ފްރާންސްގެ ކުރީގެ ފޯވާޑް އޮންރީ.-- ފޮޓޯ: އޭއެފްޕީ
27 އޯގަސްޓް 2016 - 09:07
ލަަންޑަން (އޮގަސްޓް 27) - ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ފްރާންސް އަދި އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ހަމަޖައްސައިފި އެވެ.
އޮންރީ ބެލްޖިއަމް އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސިކަން އިއުލާންކުރީ އެ ޓީމުގެ ކޯޗު ކުރިން އެވަޓަން އަށް އިރުޝާދުދިން ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒް އެވެ.
މާޓިނޭޒް ބެލްޖިއަމްއާ ހަވާލުވީ މި މަހު ތިން ވަނަ ދުވަހު އެވެ. ބެލްޖިއަމް ކޯޗުކަމުގެ މަގާމު ހުސްވީ ޔޫރޯގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ކުރީގެ ކޯޗު މާކް ވިލްމޮޓްސް މަގާމުން ވަކިކުރުމުންނެވެ.
މާޓިނޭޒް ބުނީ އޮންރީގެ ކޯޗިންގެ ތަޖުރިބާ ނެތްކަމުގައި ވިޔަސް ފުޓްބޯޅައިގައި އޭނާއާ ވިސްނުން އެއްގޮތް މީހެއް ކަމަށް ވުމުން ބެލްޖިއަމް ޓީމަށް އޭނާ ގެންނަން ބޭނުންވާ ބަދަލު ގެންނަން އޮންރީ އަށް އެހީތެރިވެވޭނެ ކަމަށެވެ.
އޮންރީ ވަނީ މާޓުނޭޒްއާ އެކު ބެލްޖިއަމް ޓީމުގައި މަސައްކަތްކުރަން ކެތްމަދުވެފައި ހުރިކަމަަށް ބުނެ ޓްވީޓްކޮށްފަ އެވެ.
މޮނާކޯ، ޔުވެންޓަސް، އާސެނަލް އަދި ބާސެލޯނާ އަށް ކުޅުނު އޮންރީ ކުޅުން ހުއްޓާލީ އެމްއެލްއެސްގެ ނިއުޔޯކް ރެޑްބުލްސް އަށް ކުޅުމަށް ފަހު 2014 ވަނަ އަހަރު އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޮންރީ މަސައްކަތް ކުރަމުން އައީ މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްގެ ފުޓްބޯޅަ އެކްސްޕާޓެއްގެ ގޮތުގައި އަދި އާސެނަލްގެ 18 އަހަރުން ދަށުގެ އެކަޑަމީ ކޯޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިދިޔަ ޖުލައި މަހު އާސެނަލްގެ ކޯޗު އާސެން ވެންގާއާ މައްސަލަ ޖެހިގެން އޮންރީ ވަނީ އާސެނަލްގެ އެކަޑަމީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.
މާޓިނޭޒް އާއި އޮންރީގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެ އަށް ފަހު އަންނަ މަހުގެ ހަ ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި ރަށުންބޭރުގައި ސައިޕްރަސްއާ ކުޅޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy