ކުޅިވަރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވާން ޝިފާޒަށް ރަނުގެ ފުރުސަތެއް

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް މެޑެއްޔެއް ހޯދައިދޭން ދިގު ރާސްތާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު ކުރަމުން އަންނަ އުއްމީދު ހަގީގަތަށް ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން މަގުކޮށައިދީފި އެވެ. މިނިސްޓްރީން ބަޖެޓް ދީގެން އެސޯސިއޭޝަނުން މިވަނީ އޭނާ އަށް، ކެންޔާގައި ފަސް މަސް ދުވަހު ތަމްރީން ހެދުމުގެ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޝިފާޒް ވަނީ އަމިއްލަ ގޮތުން ހޯދި ފުރުސަތެއްގައި މިދިޔަ ނޮވެމްބަރުން ފެށިގެން ދެ މަސް ދުވަހު ކެންޔާގައި ތަމްރީން ހަދައި، ގައުމީ މެރެތަން ރެކޯޑް މިދިޔަ ޖެނުއަރީ މަހު ހަތަރު ވަނަ ފަހަރަށް މުގުރާލައިފަ އެވެ. އެކަމަކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޮތީ ހާފް މެރެތަން ކަމަށްވާތީ މި ފަހަރު ކެންޔާގައި އޭނާ ތަމްރީން ހަދާނީ އެ އިވެންޓަށް ހާއްސަވެގެންނެވެ.

ޝިފާޒް މި އަހަރަށް ކަނޑައެޅި ދެ ޓާގެޓުގެ ތެރެއިން މެރެތަން ރެކޯޑް މުގުރާލެވުމާ އެކު ދެން އޭނާ ސިކުނޑި ހުސްކޮށްގެން ހުރީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހާފް މެރެތަނުން މެޑެއްޔެއް ހޯދުމަށެވެ. އެކަމަށް މަގުފަހިކުރުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްއާ ބައްދަލުކޮށް ޝިފާޒް އެހީއަށް އެދުނެވެ. އެއާ އެކު މަހުލޫފު ވަނީ އެސޯސިއޭޝަނުގެ ވެރިންނާ ބައްދަލުކުރައްވައި ޝިފާޒުގެ ހުށަހެޅުމާ ބެހޭގޮތުން ސުވާލުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން މައުލޫމާތު ދިނިން ޝިފާޒުގެ ޕާފޯމަންސާއި އޭނާގެ ކުރިއެރުންތަކާ ބެހޭގޮތުން. އަދި އަޅުގަނޑުމެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ޝިފާޒަށް ވާސިލްވެވިދާނެކަމަށް ވެސް މިނިސްޓަރަށް ދެންނެވިން،" އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވި އެވެ.

އެސޯސިއޭޝަނުގެ ރުހުން ލިބުމާ އެކު މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދިނެވެ. އަދި ޝިފާޒް ބޭނުންވަނީ ކެންޔާ އަށް ދާން ކަމަށްވާތީ އެތަނުގައި ފަސް މަސް ދުވަހު ތަމްރީން ހެދުމުގެ ފުރުސަތު އެސޯސިއޭޝަނުން ހަމަޖައްސައިދިނީ އެވެ.

ދިގު ރާސްތާ ދުވުންތެރިން އުފެއްދުމުގައި އެފަދަ ދެ ވަނަ އެއް ނެތް ގައުމެއް ކަމަށްވާ ކެންޔާގައި މި މަހުގެ 22 އިން ފެށިގެން ޖުލައި 11 އާ ހަމަޔަށް އޭނާ ހަދާ ތަމްރީންތަކާ އެކު ގޭމްސްގައި ބޮޑު ކާމިޔާބެއް ލިބިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ ދެ މަސް ދުވަހު ހެދި ތަމްރީންތަކާ އެކު ދުބާއީ މެރެތަންގައި ބޮޑު ކުރިއެރުމަކާ އެކު މެރެތަން ރެކޯޑް މުގުރާލާފައިވާތީ އެވެ.

ޝިފާޒް (ކ-4) ކެންޔާގައި ތަމްރީން ހަދަމުން އަންނަ ދުވުންތެރިންތަކާ އެކު.

ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް 2017 އަހަރު ތަމްރީން ހަދައި އަދި ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހަދައި މިދިޔަ އަހަރުގެ ޝިފާޒުގެ ޕާފޯމަންސް ފެނުނީ ވަރަށް ރަނގަޅަށެވެ. މިދިޔަ އަހަރު ބައިނަލްއަގްވާމީ ފަސް ދުވުމެއްގައި ވާދަކޮށް ގައުމީ ރެކޯޑް ހަ ފަހަރު އާކުރި އެވެ.

އަހަރު ފެށީ ޖެނުއަރީ މަހު އޮތް ދުބާއީ މެރެތަންގައި 2 ގަޑި 39:43 މިނެޓުން ދުވެ މެރެތަން ރެކޯޑް އާކޮށްގެންނެވެ. އެ ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި 2 ގަޑި 35:17 މިނެޓުން ދުވެގެންނެވެ. އަދި އެ ޓައިމިން އަށް ވުރެ 2:24 މިނެޓު އަވަހަށް، މި އަހަރުގެ ދުބާއީ މެރެތަންގައި 2 ގަޑި 32:56 މިނެޓުން ދުވެ، ފިރިހެނުންގެ 30 އަހަރުން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދައި، ގައުމީ މެރެތަން ރެކޯޑް، އޭނާގެ ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް މުގުރާލި އެވެ.

ޝިފާޒް މިހާރު ހުސްވެގެން ހުރި ހާފް މެރެތަންގައި ވެސް އޭނާ އަކީ ކާމިޔާބު ދުވުންތެރިޔެކެވެ. މިދިޔަ އަހަރު އޭނާ ހާފް މެރެތަން ރެކޯޑް ދެ ފަހަރު އާކުރި އެވެ. އެންމެ ފުރަތަމަ އާކުރީ މާޗު މަހު އޮތް ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 14:23 މިނެޓުން ރޭސް ނިންމައިގެންނެވެ. އަދި އެ ދުވުމުގެ ތެރެއިން އޭނާ 15 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހެދި އެވެ. ހާފް މެރެތަން ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މޭ މަހު ނޭޕާލުގައި އޮތް ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14:01 މިނެޓުން ދުވެގެންނެވެ.

"ބޮޑު ތަފާތަކުން ރެކޯޑްއާކޮށް ރާއްޖެ އަށް މެޑަލް ހޯދައިދޭން ބޭނުންވަނީ. ފުރުސަތު ލިބިއްޖެ ނަމަ އެކަން ހާސިލްކުރެވޭނެ،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ ބެހޭގޮތުން ޝިފާޒް ކުރިން ބުނެފައިވެ އެވެ.

މޮރިޝަސްގައި ޖުލައި މަހުގެ 19 އިން 28 އަށް ބާއްވާ ގޭމްސްގައި އެތުލެޓިކްސް އެސޯސިއޭޝަނުގެ ޓާގެޓަކީ ފަސް މެޑެއްޔެވެ. މިހާރު ވެސް ސްޕްރިންޓް އަދި މެދު ރާސްތާ ދުވުންތެރިން އަންނަނީ އިންޑިއާގެ އެހީއާ އެކު އެ ގައުމުގެ ބެންގަލޫރުގައި ތަމްރީން ހަދަމުން އެބަދެ އެވެ. އިތުރު ފުރުސަތުތައް ހޯދުމަށް އޮލިމްޕިކް ކޮމިޓީއާ އަންނަނީ މަޝްވަރާކުރަމުންނެވެ. އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ބައިވެރިކުރާ ހުރިހާ އެތުލީޓުންނަށް ރާއްޖޭން ބޭރުން ތަމްރީނުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އަދި ތަޖުރިބާ ހޯދަން އެސޯސިއޭޝަނުން އެތުލީޓުން ނުފޮނުވާނެ ކަމަށާއި ބައިވެރިވާނީ މެޑަލް ލިބޭނެ އިވެންޓްތަކުގައި ކަމަށް ވެސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުވާ މީހާ

27 February 2019

މިނިސްޓަރ މަހްލޫފް ގެ ނިންމުން ވަރަށް ރަނގަޅު. ޢެސޯސިއޭޝަން އެއް އޮތީޔާ ފުރުސަތު ދޭންވާނީ އެސޯސިއޭޝަން މެދުވެރިކޮށް. ޢެތުލީޓުންނަށް އެސޯސިއޭޝަން ބައިޕާސް ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ. ސާބަހޭ މިނިސްޓަރ

The name is already taken The name is available. Register?

ހާނިމް

27 February 2019

ބަލަ ޝިފާޒު ކެންޔާގަ ހުރެގެން ކުރިޓުވީޓްގަދޯ އެއޮތީ މިނިސްޓާރ މަހުލޫފް ޔަގީންކަން ދިންވާހަކަ ދެން އެސޯސިއޭޝަނުން ތިކަމުގަ ކުރިކަމެއް ބުނެބަ... ޝިފާޒް ދުވުމުގަ ހުރިހިސާބު އިގޭނެ މިހާރުނޫސް ބަލާލިޔަސް އެހެން ނޫނަސް ތިކަމުގަ ޝިފާޒް ގޮވައިގެން މަހުލޫފްގެ އަރިހަށް ނުދޭ އެސޯސިއެޝަނަކުން ކްރެޑިޓްކާލަން ތިވަރެއް ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454