ބޮލިވިއާ ކުޅުންތެރިއަކު ކައިރިން ފްރާންސްގެ އެމްބާޕޭ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
03 ޖޫން 2019 - 09:49
ނޯންޓްސް، ފްރާންސް (ޖޫން 3) - އަންނަ އަހަރުގެ ޔޫރޯގެ ކޮލިފައިންގައި ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޮލިވިއާ އަތުން 2-0 އިން ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވިއިރު، އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެ އެވެ.
ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ފްރާންސަށް ލީޑުނަގައިިދިނީ އެތުލެޓިކޯ މެޑްރިޑްގެ ވިންގް ތޯމަސް ލެމާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންޓޮއިން ގްރީޒްމަން ވަނީ ފްރާންސްގެ ލީޑުފުޅާކޮށްދީފަ އެވެ. މި ގޯލާ އެކު ގްރީޒްމަން ވަނީ ފްރާންސް ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިިދިން ކުޅުންތެރިންގެ ލިސްޓުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. ގްރީޒްމަން ވަނީ މިހާތަނަށް ގައުމީ ޓީމަށް 29 ލަނޑު ޖަހައިދީފަ އެވެ.
ޓްރާންސްފާ މާކެޓްގައި މި ވަގުތު ގިނަ ޓީމުތަކެއްގެ ލޯ އަމާޒުވެފައިވާ ގްރީޒްމަން ރޭގެ މެޗަށް ފަހު ބުނީ ކޮންމެ ޓީމެއް ވެސް މިހާރު ފްރާންސާ ދެކޮޅަށް ކުޅެނީ ޑިފެންސިވް ގޭމެއް ކަމަށާއި އޭގެ ސަބަބުން ނަތީޖާ ނެރެން އުނދަގޫވާ ކަމަށެވެ.
މެޗުން މޮޅުވި ނަމަވެސް ފްރާންސަށް ކުރިމަތިވި ކަންބޮޑުވުމަކީ އެމްބާޕޭގެ ކުޑަހުޅަށް އަނިޔާވުމެވެ. އަނިޔާގެ ސަބަބުން އެމްބާޕޭ ދެ ވަނަ ހާފްގައި ނުކުޅެ އެވެ. ޔޫރޯ ކޮލިފައިންގައި އަންނަ ހޮނިހިރު ދުވަހު ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ ފިޓްވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރޭގެ މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
ޔޫރޯ ކޮލިފައިންގެ ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ފްރާންސާއި ދެ ވަނައިގައި އޮތް ތުރުކީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އައިސްލޭންޑާއި މޮލްޑޯވާގެ މައްޗަށް ފްރާންސުން ކުރިހޯދިއިރު، ތުރުކީ އިން ވަނީ އަލްބޭނިއާ އާއި މޮލްޑޯވާ ބަލިކޮށްފަ އެވެ. ހޮނިހިރު ދުވަހު ތުރުކީގެ ކޮންޔާގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗަކީ މި ގްރޫޕުގެ އެއް ވަނައިގައި ލީޑުނެގުމަށް މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
03 June 2019
ތީކޯޗް ތަ؟
ހަގީގަތް
03 June 2019
ތިއިކީ މައްސަލައެއްނޫން. ޑެމްބެލޭ ކޫމަން އަދި ގްރީޒްމަން ކުރިޔަށް ލައިގެން މާ ރީއްޗަށްވެސް ތުރުކީ ބަލިކުރެވޭނެ.