05 ޖޫން 2019 - 11:30
ލިޒްބަން (ޖޫން 5) - ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ އަމިއްލަ ގައުމުގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުންނައިރު މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ޕޯޗުގަލުން މަސައްކަތްކުރާނީ ހަމައެކަނި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބަރޯސާވެެގެން ނޫން ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.
ޔުއެފާ އިން މިދިޔަ އަހަރު މުޅިން އަލަށް ފެށި ނޭޝަންސް ލީގުގެ ސެމީ ފައިނަލް ދެ މެޗާއި ތިން ވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗު ކުޅެން ހަމަޖެއްސީ ޕޯޗުގަލް އެވެ. ޕޯޗުގަލް އިން މި މުބާރާތުގެ ސެމީން ފުރުސަތު ހޯދީ އެ ޓީމުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ރޮނާލްޑޯ ނުލަ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި ރޮނާލްޑޯ އަލުން ޓީމާ ގުޅުނީ މި އަހަރުގެ މާޗް މަހު ކުޅުނު ޔޫރޯ ކޮލިފައިން މެޗުތަކަށެވެ.
"އަހަރެމެންނަށް އޮތް ފަސޭހައެއް އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ މި ޓީމުގައި ހުރުމަކީ. ރޮނާލްޑޯ ފަދަ ގޯލް ޖަހާ މެޝިނެއް ހުރުމަކީ ވަރަށް ބޮޑު ހިތްވަރެއް. އެކަމަކު އަހަރެމެން މި މުބާރާތުގެ ސެމީން ފުރުސަތު ހޯދީ ރޮނާލްޑޯ ނެތި. މި މުބާރާތް ކާމިޔާބުކުރަން އަމާޒުހިފާނީ ހަމައެކަނި ރޮނާލްޑޯ އަށް ބަރޯސާވެގެނެއް ނޫން. ޓީމެއްގެ ގޮތުގައި،" މިހާރު ޕޯޓޯ އަށް ކުޅެމުން އަންނަ ޕެޕޭ ބުންޏެވެ.
ޕޯޗުގަލް ފުޓްބޯޅައިގެ ތަޖުރިބާކާރު އަދި ސްވަންސީ ސިޓީގެ ކުރީގެ ކޯޗު ކާލޯސް ކާވަހާލް ބުނީ ޕޯޗުގަލްގައި މި ވަގުތު ތިބި ޒުވާން ކުޅުންތެރިންނަކީ ކުރިއަށް 10 އަހަރު އެ ޓީމުގައި ތިބޭނެ ކުޅުންތެރިން ކަމަށާއި މި ފަހަރު ނޭޝަންސް ލީގުގައި އެ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރާކަމަށެވެ.
އެ ކުޅުންތެރިންނަކީ ބެންފީކާގެ އުއްމީދީ މިޑްފީލްޑަރު ޔާއޯ ފެލިކްސް އާއި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ސްޕޯޓިންގެ ބްރޫނޯ ފެނާންޑޭސް އާއި ވުލްވްސްގެ ޑިއޯގޯ ޔޮޓާ އާއި ރުބެން ނެވޭސްގެ އިތުރުން ވެލެންސިއާގެ ގޮންކާލޯ ގުއޭޑޭޝް އެވެ.
ޓީމުގައި މި ފަހަރު ވެސް ހިމެނޭ ތަޖުރިބާކާރު ޑިފެންޑަރު ހޯސޭ ފޮންޓޭ ބުނީ ރޮނާލްޑޯ އަކީ ޓީމުގެ ލީޑަރެއް ކަމަށާއި ޒުވާން ކުޅުންތެރިންނަށް މަގު ދައްކައިދޭން އޭނާ ހުރުން މުހިއްމު ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރެވުނީ ވެސް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށާއި ނޭޝަންސް ލީގުގެ ފުރަތަމަ ތަށި އުފުލާލަން ބޭނުންވާ ކަމަށް ފޮންޓޭ ބުންޏެވެ.
ޔޫރަޕުގެ ގަދަބާރުތަކުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ އުމުރުން 19 އަހަރުގެ ޔާއޯ ފެލިކްސް އަށް މި ފަހަރު ޕޯޗުގަލް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތުދޭނެ ކަމަށް ބެލެވޭއިރު، އޭނާ ހުރީ ރޮނާލްޑޯއާ އެކު ޓީމަށް ކުޅެލުމަށް ކެތްމަދުވެފަ އެވެ.
ސްވިޒަަލެންޑުން ނޭޝަންސް ލީގުގެ ސެމީން ފުރުސަތު ހޯދީ ހައިރާންކުރަނިވި ގޮތަކަށެވެ. ކޯޗު ލަޑިމީރް ޕެޓްކޮވިޗްގެ އިރުޝާދުގެ ދަށުން ކުޅޭ ސްވިޒަލެންޑުން ވަނީ ނޭޝަންސް ލީގުގައި އެ ޓީމު ކުޅުނު ގްރޫޕްގެ ފަހު މެޗުގައި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް އަތުން ފަަހަތުން އަރައި 5-2 އިން މޮޅުވެފަ އެވެ.
ޕެޓްކޮވިޗް ބުނީ މުބާރާތުގައި މިހާރު އޮތް ހަތަރު ޓީމަށް ބަލާއިރު އޭނާގެ ނަޒަރުގައި ފޭވަރިޓަކީ ޕޯޗުގަލް ކަމަށެވެ. ދެން މުބާރާތުގައި ވާދަކުރަނީ އިންގްލެންޑާއި ނެދަލެންޑްސް އެވެ.
ޕޯޗުގަލް އާއި ސްވިޒަލެންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންޒު ކަހަބު
05 June 2019
އަހަންނަށް ހީވަނީ ތި ވާހަކަ އިވިއްޖެއްޔާ ރޮނާލްޑޯ އަންނާނީ ރުޅި ކަންނޭގެ.
ރަދީފްް
06 June 2019
ރޮނާލްޑޯއަކީ ރަނގަޅު ލީޑަރެއް، ފައްކާ ކެޕްޓަނެއް. އެކަން ފެނުނު ޔޫރޯ ފައިނަލުން. ބެންޗުގައި ހުރެގެންވެސް ކުޅުންތެރިންނަށް ދިން ހިތްވަރުން. މިއާ ޚިލާފަށް ކަހަބުމެންގެ މެސީއަށް ލީޑަރޝިޕް ނުދެއްކޭތަން ޔޫސީއެލް ސެމީގައި ލިވަޕޫލާ ކުޅުނު މެޗުން ފެނުނު. މޫނު ކުނިކޮށްގެން މުޅި ދަނޑުގައި ހިނގާލަ ހިނގާލާ ހުރިއިރު ޓީމުގެ ކުޅުންތެރިންނާ ކޮމިއުނިކޭޓެއް ނުކުރޭ. އެއަށްވުރެ ގިނައިން މެސީ ލިވަރޕޫލުގެ ކުޅުންތެރިންނާ ވާހަކަ ދެއްކި. ބަލިވުމުގެ އެެއް ސަބަބު އެއީވެސް