މިނިމަމް ވޭޖު ހަގީގަތަކަށް ވާނެ ބާ؟

މަސައްކަތްތެރިންގެ ހައްގުތަކަށް ވުރެ ބޮޑަށް އިސްކުރަންވީ އެއްވެސް ކަމެއް ރާއްޖޭގައި އޮތް ކަމަކަށް އައިޝަތު ރުޚުސާނާ ގަބޫލެއް ނުކުރައްވަ އެވެ.--ޚާއްސަކޮށް، ވަޒީފާ އަދާކުރާ މީހުންނަށް ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެ. މޯލްޑިވްސް ޕޯޓް ވާކާސް ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު ރުޚުސާނާ އެ ގޮތަށް ވިދާޅުވަނީ، އެކަށީގެންވާ އުޖޫރައެއް ނުލިބުމަކީ އެހެން ހުރިހާ މައްސަލަތަކެއްގެ ފެށުން ކަމަށް ދެކެވަޑައިގަންނަވާތީ އެވެ.


"ހަގީގަތުގައި މި ކަމާ ގުޅުން އެބަހުރި ހުރިހާ ކަމަކާ. މިއީ ވަރަށް ބޮޑަށް އެންމެން ވިސްނަން ޖެހޭ ކަމެއް،" މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ތިލަފުށީ ބަނދަރުގައި މަސައްކަތްކުރައްވާ ރުޚުސާނާ ފާހަގަކުރެއްވި އެވެ.

"މިކަން ނެތީމަ ކަންނޭނގެ، ކަންމައްޗަށް ދަރިފުޅު ބާކީވެފައި އެ ހުންނަނީ ވެސް. މަންމަ އާއި ބައްޕައާ ދެ މީހުން ދުވާލު ހަތަރުދަމާއި ރޭގަނޑު ހަތަރުދަމު ވަޒީފާގައި، ދަރިފުޅަށް ދޭނެ ވަގުތެއް ނެތިފައި. އަޅުގަނޑުމެން ބޭނުންވަނީ މި ނޫން ދިރިއުޅުމެއް."

މަސައްކަތްތެރިންގެ ހައްގުތަކަށާއި މަސައްކަތްތެރިންނަށް އިންސާފު ހޯދައިދިނުމަށް ރުޚުސާނާ ވަކާލާތުކުރައްވަނީ އެ ސަބަބާ ހެދި އެވެ. އޭނާ އަށް ފެނިވަޑައިގަންނަވަނީ ވަޒީފާތަކުގައި އުޅޭ ގިނަ މީހުންނަށް، އެކަށީގެންވާ އަދަދަކާ ގާތްކުރާ ވަރުގެ މުސާރައެއް ވެސް ނުލިބޭ ތަނެވެ.

"ކުދިކުދި ތަންތާނގައި މީހުން މަސައްކަތުގައި އުޅެނީ ވަރަށް ހާލުގައި. ޕްރައިވެޓް ސެކްޓާގައި އެންމެ 1،800 ނުވަތަ 2،000 ރުފިޔާ ދީފައި ވެސް އެބަ މަސައްކަތްކުރުވާ،" ރުޚުސާނާ ފާހަގަކުރެއްވި އެވެ.

"ދެން މިހާރު އެބަހުރި ވަރަށް ބޮޑެތި ކުންފުނިތައް ވެސް. ކޮންމެ މީހަކާ ބައްދަލުވިޔަސް ބުނެލާނީ އެ ތަންތަނުގައި ހުރި މައްސަލަތަކުގެ ވާހަކަ."

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. "އިގްތިސޯދީ ކަންކަމަށް ރިއާޔަތްކުރެވި، އެންމެ ދަށް އަސާސީ މުސާރަ (މިނިމަމް ވޭޖު) ގިންތިކުރެވިގެން ކަނޑައެޅޭނެ" ކަމަށް ވެރިކަންކުރާ ކޯލިޝަންގެ މެނިފެސްޓޯގައި ލިޔެފައި ވެސް ވެ އެވެ. އެ މެނިފެސްޓޯގައި ބުނެފައި ވަނީ "އެއްވެސް ދިވެހި މަސައްކަތްތެރިއަކީ އަނެކެއްގެ ތައްޕާހުން އުޅެން ނުޖެހޭ ވަރުގެ މުސާރައިގެ އޮނިގަނޑެއް ގާއިމްކުރެވޭނެ" ކަމަށެވެ.

100 ދުވަހުގެ އެޖެންޑާއަކަށް ނޭރި

މިނިމަމް ވޭޖު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާކުރަން، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކަމާ ގުޅޭ ފަރާތްތައް އެއް މޭޒެއް ދޮށަށް ގެންނަވާނެ ކަމަށް ރައީސް އިބޫ ކެމްޕެއިން ތެރޭގައި ވިދާޅުވެފައިވެ އެވެ. އެކަމަކު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާ އިއުލާންކުރި އިރު އޭގައި މިނިމަމް ވޭޖުގެ އެއްވެސް ވާހަކައެއް ލިޔެފައި ނެތުމަކީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާތަކުގެ ކަންބޮޑުވުމެކެވެ. އެ މީހުން ދެކޭ ގޮތުގައި ފުރަތަމަ 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި މިނިމަމް ވޭޖު ހިމެނި ނަމަ، އެއީ ސަރުކާރުން އިސްކަން ދޭ ވައުދެއް ކަމުގެ އިތުބާރު ބޮޑުވީހެވެ.

ރައީސް އިބޫގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ސަރުކާރުން އެކަން ކޮށްފައި ނުވަނީ މިނިވަން ވޭޖު ކަނޑައެޅުމަކީ "100 ދުވަހުން އަވަސް އަރުވާލައިގެން ކުރާ ވަރަށް ވުރެ ސީރިއަސް" ކަމަކަށް ވާތީ ކަމަށެވެ.

"ތަންކޮޅެއް ބޮޑަށް ވިސްނުންތެރިކަން ބޭނުންވާ ކަހަލަ ކަމަކަށް ވާތީ 100 ދުވަހުގެ އެޖެންޑާގައި ލިޔެފައި ނެތީ،" ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، މިނިމަމް ވޭޖު ކަނޑައެޅުމާއި އިންކަމް ޓެކްސް ނެގުން ހިމަނާފައި ނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ހޫދު ވިދާޅުވި އެވެ.

"ރިއަލިސްޓިކަލީ އެކަމެއް [100 ދުވަސް ތެރޭ] ނުވެސް ކުރެވޭނެ."

އެކަމަކު ޖަމްއިއްޔާތަކުގެ ޑިމާންޑަކީ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅުމެއް ނޫނެވެ؛ އެކަމަށް މަސައްކަތް ފަށައިގަތުމެވެ. ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ފާހަގަކުރައްވާ ގޮތުގައި 100 ދުވަހުގެ އެޖެންޑާގައި "މަސައްކަތްތެރިންނަށް އެކައްޗެއް ވެސް ނެތް"ކަން އެއީ މައްސަލައެކެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން މިއީ ދިރާސާތަކެއް ކުރަން ޖެހޭ ކަމެއްކަން. އަލަށް މި އުޅެނީ މިކަން ކުރަން ރާއްޖޭގައި،" މިނިމަމް ވޭޖު ކަނޑައެޅުމާ ބެހޭ ގޮތުން ނޮވެމްބަރު 28ގައި "މިހާރު"އާ ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވި އެވެ.

"އެހެންވީމާ އެންމެ ކުޑަވެގެން، މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ފެއްޓުމަކީ ވެސް މަސައްކަތްތެރިން ހިތްހަމަޖެހޭނެ ކަމެއް."

ކަންބޮޑުވުމަކީ އެއީ ކަން ފާހަގަކުރުމުން ހޫދު ވިދާޅުވީ އެޖެންޑާގައި ލިޔެފައި ނެތަސް، މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ވެސް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އެކަމުގެ އިޝާރާތެއް މިދިޔަ ހަފްތާގައި ވަނީ ލިބިފަ އެވެ.

މިނިސްޓަރު ވޭޖު ބޯޑުގެ އިންތިޒާރުގައި

ވަޒީފާއާ ގުޅޭ ކަންކަން ވަކިން ބަލަހައްޓާނެ ލޭބަ މިނިސްޓްރީއެއް އުފައްދާފައި ނެތުމަކީ އާ ސަރުކާރާ މެދު ބޮޑެތި އުއްމީދުތަކެއް ކޮށްގެން ތިބި، މަސައްކަތްތެރިން ބައިވެރިވާ އަމިއްލަ ޖަމްއިއްޔާތަކަށް ކުރިމަތިވި ފުރަތަމަ ނުތަނަވަސްކަމެވެ. އަދި އެ މެންޑޭޓު އޮތީ ކޮން ވުޒާރައަކަށްކަން ނޭނގި ތިއްބާ، ސަރުކާރު ވެރިކަމަށް އައިތާ ދެ ހަފްތާ ފަހުން އެނގުނީ އެ މަސްއޫލިއްޔަތު އަދާކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމެވެ.

ޓީމް އިން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހުށަހަޅައިފަ އެވެ. އަދި އެ ޖަމްއިއްޔާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި، މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ފަށައިގަންނަން ބޭނުންވާ ވޭޖު ބޯޑު ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެކުލަވައިލެވޭނެ ކަމަށް އެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވި އެވެ.

އޭގެ ދެ ދުވަސް ފަހުން ބުދަދުވަހު ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވަނީ އެ ބޯޑު އެކުލަވާލައްވައިދެއްވުމަށް އޭނާ ރައީސް އިބޫ އަރިހު އެދިވަޑައިގެންނެވިކަން ހާމަކުރައްވައިފަ އެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުގައި "އިންސާފުވެރި އަދި ހަމަޖެހޭ ނަތީޖާއެއް ނެރުމަށްޓަކައި އިންޑަސްޓްރީތަކާއި މަސައްކަތްތެރިންނާ އެކު ހަރުދަނާ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

ގާނޫނު އޮންނަތާ އެތައް އަހަރެއް

މިނިމަމް ވޭޖުގެ މައްސަލައިގައި ބޮޑު މާޔޫސްކަމެއް އުފެދިފައި އޮންނަނީ، 2008ގައި ތައާރަފްކުރި ވަޒީފާއާ ބެހޭ ގާނޫނުން އެކަމަށް ފުރުސަތު ލިބުނުތާ އެތައް އަހަރެއް ވީ އިރު ވެސް އެއްވެސް ސަރުކާރަކުން އެކަން ކޮށްފައި ނުވާތީ އެވެ. ގާނޫނުގައި އޮންނަ ގޮތުން އެ މަސައްކަތް ފެށެނީ ވޭޖު ބޯޑެއް އެކުލަވާލާ ހިސާބުންނެވެ. ވިޔަފާރިކުރާ ތަންތަނުގަ އާއި އެ ނޫން ވެސް މަސައްކަތު މާހައުލުތަކުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑެއް އޮންނަން ވަޒީފާ ގާނޫނު ލާޒިމްކުރެ އެވެ.

ވަޒީފާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކު އުފުއްލަވާ މިނިސްޓަރަކަށް ވޭޖު ބޯޑުން ދޭ ލަފާ ދިރާސާކުރުމަށް ފަހު، ވަކި މަސައްކަތަކާ ގުޅޭ ގޮތުން ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގޮތުން، ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ބާތިލްކުރުމުގެ ގޮތުން، މިނިސްޓަރަށް އަމުރެއް ނެރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އެ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރު ގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެ އެވެ. އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅަން މިނިސްޓަރު ކުރާ އަމުރު މަދުވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން މުރާޖައާކުރަން ވާނެ ކަމަށް ވެސް ގާނޫނު ބުނެ އެވެ.

އެއާ އެކު ގާނޫނުގައި އޮންނަ ގޮތުން، ވަޒީފާ ދޭ ފަރާތުން މުވައްޒަފަކަށް މިނިމަމް ވޭޖަށް ވުރެ ކުޑަ އުޖޫރައެއް ދިނުމަކީ ކުށެކެވެ. އަދި އެ ކުށް ކުރާ ފުރަތަމަ ފަހަރު 1،000 ރުފިޔާއާ ހަމައަށް، ދެވަނަ ފަހަރު 1،000-3،000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި މަދުވާ އުޖޫރަ މުވައްޒަފަށް ދޭން އަމުރުކުރުމުގެ ބާރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިބިގެންވެ އެވެ.

އެމްޕީއެލްގެ ދެ މުވައްޒަފަކު ބަހުގެ ޚިދުމަތް ދެނީ. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންކަމް ޓެކްސް އަށް ޓަކައި ގުރުބާން ކޮށްފާނެ؟

އިކޮނޮމިކް މިނިސްޓަރާ ބައްދަލުވެ ވާހަކަދެކެވުމަކީ ޓީމް އަށް ލިބުނު ހިތްހަމަޖެހުމެކެވެ. މައުރޫފް ވިދާޅުވީ ފައްޔާޒަށް "މި ވަގުތަށް ދެއްވެން ހުރި މިންވަރަށް ކޮމިޓްމެންޓް ދެއްވި" ކަމަށާއި އެކަން ބަލައިގަންނަ ކަމަށެވެ. އެކަމަކު އެ ބައްދަލުވުމުގެ ކުރިން ވާހަކަދެއްކެވި އިރު މައުރޫފް ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ މުއްސަނދިންގެ މަސްލަހަތާ ގުޅިފައިވާ މުހިއްމު ދެ ވައުދެއް އެކުއެކީގައި ފުއްދިދާނެތޯ އެއީ ސުވާލެއް ކަމެވެ. އެއީ މިނިމަމް ވޭޖު ކަނޑައެޅުމާއި އިންކަމް ޓެކްސް ނެގުމެވެ.

"އަޅުގަނޑުމެންނަށް އަޑުއިވެނީ ވިޔަފާރިވެރިން އެއްބަސްވަނީއޭ މިނިމަމް ވޭޖާއި ލޭބަ މިނިސްޓްރީއާ ނަހަދަންޏާ ތިމަންނަމެން އެއްބަހޭ އިންކަމް ޓެކްސް ނަގަން. ކުރިން ވެސް އެ މައްސަލަ އެ ގޮތަށް ދިމާވި. އެމްޑީޕީ ވެރިކަމުގައި ޓެކްސް ތައާރަފްކުރި އިރު އަޅުގަނޑުމެން ބައްދަލުވުންތަކަކަށް ހާޒިރުކޮށްފައި ބުނި، ތިމަންނަމެން ބޭނުން ވަނީ މިނިމަމް ވޭޖޭ ނުވަތަ ޓެކްސް ނިޒާމޭ،" މައުރޫފް ވިދާޅުވި އެވެ.

"އޭރުގައި ވިޔަފާރިވެރިން އެއްބަސްވީ ޓެކްސް ނިޒާމަށް ކަމަށް ވާތީ މިނިމަމް ވޭޖަށް ވުރެ ޓެކްސް ނިޒާމް ރަނގަޅު ކަމަށް. އެހެންވީމާ މިހާރު ވެސް އެކަހަލަ އެއްޗެއް ކުޅޭ ކަމަށް އަޅުގަނޑުމެންނަށް އެބަ ތުހުމަތުކުރެވޭ."

އިންކަމް ޓެކްސް ނަގަން ތާއީދުކޮށް ބައެއް މަހުޖަނުން މީޑިއާގައި ވާހަކަ ދައްކާފައި ވާތީ އެ ތުހުމަތަށް ބާރު ލިބޭ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. މައުރޫފް ވިދާޅުވީ އިންކަމް ޓެކްސް އަށް ޓަކައި ސަރުކާރުން މިނިމަމް ވޭޖު ގުރުބާންކުރުމަކީ "ހަމަ ހިނގުން ވަރަށް އެކަށީގެންވާ ކަންތައް" ކަމަށެވެ.

"އޭރުން ވިޔަފާރިވެރިންނަށް ވަރަށް ފަސޭހަވާނެތާ! މިނިމަމް ވޭޖަކީ އޭގެ ޒާތުގައި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ބުރައެއް. އެކަމަކު އިންކަމް ޓެކްސް ގެންނަންޏާ އެ މީހުން ބޭނުން އަދަދަކުން ފެއްޓިދާނެ،" އޭނާ ފާހަގަކުރެއްވި އެވެ.

އެކަމަކު އާ ސަރުކާރާ އެކު މިނިމަމް ވޭޖާ މެދު އުއްމީދު ވަނީ އާވެފަ އެވެ. އެ އުއްމީދު ފެނަށް ވެގެން ދިޔުމަކީ އެތައް ހާސް މަސައްކަތްތެރިންނާއި އެ މީހުންގެ ހައްގުގައި މަސައްކަތްކުރައްވާ ރުޚުސާނާ ފަދަ ބޭފުޅުން ދެކެން ބޭނުންވާނެ ތަނެއް ނޫނެވެ.

"އާއްމު ދިވެހި ރައްޔިތަކު 20-30 އަހަރު ވަންދެން ވަޒީފާ އަދާކޮށްފައި ދާއިރު ދަނީ ވަރަށް ބޮޑު މާޔޫސްކަމަކާ އެކު. ގިނަ މީހުން ދަނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތި،" ރުޚުސާނާ ވިދާޅުވި އެވެ.

"ގިނަ މީހުން ދަނީ ބަލި އެނދުގައި. ދެން ފެންނާނީ އެ މީހާ އަށް ބޭސްފަރުވާކުރަން ދަރިން ސަލާންޖަހަން އުޅޭ މަންޒަރު. އަލަށް ވަޒީފާ އަށް ވަދެ ދަށް މުސާރައިގައި އުޅޭ އޭނާގެ ކުދިންނަށް ޖެހޭނީ މީހުން ކައިރީގައި އާދޭސްކުރަން ދުވަން. އެހެންވީމާ މަސައްކަތްތެރިންނަށް އެދެވޭ އުޖޫރައެއް ދީގެން ނޫނީ މި ކަހަލަ އެއްވެސް ކަމަކަށް ހައްލެއް ނާންނާނެ."