ރިޕޯޓް / އެންމެ ކުޑަ އުޖޫރަ

މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟

މިނިމަމް ވޭޖު ކަނޑައަޅަން އެމްޑީޕީން ބިލެއް ފާސްކުރަން އުޅުމާއި މިނިމަމް ވޭޖުގެ ގޮތުގައި އެމްޑީޕީން ހުށަހަޅާފައިވާ އަދަދުތަކާ މެދު، މަސައްކަތްތެރިންގެ ހައްގުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަހުރި.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތް ވަޒީފާއާ ބެހޭ ގާނޫނުގައި މީގެ 10 އަހަރު ކުރިން އޮތީ ލިޔެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވޭޖު ބޯޑެއް އެކުލަވާލެއްވީމާ މި ވަގުތު ވެސް އެ ކަމަށް މަސައްކަތް ފެށުނީ އެވެ. އަދި އެ ބޯޑުގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރު އަމުރެއް ނެރުއްވީމާ މިނިމަމް ވޭޖު ކަނޑައެޅުނީ އެވެ. އެކަމަކު ސަރުކާރުގެ އަމާޒު ހުރީ އަންނަ މަހު ފަހުކޮޅު ފަށާ ރައްޔިތުންގެ މަޖިލީހުން އާ ބިލެއް ފާސްކޮށްގެން މިނިމަމް ވޭޖެއް ކަނޑައަޅާށެވެ.

މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމްއިއްޔާތަކުން އެކަން ބަލައެއް ނުގަނެ އެވެ.

"ވޭޖު ބޯޑެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި އެ ބޯޑުން ދިރާސާކުރުމަށް ފަހު މިނިމަމް ވޭޖު ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ވެސް އެބަ އޮތް. އެހެންވީމާ އެއީ އަނެއްކާ އިތުރު ގާނޫނަކުން ނުވަތަ މަޖިލީހުން ކުރަން ޖެހޭ ކަމެއް ނޫން،" މިނިމަމް ވޭޖު ކަނޑައަޅަން އެންމެ ބޮޑަށް ބާރުއަޅަމުން އަންނަ ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވި އެވެ.

މިނިމަމް ވޭޖު ކަނޑައަޅުއްވަން އޭނާ އަށް ލަފާ ދޭން ވޭޖު ބޯޑު އެކުލަވާލައްވަން ރައީސް އަރިހު އެދިވަޑައިގެންނެވި ވާހަކަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިދިޔަ ޑިސެމްބަރު މަހު ވިދާޅުވި އެވެ. އެކަމަކު މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ 19ގައި މިނިމަމް ވޭޖުގެ ގޮތުގައި އަދަދުތަކެއް ހުރީ ކަނޑައަޅައިފަ އެވެ. އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދި އެމްޑީޕީގެ ނިންމުމަކީ މިނިމަމް ވޭޖު ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމެވެ. މަސައްކަތްތެރިންގެ ދުވަހަށް އިއްޔެ ދެއްވި ހިތޯބުގައި ރައީސް ވެސް ދެއްކެވީ މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް އާ މަޖިލީހުން ކުރިއަށް ގެންދާނެ ވާހަކަ އެވެ.

"ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މި އަންނަނީ މަޝްވަރާ ކުރަމުންނެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ،" ރައީސް ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހައްގުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާގޮތުގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމަށާއި އެކި ދާއިރާތަކުގެ މިނިމަމް ވޭޖުގެ ގޮތުގައި އެމްޑީޕީން އަދަދުތަކެއް ކަނޑައެޅި އިރު މަސައްކަތްތެރިންނާ މަޝްވަރާއެއް ނުކުރެ އެވެ. އެހެންވެ، އެއީ ކިހިނެއް ކަނޑައެޅި އަދަދުތަކެއް ކަން ވެސް ނޭނގޭ އިރު ދިރާސާއެއް ކުރިތޯ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބެލިތޯ އެ މީހުން ސުވާލުއުފައްދަ އެވެ.

"އެއީ މަސައްކަތްތެރިންގެ ޖަމްއިއްޔާތަކާ މަޝްވަރާކޮށްގެން ކޮށްފައި އޮތް ކަމެއް ނޫން. އަދި އެ ކަމަކީ އިންޓަނެޝަނަލީ މިނިމަމް ވޭޖު ކަނޑައަޅާ އިރު ބަލާ އުސޫލުތަކާ އެއްގޮތަށް ކޮށްފައި އޮތް ކަމެއް ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ،" މައުރޫފް ވިދާޅުވި އެވެ.

"އައިއެލްއޯގައި އޮވޭ، މިނިމަމް ވޭޖު ކަނޑައަޅެމުގައި އަމަލުކުރަން ޖެހޭ ފޯމިއުލާއެއް. އެއީ ދުނިޔޭގެ އެތައް ގައުމެއްގައި ބަލާ އެއްޗެއް. އެ ފޯމިއުލާ އިން މިނިމަމް ވޭޖު ކަނޑައަޅަނީ މީހުންގެ ދިރިއުޅުމުގެ ހާލަތަށާއި ވަރަށް ގިނަ ކަންކަމަށް ބަލައިގެން."

އޭނާ ވިދާޅުވީ އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް، އެކި ދާއިރާތަކަށް އެކި އަދަދުތައް ކަނޑައަޅަން ތާއީދުކުރައްވާ ކަމަށާއި އެކަމަކު އެފަދަ އަދަދުތަކެއް އަންނަން ޖެހޭނީ ފުރިހަމަ ދިރާސާއަކަށް ބިނާކޮށް ކަމަށެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަހުމަދު ޝިހާމް ފާހަގަކުރެއްވި ގޮތުގައި އަދަދުތަކެއް އިއުލާންކުރުމުގެ ކުރިން ސަރުކާރުން މިކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހެ އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ [އެމްޑީޕީން] އަދަދުތައް ގެނެސްގެން އުޅެނީ ކިހިނެއް ކަމެއް. އިކޮނޮމިސްޓެއް އެކަމާ ބެހޭ ގޮތުން ދިރާސާއެއް ކުރި ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެއީ ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމެއް،" ޝިހާމް ވިދާޅުވި އެވެ.

"މިކަން ސަރުކާރުން އެބަ ޖެހޭ ވީހާ ވެސް އަވަހަކަށް މަޝްވަރާ އަށް ހުޅުވާލަން. މީހުންގެ ހިޔާލު ހޯދަން ޖެހޭ. އަދި މިސާލަކަށް ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުން ނުވާ ކަމަށް ވަންޏާ އިކޮނޮމިސްޓަކު ގެނެސް، އޭނާ ދައްކާ ވާހަކަ މީޑިއާގައި ވިޔަސް ރައްޔިތުންނާ ހިއްސާކުރަންވީ ނޫންތޯ؟"

"ތަންފީޒުކުރެވޭނެ އަދަދުތަކެއް ނޫން"

ދިރާސާއެއް، މަޝްވަރާއެއް ނުކޮށް މިނިމަމް ވޭޖު ކަނޑައަޅައިފި ނަމަ އެކަން ފަނުފުލުން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

އެމްޑީޕީން ހުށަހަޅާ އަދަދުތައް ތަންފީޒުކުރެވިދާނެ ކަމަކަށް މައުރޫފް ގަބޫލެއް ނުކުރައްވަ އެވެ.

"މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީގެ މިނިމަމް ވޭޖަކީ މަހަކު 10،000 ރުފިޔާ ކަމަށް ކުއްލިއަކަށް ކަނޑަޅައިފިއްޔާ އޭގެ މާނައަކީ އެންމެ އާދައިގެ ވަޒީފާ އަށް އަލަށް ވަންނަ މީހާ އަށް ވެސް 10،000 ރުފިޔާ ލިބޭނެއޭ. މިއަދުގެ މުސާރައަކީ މިސާލަކަށް 4،000 ރުފިޔާ ކަމަށް ވެއްޖެއްޔާ ކުއްލިއަކަށް އެ އަންނަނީ ވަރަށް ބޮޑު ޖަމްޕެއް،" އޭނާ ފާހަގަކުރެއްވި އެވެ.

މައުރޫފް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅިގެން އިގްތިސޯދީ ބޮޑު ގެއްލުމެއް ލިބެން މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުން ބޭނުން ނުވާ ކަމަށާއި ރުފިޔާގެ އަގު ދަށަށް ދިޔުމާއި ތަކެތީގެ އަގު އުފުލުން ފަދަ ހީނަރުކަމެއް އަތުވެއްޖެ ނަމަ މިނިމަމް ވޭޖު ވެގެންދާނީ ވަރަށް ގިނަ މީހުން ދެކޮޅު އެއްޗަކަށް ކަމަށެވެ.

"މަގްސަދަކީ މީހުންގެ ހާލަތު ރަނގަޅުވުން. އެހެންވެއްޖާ އެއީ ވިޔަފާރިވެރިންނަށް ވެސް ތަންފީޒުކުރެވޭ އެއްޗަކަށް ވާން ޖެހޭނެ. މިނިމަމް ވޭޖަކީ އެ މީހުން ނުކުމެ، ކަނޑައެޅިގެން ދެކޮޅުހަދާ އަދަދަކަށް ވެއްޖެއްޔާ ވަޒީފާ އަދާކުރާ ފަރާތްތަކާއި ދޭ ފަރާތްތަކާ ދެމެދު ދެން އުފެދިގެންދާނީ މާ ބޮޑު އިންޑަސްޓްރިއަލް ހަނގުރާމައެއް،" މައުރޫފް ފާހަގަކުރެއްވި އެވެ.

މަސައްކަތްތެރިންނާ މަޝްވަރާ ނުކޮށް މިނިމަމް ވޭޖު ކަނޑައަޅައިފި ނަމަ ނުކުންނާނެ މައްސަލަތައް ވެސް ގިނަވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި އުޅޭ މުވައްޒަފުންގެ ސާވިސް ޗާޖު ނުހިމެނޭ ގޮތަށް އަދަދެއް ކަނޑައަޅައިފި ނަމަ މިހާރަށް ވުރެ އާމްދަނީ ކުޑަވެގެންދާނެތީ އެ މީހުން އެކަން ބަލައިނުގަންނާނެ ކަމަށެވެ.

"އަލަށް މި އުޅެނީ ކަނޑައަޅަން. މިހާރު މަޝްވަރާ ނުކޮށް ވެސް ކުރެވިދާނެ. އެހާ ބާރު އެބަ އޮތް ސަރުކާރަށް. އެކަމަކު މިއީ އެއަށް ވުރެ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް،" މައުރޫފް ފާހަގަކުރެއްވި އެވެ.

ގާނޫނުން އަދަދު ކަނޑައެޅުން: ބޮޑު ގޯހެއް

މިނިމަމް ވޭޖު ތައާރަފްކުރުމުގެ ހުރިހާ މަރުހަލާތަކެއް ވަޒީފާއާ ބެހޭ ގާނޫނުގައި ހުރީ ކަނޑައަޅައިފަ އެވެ. ފުރަތަމަ ކަމަކީ ވޭޖު ބޯޑަށް ރައީސް ފަސް މެމްބަރަކު އައްޔަންކުރެއްވުމެވެ. އެއީ، ވިޔަފާރިކުރާ ތަންތަނުގަ އާއި އެ ނޫން ވެސް މަސައްކަތު މާހައުލުތަކުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑެވެ.

ވޭޖު ބޯޑުން ދޭ ލަފާ ދިރާސާކުރުމަށް ފަހު، ވަކި މަސައްކަތަކާ ގުޅޭ ގޮތުން ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގޮތުން، ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ބާތިލްކުރުމުގެ ގޮތުން، މިނިސްޓަރަށް އަމުރު ނެރެވޭނެ އެވެ. އެ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރު ގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެ އެވެ. އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅަން މިނިސްޓަރު ކުރާ އަމުރު މަދުވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން މުރާޖައާކުރަން ވާނެ ކަމަށް ވެސް ގާނޫނު ބުނެ އެވެ.

މި ހުރިހާ ކަމެއް މިހާރު ވެސް ކަނޑައަޅާފައި ހުރި އިރު، ގާނޫނީ ގޮތުން އިތުރަށް ކުރަން ޖެހޭ ހަމައެކަނި ކަމަކީ ވޭޖު ބޯޑު ހިންގާނެ ގޮތާއި ބޯޑުގެ ބާރުތަކާއި ވާޖިބުތައް ކަނޑައަޅަން މިނިސްޓަރު ގަވާއިދެއް ހެދުމެވެ. ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ނެތެވެ. މައުރޫފް ވިދާޅުވީ އެޖެންޑާ19ގެ ތެރެއަށް މިނިމަމް ވޭޖު ވެއްދީ "އޮޅުވާލުމެއްގެ ތެރެއިން" ކަމަށް ބެލެވޭ ކަމަށެވެ. ވޭޖު ބޯޑު ކަނޑައަޅާ ވާހަކަ ސަރުކާރުން ދައްކާފައި މިހާތަނަށް އެކަން ނުކޮށް އޮތީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، "އެޖެންޑާ 19 އަށް އެއިން އަސަރުކޮށްފާނެތީ" އެވެ.

"ގާނޫނުގައި މިހާރު ވެސް ލިޔެފައި އޮތީ، ވޭޖު ބޯޑެއް ކަނޑައަޅާފައި އެ ބޯޑުން ކުރާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް މިނިމަމް ވޭޖު ކަނޑައަޅަން. އެހެންވީމާ މިނިމަމް ވޭޖު ކަނޑައަޅާތީ ރައްޔިތުން އެޖެންޑާ 19 އަށް ވޯޓު ދޭކަށް ނުޖެހޭނެތާ،" މައުރޫފް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދު ވިދާޅުވީ ވޭޖު ބޯޑު އެކުލަވާލާނެ ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެއީ ކޮން ތައްޔާރީތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ވޭޖު ބޯޑަށް ނަން ހުށަހަޅަން އެދިގެން ބައެއް ފަރާތްތަކުން ކުރިން ނަންތަކެއް ފޮނުވި ކަމަށްވެ އެވެ. އެކަމަކު އެ މީހުން ބުނާ ގޮތުގައި އޭގެ ފަހުން "ހަބަރެއް ނުވެ" އެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ބަހެއް ނުލިބުނެވެ.

މިނިމަމް ވޭޖު ކަނޑައަޅަން ވަޒީފާ ގާނޫނަށް އިސްލާހެއް ގެންނަން އެޖެންޑާ 19ގައި ހިމަނައި އަދަދުތަކެއް ބަޔާންކޮށްފައި ހުރީ އެ އަދަދުތައް ހިމަނައިގެން އެ ބިލު ފާސްކުރާ ގޮތަށް ކަމެއް ސާފެއް ނޫނެވެ. އެކަމަކު އެ ގޮތަށް ގާނޫނަކުން އަދަދުތަކެއް ކަނޑައަޅައިފި ނަމަ އެއީ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމުގެ އިންޒާރު މައުރޫފް ދެއްވަ އެވެ. އޭނާ ވިދާޅުވީ އިގްތިސޯދަށް އަންނަ ބަދަލުތަކާ އެއްގޮތަށް މިނިމަމް ވޭޖަށް ވެސް ބަދަލު ގެންނަން ޖެހޭނެ ކަމަށާއި ގާނޫނަކުން ކަނޑައަޅައިފި ނަމަ އެކަން ކުރަން އުނދަގޫވާނެ ކަމަށެވެ.

"އިކޮނޮމިކް މިނިސްޓްރީގެ ގަރާރަކުން އެކަން މި އަންނަން ޖެހޭ ސަބަބަކީ ގާނޫނަކުން އައިމަ ކުއްލި ކުއްލި އަށް ގާނޫނު ބަދަލު ނުކުރެވިދާނެތީ. އެހެން ނަމަވެސް، ލީގަލް މިނިމަމް ވޭޖު ގަރާރަކުން އައިމަ، ދެން އިގްތިސޯދަށް އަންނަ ބަދަލަކަށް ބަލާފައި އޭތި ދެމެހެއްޓުމާއި އަދި އޭތި އަލުން ރިވިއުކުރުމާ މެދު ގޮތް ނިންމަން ފަސޭހަވާނެ،" މައުރޫފް ފާހަގަކުރެއްވި އެވެ.

53 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 26%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޔާ

04 May 2019

ތިހެން އަދި ސަމާލުކަން ހޯދަން އުޅުނަސް ކެއްތެރިވޭ މިވަރުގެ ކަމެއް ނިއްމާނީ ތަޖުރިބާހުރި މީހުންގެ ވިސްނުމާއިއެކުކަން ޔަގީނެވެ.

The name is already taken The name is available. Register?

ފުލޮޕް

02 May 2019

ވަކިބަޔަކަށް ފައިދާވާ ގޮތަށް ތިޔޮތީ އަމިއްލަ މަސްލަހަތު އިސްކޮށްފަ

The name is already taken The name is available. Register?

ގަފޫރު

01 May 2019

ކުލި ކޮންޓްރޯލް ކުރަން ގޮވާލަން....

The name is already taken The name is available. Register?

ކެކެ

01 May 2019

ދެންކޮބާ ޓެކްނިކަލް މީހުން.. އިލެކްޓްރިސަނުންނާ މެކޭނިކް.. އެމީހުން ނަކައް ނެތް ދޯ ކމެއް

The name is already taken The name is available. Register?

ޒުލޭހާ

01 May 2019

ކޮބާހޭ ފުލެޓު ކޮމިޓީ... ކޮބާހޭ ފުލެޓު ކޮމިޓީ.. ކޮބާހޭ ފުލެޓު ކޮމިޓީ... މުސާރަ އެމީހުންނަގާ ބަރާބަރަށް.. ވާކަމެއް ނޯވޭ

The name is already taken The name is available. Register?

ާއަދުރޭ

01 May 2019

ރައީސް އިބްރާޙިމް މުޙައްމަދުގެ ސަރުކާރުގެ އަމާޒަކީ ދަވުލަތް ވީހާވެސް ދުވެލިމަޑުކޮށްފާ ބޭއްވުން ދެން ވީހާވެސް ގިނަކަންކަން ކޮށްދޭނެ ކަމަށް ބުނެ ވަޢުދުތައް ވަމުން ދިއުން ނުފުއްދުނީމަ ކުރީ ސަރުކާރުގެ ކޮރަޕްޝަން އާ ހެދި ނުވީ ކަމަށް ބުނުން .. ކީއްތޯ މި ކުރަނީ ؟

The name is already taken The name is available. Register?

ސޯބު

01 May 2019

މުސާރަޔާ އެކު އެކީ ތަކެތީގެ އަގު ބޮޑުކުރާނެކަން ޔަގީން. އެހެންކަމުން މިދެކަންތައްވެސް ކޮންޓްރޯލް ކުރެވެންވާނެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

01 May 2019

ފިތުނަ އުފައްދާ ބައިގަޑެ އެމްޑީޕީއަކީ

The name is already taken The name is available. Register?

އިކޮނޮމިކް

01 May 2019

ވަރަށް ބޮޑަށް ދިރާސާކޮށްފަ ނިންމަންޖެހޭ ނިންމުމެއް. އަދި މިކަން ކުރުމާ އެއްކޮށް ޓެކްސްގެ ލުއިތަކެއްވެސް ބައެއް ފަރާތްތަކަށް ދިނުމަކީ ކުރަންޖެހޭ ކަމެއް. އެހެންނޫނީ އަމިއްލަ ވިޔަފާރިތައް ބަނގުރޫޓުވުންވެސް އެކަށީގެންވޭ.

The name is already taken The name is available. Register?

ޤުއްދޫސް

02 May 2019

ޓެކްސް އަކީ ވިޔަފާރިވެރިއާ ކަސްޓަމަރު އަތުން ނަގާފަ ދޭ އެއްޗެ ދެން އޭނަ ޓެކްސް ހިފަހައްޓަން ޖެހޭ ސަބަބަކީ ކޮބާ؟

The name is already taken The name is available. Register?

ނުރަބޯ

01 May 2019

މަޖިލީހުން ތިބިލްތައް ފާސްވާނެކަމާމެދު ޝައްކީ. އެތާނގަ ގިނަވާނީ ވިޔަފާރިވެރިން. އެމީހުން ތިޔަކަށް ޤަބޫލެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454