ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް: އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ/މިހާރު
08 މެއި 2019 - 12:47
ރާއްޖޭގައި އަލަށް ހަދާ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ފަސް އަހަރަށް އައްޔަންކުރާ އެ މަގާމުގެ ޝަރުތަކީ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ އާބިޓްރޭޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައި ވުމާ އެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ ތަޖްރިބާ ލިބިފައި ހުރުމެވެ.
އެ މަގާމަށް އައްޔަން ކުރާ ފަރާތަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،000ރ. ލިބޭނެ އެވެ.
އާބިޓްރޭޝަން ގާނޫނު ބުނާ ގޮތުން އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯއަކީ އާބިޓްރޭޝަން ސެންޓަރުގެ ހުރިހާ އިދާރީ ކަންކަން ހިންގައި، ބަލަހައްޓާ ފަރާތެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރާނީ އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ ލަފާގެ މަތިން އެ ބޯޑުގެ ޗެއާމަނެވެ.
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ދާދި ފަހުން ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އައްޔަން ކުރައްވައިފަ އެވެ. އެގޮތުން އެ ބޯޑުގެ ޗެއާމަނަށް ވަކީލް ޝަހުދީ އަންވަރު އައްޔަން ކުރައްވައި، އެ ބޯޑުގެ މެމްބަރު ކަމަށް ހުސައިން ސިރާޖާއި ސަފާ ޝަރީފް ވަނީ ހަމަޖައްސަވައިފަ އެވެ.
އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ތަސްދީގުކުރިޔަސް ރާއްޖޭގައި އެ ނިޒާމް އަދި ރަނގަޅަށް ފަށައެއް ނުގަނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުންނާރު
08 May 2019
ވިޔަފާރި މަރުކަޒެއް..ވަރަށް ފައިދާ ވާނެ އެވެ. އިންސާފު ލިބޭނެ ކަމެއް ނޭގެއެވެ.ހަމަޔާޤީނުން ވެސް ލާރި ލިބޭނެ އެވެ.
ޚުރާ
08 May 2019
ކަނޑޫދޫ މިރުސްކޮޅެށް ހޯދަބަލަ
ހަސަން ނުވަވަނަ
08 May 2019
ބޮލުން ފެށިގެން ފައިގެ ބޮޑުވައިއިނގިއްޔާ ހަމައަށް ރީނދޫ ވަށައިގެން ހުރި ކަންމަތީ އެކްޓިވިސްޓަކު ރަނގަޅުވާނެ