މޯލްޑިވްސް-އިންޑިއާ ފްރެންޑްޝިޕް ކްރިކެޓް މެޗުގައި ރާއްޖޭގެ ހަސަން އިބްރާހިމް އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އެޕްރީލް 2019 - 11:17
މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބާއްވާ ޓީ-ޓްވެންޓީ މުބާރާތުގައި ކުއާލަ ލަމްޕޫރު ސްޓޭޓް ޓީމަށް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ފާސްޓް ބޯލަރު ހަސަން އިބްރާހިމް އަށް ލިބިއްޖެ އެވެ.
ރާއްޖޭން ބޭރުގެ ޓީމަކަށް ކުޅުނު ދިވެހި ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް 2017 ވަނަ އަހަރު ކުޅުނު ހަސަން ބުނީ އެ ގައުމުން ދެ ވަނަ ފަހަރަށް ލިބުނު ދައުވަތަކީ ކުރިއަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށާއި މީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ ސަރަހައްދުގެ ގައުމުތަކުގައި ކުޅުން. ލިބޭ ފުރުސަތުތަކުގައި ހުނަރު ދައްކާލައިގެން އިތުރު ފުރުސަތުތައް ލިބޭނީ. މީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނަން،" މި މަހުގެ 20 އިން މޭ 5 އަށް އޮންނަ މުބާރާތާ ބެހޭގޮތުން ހަސަން ބުންޏެވެ.
ހަސަން ވަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް ކުޅެ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު ކަމަށްވާ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު މިދިޔަ އަހަރު ތަމްރީން ހަދައިފަ އެވެ.
ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަދެ އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަންގެ އުއްމީދަކީ ދުނިޔޭގެ ބޮޑު ކްރިކެޓް ލީގެއްގައި ކުޅުމެވެ. އެކަމަށްޓަކައި ޕާސަނަލް ކޯޗެއްގެ އެހީއާ އެކު އޭނާ މާލޭގައި ހާއްސަ ތަމްރީންތަކެއް ވެސް ހެދި އެވެ.
އޭސީސީ ޗެލެންޖް ޓްރޮފީ 2010 ވަނަ އަހަރު ކާމިޔާބުކުރި ގައުމީ ކްރިކެޓް ޓީމަށް ކުޅުނު ހަސަން ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2010 އަދި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ގައުމީ ޓީމަށް ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy