ސްރީ ލަންކާގެ ކުސާލް މެންޑިސް ބެޓްކުރަން ތައްޔާރުވާއިރު ދެކުނު އެފްރިކާގެ ވިކެޓް ކީޕަރު ކުއިންޓަން ޑި ކޮކް ސަމާލުވެގެން. --ފޮޓޯ: އޭއެފްޕީ
24 ފެބުރުއަރީ 2019 - 12:57
ޕޯޓް އެލިޒަބަތު (ފެބްރުއަރީ 24) – ސިލްސިލާގެ ދެ ވަނަ މެޗުން އިއްޔެ ދެކުނު އެފްރިކާ އަތުން އަށް ވިކެޓުން މޮޅުވެ އެ ގައުމުގައި ޓެސްޓް ސިލްސިލާއެއް ކާމިޔާބުކުރި އޭޝިއާގެ ފުރަތަމަ ގައުމުގެ ޝަރަފް ސްރީ ލަންކާ އިން ހޯދައިފި އެވެ.
ދެކުނު އެފްރިކާގައި ކުޅުނު މި ދެ މެޗުން މޮޅުވުމުގެ ކުރިން ލަންކާ އަށް މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ފަހުން ކްރިކެޓުގެ އެއްވެސް ފޯމެޓެއްގެ މެޗަކުން މޮޅެއް ލިބިފައެއް ނުވެ އެވެ. އަދި މި ސިލްސިލާއާ ކުރިމަތިލީ އޮސްޓްރޭލިއާ އަތުން ބޮޑު ތަފާތަކުން ބަލިވި ދެ މެޗަށް ފަހު ކެޕްޓަން ޑިނޭޝް ޗަންޑިމާލް ވަކިކޮށް ވަގުތީ ކެޕްޓަން ކަރުނަ ރަތުނާ ހަމަޖައްސައިގެންނެވެ. މި މޮޅާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި ނާކާމިޔާބު ދުވަސްތަކުގައި ވެސް ސަޕޯޓަރުން ފަހަތުގައި ތިބީތީވެ މި މޮޅު ހާއްސަކުރީ ވެސް ސަޕޯޓަރުންނަށެވެ.
ޕޯޓް އެލިޒަބަތުގެ ސެއިންޓް ޖޯޖްސް ޕާކުގައި ކުޅުނު މި މެޗުގައި ދެކުނު އެފްރިކާގެ ފުރަތަމަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 61.2 އޯވަރުގެ ތެރޭގައި ހެދުނީ 222 ލަނޑެވެ. ޖަވާބުގައި ލަންކާ ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 37.4 އޯވަރުގެ ތެރޭގައި ހެދުނީ 154 ލަނޑެވެ.
ދެކުނު އެފްރިކާގެ ދެ ވަނަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 44.3 އޯވަރުގެ ތެރޭގައި ހެދުނީ 128 ލަނޑެވެ. ފަހު އިނިންގްސްގައި ލަންކާ އިން ދެ ކުޅުންތެރިން ނުބައިވެގެން 45.5 އޯވަރުގެ ތެރޭގައި 197 ލަނޑު ހަދައި މޮޅުވެގެން ފޭބީ އެވެ.
ލަންކާ އަކީ އިންގްލެންޑާއި އޮސްޓްރޭލިއާ ފިޔަވައި ދެކުނު އެފްރިކާގައި އެ ގައުމު އަތުން ޓެސްޓް ސިލްސިލާ އަކުން މޮޅެއް ހޯދި ފުރަތަމަ ގައުމެވެ. އަދި މި މެޗާ އެކު ދެކުނު އެފްރިކާ އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް، ހަތް މެޗަށް ފަހު ނިމުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
24 February 2019
ސޮލޮމޮން ކޮމެންްޓްކުރަން ރަނގަޅު ހަބަރެއް.