މޭޑް ރަނާސް އިން އިއްޔެ ބޭއްވި ހާއްސަ ހަރަކާތުގެ ބައިވެރިން. --ފޮޓޯ: މޭޑް ރަނާސް
29 އޯގަސްޓް 2016 - 08:29
ރާއްޖޭގައި ލޯންގް ޑިސްޓެންސް ޕްރޮމޯޓްކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިސްޓެންސް ރަނާސް (މޭޑް ރަނާސް) އިން އިއްޔެ ހަވީރު ހާއްސަ ސެލެބްރިޓީ ދުވުމެއް ބާއްވައިފި އެވެ.
ޕްރޮފެޝަނަލް ތަފާތު ވަޒީފާތަކުގައި އުޅެމުން، ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ދުވާ މީހުން ހިމެނޭ ހިމެނޭ މޭޑް ރަނާސްގެ އިއްޔެގެ ޓްރެއިނިން އަށް ވަނީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަލޮށްލެވޭ ފަރާތްތައް ދައުވަތު ދީފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބޮޑުބެރު ގްރޫޕް ހަރުބީގެ މެމްބަރުންނާއި މޯލްޑިވިއަންގެ އައިޑޮލްގެ ބައިވެރިޔާ އިބްރާހިމް އަމާނާއި ޓީވީ ޕްރެޒެންޓަރުންނާއި ފިލްމީ ތަރިންގެ އިތުރުން ނޫސްވެރިން ވެސް ހިމެނެ އެވެ. ކޯޗު އަބްދުﷲ އިބްރާހިމް (ޖަމްބޯ) އާއި މޭޑް ރަނާސްގެ ދުވުންތެރިންނާ އެކު، ބައިވެރިން ވަނީ މާލެ ވަށައި ބުރެއް ފުރިހަމަކޮށްފަ އެވެ.
މޭޑް ރަނާސް އިން އިއްޔެ ބޭއްވި ހާއްސަ ހަރަކާތުގެ ބައިވެރިން. --ފޮޓޯ: މޭޑް ރަނާސް
"އަޅުގަނޑުމެންގެ ބޭނުމަކީ ލޯންގް ޑިސްޓެންސް ދުވުމަށް ހޭލުންތެރިކަން އިތުރުކުރުން. އަދި މީގެ ތެރެއަށް އިތުރު ފަރާތްތައް ވައްދައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިއްމުކަން އަންގައިދިނުން،" 2012 ވަނަ އަހަރު އުފެދުނު މޭޑް ރަނާސްގެ ދުވުންތެރިޔަކު ބުންޏެވެ.
މޭޑް ރަނާސް އިން އަންނަނީ ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ދުވުމުގެ އިވެންޓްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން 2012 ވަނަ އަހަރުގެ ކޮލަމްބޯ މެރެތަން އިން ފެށިގެން، ސިންގަޕޯ މެރެތަން އަދި ޕުކެޓް މެރެތަންގައި ވަނީ ބައިވެރިވެފަ އެވެ. ރާއްޖޭގެ ގައުމީ ހާފް މެރެތަން ރެކޯޑް ދާދި ފަހުން މުގުރާލި އެތުލީޓް އަހުމަދު ޝަރަފް ދުވުމުގެ ތެރެއަށް ނުކުތީ ވެސް މޭޑް ރަނާސް އިންނެވެ.
ބާލިން މެރެތަންގައި ދުވާ މޭޑް ރަނާސްގެ ތިން ދުވުންތެރިން (ކ-ވ) ނަސްރު، ޖަވާ އަދި އަސީލް. --ފޮޓޯ: މޭޑް ރަނާސް
މޭޑް ރަނާސް އިން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ޖަރުމަނުގެ ވެރިރަށް ބާލިންގައި ބާއްވާ، ބާލިން މެރެތަން އަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް މެރެތަންގައި މޭޑް ރަނާސްގެ ދުވުންތެރިންގެ ތެރެއިން ބައިވެރިވަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރު އަސީލް ޖަލީލާއި ނަސްރުﷲ އަހުމަދު (ނަސްރު) އަދި އަހުމަދު ޖަވާދެވެ. މީގެ ތެރެއިން ނަސްރު އަދި ޖަވާ ބައިވެރިވަނީ ދިވެހި ސިފައިންގެ ކްލަބުގެ ނަމުގަ އެވެ.
މިއީ ނަސްރުގެ 15 ވަނަ މެރެތަނެވެ. އޭނާ އަކީ އެންމެ ގިނަ މެރެތަން ދުވުމުގެ ޝަރަފް ލިބިފައިވާ ދިވެއްސެވެ.
މޭޑް ރަނާސް އިން އިއްޔެ ބޭއްވި ދުވުމުގައި ބައިވެރިވި އެ ގްރޫޕުގެ ދުވުންތެރިންނާއި ބައެއް ބައިވެރިން. --ފޮޓޯ: މޭޑް ރަނާސް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާއްކޮ
19 December 2022
ނާއްކޮ އަދިވެސް ހާދަ ރީއްޗޭ
އަލްޖިބްރާ
29 August 2016
މިމީހުން މާލެ ވަށާ ހިގާ ދުވެ ހެދިއަކަސް މަގުބަންދެއްވެސް ނުވޭ ! އެހެންމީހުނައް އަދި ދުއްވާ އެއްޗަކަށްވެސް އުދަގުލެއްވެސް ނުވޭ ! ހާދަ މޮޅުބައެކޭ !
މެންޓަލިސްޓް
29 August 2016
ކޮންދުވަހަކުންބާ ދެން ބޭބެމެންނަށް ރަންމެޑަލްއެއް ދުވުމުން ހޯދައިދޭނީ ،، އެވަރު ހިއްވަރެއްހުރި ކުއްޖެއްނެތްތޯ ؟