޝްރޫއެއް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ އިރު، އެމްޑީޕީން ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެހީތެރިވެ، ސަރުކާރު ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު ހޮސްޕިޓަލަށް ޖަމާވި އެމަނިކުފާނުގެ ސަޕޯޓަރުންތަކެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހީ، ނުކިޔަމަންތެރިކަން ދައްކައި ކާޑިއޮލޮޖީ ސެންޓަރު ތެރެއަށް ގަދަކަމުން ވަންނަން އުޅުމުން ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ. ޔާމީންގެ ސަޕޯޓަރުންތަކެއް ކޮންޓްރޯލް ކުރަން އައިޖީއެމްއެޗު ތެރޭގައި ފުލުހުން ޕެޕަ ސްޕްރޭ ޖެހުމުން ޕީޕީއެމުން ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.
ޔާމީންގެ މައްޗަށް ދައުވާކުރި މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ޔާމީން ބަންދު ކުރީ، އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ބަންދު ކުރުމުގެ އަމުރަކަށް ޕީޖީން ކޯޓުގައި އެދުމުންނެވެ.
އެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
އިސްލާމިކް ބޭންކް ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫބެ
21 February 2019
ފިޔަވަޅު އަޅަން ޖެހޭ... ސިއްހީ ހިދުމަތްދޭ ތަންތަނީ އެއްވުމުގެ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް...
ސަޅި
21 February 2019
8 އަހަރު، އެމްޑީޕީ މުޒާހަރާކުރީ ގާނޫނާ ގަވައިދު ކޮށާ މށާ ހެދި ޔާމިން ސަރުކާރު ބެހެއްޓިހިސާބުގަ ތިބެގެން، 8 އަހަރު، އަދި މިއުޅެނީ 2،3 މަސްނުވެ ބަލާކޮށްލި ކަންތައް، އެއްވެސް ކޮލިޓީއެއް އެއްކަމެއްގަިވެސް ނެތިއްޔޭ.
ޟީނުންނާ
21 February 2019
އެތަނަށް އެއްވީ ހުސް ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހުންތަ؟
ނޫނޭވާ
21 February 2019
އެތަނުން އެމްޑީޕީ މީހުންވެސް ފެނުނުނަމަ ތިހެން ބުނެވޭނީ..
ޝައިޚް.
21 February 2019
ހަރުކަށި ފިއަވަޅުއަޅާންޖެހޭ، ނޫނީ ފަހުންވާނީ 2012ގަ ވީގޮތަށް، އެހެންވީމަ ތިމައްސަލަ ބަލަން ޖެހޭނެ، ފިއަވަޅުއެޅެންވާނެ،
ވާލުސޮރު
21 February 2019
ތިތަޒާތުގެ މައްސަލަތައް ބަލައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަފަޅު އަޅައިގެންނޫނީ ގައުމު އަމާނެއް ނުކުރެވޭނެ. ކުށްވެރިއަކަށް ފިޔަވަޅު ނާޅައިފިނަމަ ދެން އޭނާ ކުރާނީ ކުރިން ކުރި ކުށަށްވުރެ ބޮޑުކުށެއް.
ހޮޓްކިންގ
21 February 2019
އައިޖީއެމް އެޗަށް އެއްވީ ބެނޭތައް ހިފައިގެން މުޒާހަރާކުރާކަށް ނޫން. ކޮންމެ މީހަކަށްވެސް އައިޖީއެމް އެޗަށް ވަދެވޭނެ. އެއީ ބަލިމީހުންނަށް ގޮވާލާށާއި ބޭސްފަރުވާކުރުމަށް. އެއްފަހަރާ ކަތަންމެ ގިނަ އަދަދެއްގެ ބަޔަކަށްވެސް ވަދެވޭނެ. އެކަން އެއީ ކުށަކަށް ނުހެދޭނެ. މީގެ ކުރިންވެސް ސިޔާސީމީހުން އައިޖީއެމް އެޗަށް ގެނައުމުން ސަޕޯޓަރުން އެއްވޭ.
އަސްތާ
21 February 2019
އޭ ބައްލަވާ އެއްވުމަކީ މައްސަލައެއްނޫން، އެކަމު އެއްވެ މުޒާހަރާ ކުރުމަކީ މައްސަލައެއް، ހަޅޭއްލަވާ އަޑުގަދަކޮސޤ، ހަމަނުޖެހުންހިންގާ، މި ދެން ހަޑި މުޑުދާރު ދެއްތޯ، އެއްކަމެއްގައިވެސް އެއްވެސް ކޮލިޓީއެއްނުއް.
ފުންއަސަރު
21 February 2019
ހަގީގަތުގާވެސް ތިކަމުގާ ފިޔަވަޅު އެޅެންވާނެ. އެހެންނޫނީ ދެން ނަގާ ރާޅުގާ ބިރުވެރިކަން ބޮޑުވެފާ އަމާންކަން ގެއްލިދާނެ.
ކޮންއަސަރު
21 February 2019
އެހެން ފިޔަވަޅުތައް އަޅަމުން އަޅަމުން ގޮސް ޔާމީން ސަރުކާރު އަނިޔާވެރިކަމުގެ ޓެގް އެޅުވުނު ގޮތަށް މި ސަރުކާރުވެސް ވާންވާނެ. އޭރުން ވެރިކަން ކުރެވުނުކަމަށްވާނީ.
ވިސްނާލާ
21 February 2019
ގޮވާނުލިޔަކަސް ފިޔަވަޅު އަޅާނެ ކަލޭމެންނަކީ ތިކަހަތަނަކަށް ދުވަހަކުއެއްވިބައެއްނޫން ރައްޔިތުންނަ އުދަގޫވެދާނެކަމެނުކުރާނެ މިއީތަ ޑިމޮކުރަސީގަ އިންތިހާބުތަކުގަ ވާދަކޮށް ކާމިޔާބުހޯދާގޮތަކީ ލަވްގުރޫ ކޯޓަށް ގެންދެވުނު ދުވަހުންފެށިގެން އޭގެކުރިޔަށްޖެހި މާޒީގެ ހަދާންކޮއްލާ 96ހާސްމީހުން އެއްކޮށް ހައްޔަރުކުރިއަސް މޑޕ އިސްވެއޮވެ ގައުމަށް ތިހަދަންއުޅޭގޮތެ ނުހެދޭނެ އަހަރެމެންގެތެރޭގަ މިއަދުވެސް ތަކުރުންއެބަތިބި ބޮޑުވަޒީރަކަށް އަޔަސް އަޅުވެތިކަމަށް އެއްބަހ
ރާއްޖެ ނެތިދިއުން
21 February 2019
ފިޔަވަޅު އަޅައި ގިނަ މީހުން ހައްޔަރު ކުރިއްޔާ ރަނގަޅީ. އެއިރުން ސަރުކާރަށް ދެތިން އަހަރު ވާއިރު ސިޔާސީ ކުށްވެރިންކޮޅެއް ޖަލުގައި ތިބޭނެ. ދެން ހަމަ މުޅި މަސްރަހް ޤަރަމް ކޮށްލެވޭނެ.
ގައިދީޔާމީނު
21 February 2019
އައިޖީ އެމް އެޗަކީ ޚާއްޞަ ރައްކައުތެރިކަން ( ސްޕެޝަލް ޕްރޮޓެކްޝަން ) ބޭނުންވާނެ ތަނެއް ބޮޑެތި ކުށްތަކަށް އަރައިގެންފަ ތިބޭ ގައިދީން ހޮސްޕިޓަލަށް ގެންދާއިރު އެތަނަށް ކައިރިއަށް ބޭނުންހާ މީހަކަށް ވެދެވިގެން ނުވާނެ