ލައިފްސްޓައިލް

މި އެއްމާބަނޑު ދެބެއިން އުފަންވި އިރު ސިފަ އެއްގޮތް

އާއިލީ ގޮތުން ވާރުތަވާ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ އައިޑެންޓިކަލް ޓުވިންސް

03 ސެޕްޓެމްބަރ 2016 - 07:36

އެންމެ ތުއްތުއިރު އެޑަމް އާއި ނީލް ޕިއާސަން ވައްތަރުކަމުން އެކުދިންގެ މަންމައަށް ވެސް ބައެއް ފަހަރު އޮޅެ އެވެ. ނަމަވެސް އެ ދެ ކުދިން މިހާރު ބޮޑުވެފައި ވާއިރު އެއީ ގުޅުމެއް ހުރި ދެ ކުދިން ކަމަށް ގަބޫލުކުރަން ވެސް ދަތިވާ ވަރަށް ސިފަ ތަފާތެވެ.

ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން ކުޑައިރުއްސުރެ، އެއްވެސް ކޮންޓްރޯލެއް ނެތި އެޑަމްގެ މޫނުގައި އުފެދެމުންދިޔަޓިއުމަރުތަކެއްގެ ސަބަބަން އޭނާގެ މޫނުގެ ސިފަ މުޅިން ގެއްލުނީ އެވެ. މިހާރު 31 އަހަރު ވެފައިވާ އެޑަމް ޓިއުމަރުތައް ނަގަން މިހާތަނަށް 33 އޮޕަރޭޝަން ކޮށްފައި ވިޔަސް އޭނާގެ އެއްލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. އަނެއް ލޯވެސް ދަނީ އަނދިރިވަމުންނެވެ.

އެޑަމްގެ މޫނުގެ ސިފަ ގެއްލިފައިވާލެއް ބޮޑުކަމުން، ސްކޫލްގައި އުޅުނުއިރު ވަރަށް ގިނަ ކުދިންގެ މަލާމާތް ރައްދުވި އެވެ. ތަފާތު ހުތުރު ނަންނަމުން ބައެއް ކުދިން އޭނާއަށް ގޮވާ ހަދަ އެވެ. ނަމަވެސް އޭނާ ބޮޑުވެގެން ވެފައި ވަނީ ޓީވީ ޕްރެޒެންޓަރަކަށެވެ. އަދި އޭނާ ކަހަލަ ސިފަ ގެއްލިފައިވާ މީހުންގެ ހިމާޔަތުގައި ކެމްޕެއިން ކޮށްދޭ މީހަކަށެވެ.

އޭނާގެ ބޭބެ ނީލްގެ ވެސް ހަމަ މި ބަލި އެބަހުއްޓެވެ. ނަމަވެސް ޓިއުމަރުތައް އުފެދެނީ އޭނާގެ މޫނަކު ނޫނެވެ. އޭނާއަށް ހަނގުރާމަކުރަން ޖެހިފައިވަނީ ވެއްޓޭ ބައްޔާއި ހަނދާން ނެތުމާ އެވެ. އޭނާގެ ހަނދާން ބަލިކަމުގެ އިންތިހާއެވެ. ދުވަސް ވެސް ހަނދާނެއް ނުހުރެ އެވެ.

މި ދެބެއިންނަށް ޖެހިފައިވާ ބައްޔަކީ ޓައިޕް 1 ނިއުރޯފައިބްރޯމެޓޯސިސް (އެންއެފް1) އެވެ. މި ބަލި ޖެހެނީ ކޮންމެ 3،000 މީހަކުން އެކަކަށެވެ.

އެޑަމް އެކުވެރިންނާ އެކު ޝޯއެއްގައި ބައިވެރިވަނީ

މި ދެ މީހުންގެ ބައްޔަކީ ސިއްހީ ތަޖުރިބާކާރުން ވެސް ހައިރާންވެ ބަސް ހުއްޓެން މެދުވެރިވެފައިވާ ކަމަކަށް ވަނީ ވެފަ އެވެ. ހަމައެކަނި މި މީހުންގެ ބައްޔާ ބެހޭ ގޮތުން ވެސް ބޮޑެތި ރިސާޗް ކަރުދާސްތައް ލިޔެފައި ވެ އެވެ.

މި ދެބެއިން ވަނީ އެމީހުންގެ ވާހަކަ ޑޮކިއުމެންޓްރީއެއްގެ ގޮތުގައި ނެރެފަ އެވެ. "ހޮރައިޒަން: މައި އެމޭޒަން ޓުވިން" ކިޔާ މި ޑޮކިއުމެންޓްރީގައި ދައްކާނީ ޖެހިފައިވާ ބަލީގެ ސަބަބުން މުޅި ދިރިއުޅުން ބަރުބާދުވަމުންދާ ގޮތާއި ފަރުވާއެއް ހޯދުމަށް ނުވަތަ ބަލި އިތުރަށް ބޮޑުވަރު ނުވެ ބެހެއްޓޭތޯ ބެލުމަށް ކުރަމުންދާ މަސައްކަތެވެ.

އެޑަމް އަކީ މިހާރު ވަރަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން ޝޯތައް ޕްރޮޑިއުސް ވެސް ކުރާ މީހެކެވެ. އޭނާ ހުށަހަޅައިދޭ ޝޯތަކުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަދި "ދަ އަންޑޭޓެބްލްސް" ހިމެނެ އެވެ.

އޭނާ ވަނީ ސްކާލެޓް ޖޯންސަން އާއެކު "އަންޑާ ދަ ސްކިން" ކިޔާ ފިލްމެއްގައި ބައިވެރިވެފަ އެވެ. މިއީ ތަފާތު ބަލިތައް ޖެހިގެން މޫނުގެ ސިފަ ގެއްލިފައިވާ މީހުންގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.

މިދިޔަ އަހަރު ސްލޮވޭކިއާގެ ޑައިރެކްޓަރަކު ވަނީ ސިސްޓޭ ޓްވޭރީޒް ބޭންޑްގެ މިއުޒިކް ވީޑިއޯއެއްގެ ތަރިއަކަށް ވުމަށް އެޑަމް އަށް ދައުވަތު ދީފަ އެވެ.

އެޑަމް އާއި ނީލް އުޅެ ބޮޑުވީ އެމީހުންގެ މައިންބަފައިންނާއެކު ސައުތު ލަންޑަންގެ ކްރޯއިޑޮންގަ އެވެ. މި މީހުންގެ މަންމަ ބުނެފައިވާ ގޮތުގައި ކުޑައިރު ދެ މީހުން ވެސް ތިބީ ރީތިކޮށެވެ. ބަލީގެ އަލާމާތްތައް ފެންނަން ފެށީ އެމީހުންގެ އުމުރުން ފަސް އަހަރުގަ އެވެ.

"އެއްދުވަހު އެޑަމް ވެއްޓި ނިތްކުރީގައި ގޮނބި ލީ. ނަމަވެސް އެ ގޮނބި ދުވަހަކުވެސް ފިލައިގެނެއް ނުދިޔަ،" އެމީހުންގެ މަންމަ ބުނެފައިވެ އެވެ.

އެޑަމް އާއި ނީލް އަކީ އައިޑެންޓިކަލް ޓުވިންސް ނަމަވެސް ބައްޔެއްގެ ސަބަބުން އެޑަމްގެ މޫނު ވަނީ މުޅިން އައިބުވެފައި

އެހެންވެ ހޮސްޕިޓަލަށް ދައްކައިގެން ސްކޭންކުރުމުން ކަރު ތެރޭގައި ނޭވާލާ ހޮޅި ބްލޮކްވާ ގޮތަށް ބޮޑު ޓީއުމަރެއް އިންކަން އެނގުނެވެ. އޭގެ ފަހުން ޓިއުމަރުތައް ނަގަން ވަރަށް ގިނަ އޮޕަރޭޝަންތައް ކުރި ނަމަވެސް ނަގާ ވަރަށް ވުރެ ގިނައިން އެ އެއްޗެތި އުފެދެމުން ދިޔަ ކަން އެމީހުންގެ މަންމަ ފާހަގަކުރި އެވެ.

ނީލް އަށް އެންމެ ކުރިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ އާއިލާއިން ހީކުރީ އޭނާ ސަލާމަތްވީ ކަމަށެވެ. ނަމަވެސް ތަންކޮޅެއް ފަހުން ނަމަވެސް އޭނާގެ ވެސް އެ ބަލި ހުރިކަން އެނގުނެވެ. ނަސީބަކުން އެޑަމް ގޮތަށް އޭނާގެ މޫނުގެ ސިފަ ބަދަލެއް ނުވެ އެވެ. އެހެންކަމުން އެޑަމް އަށް ވުރެ އޭނާއަށް ދިރިއުޅެން ފަސޭހަކަން ނީލް ފާހަގަ ކުރި އެވެ.

ސްކޫލްގައި ކުދިން ބުލީކުރުމާއި މަލާމާތްކުރުން ނީލްއަށް ވުރެ ބޮޑަށް އަމާޒުވީ އެޑަމް އަށެވެ. ނަމަވެސް އެޑަމްގެ ހިތްވަރަށް ނީލް ތައުރީފުކުރި އެވެ. އަދި ކުދިންގެ މަލާމާތަށް މަޖާ އެއްޗެއް ބުނެލާފައި އަޅާނުލާ ހުންނަން އެޑަމް އަށް އެނގޭތީ ނީލް ވަރަށް ހައިރާންވެ އެވެ. ނަމަވެސް އެޑަމް ފަދައިން އޭނާގެ މޫނަށް ވެސް އެހެން ވެދާނެތީ އަބަދުވެސް ނީލް ވަރަށް ބިރުގަނެ އެވެ.

ނީލްގެ ހަނދާން ނެތުމުގެ މައްސަލަ ހުރިކަން ޑޮކްޓަރުންނަށް ފާހަގަވިތާ އެއް އަހަރު ވީއިރު އޭނާ އަށް ވަނީ ވެއްޓޭ ބަލި ވެސް ޖެހިފަ އެވެ. ފިޓްޖެހުން އާއްމުކަމަކަށް ވި އެވެ.

އެޑަމް މިހާރު ވަނީ އެމެރިކާގެ މެޑިކަލް ޓްރައަލްއެއްގައި ބައިވެރިވެފަ އެވެ. ނަމަވެސް ފަރުވާގެ ފަހުން ވެސް އެޑަމްގެ ލޮލުގެ ފެނުން ނުގެއްލޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންކަމުން މޫނު ރީތިކުރުމާއި ލޮލުގެ ފެނުން ސަލާމަތްކުރުމުގެ ތެރެއިން ކޮންމެވެސް އެއް ކަމެއް ޚިޔާރުކުރަން ވަނީ ޖެހިފަ އެވެ.

0 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 92%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454