އިންޑިއާގެ ބޮޑުވަޒީރު މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާތީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ރާއްޖެ އާއި އިންޑިއާގެ ދިދަ ޖަހާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
07 ޖޫން 2019 - 09:49
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ އެ ގައުމުގެ އެކުވެރި ރައްޔިތުން ތަމްސީލު ކުރައްވަން ކަމަށް ވާތީ، އެމަނިކުފާނުގެ ދަތުރުފުޅު ބަލައިގަނެ މަރުހަބާ ކިޔާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.
އެކަމަކު، ހަމަ އެ ނޭވާގައި ޕީޕީއެމުން ވަނީ އެ ޕާޓީ ވެރިކަމުގައި އޮތް ދުވަސްވަރު ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ އަށް ވަޑައިގަންނަވަން ނިންމެވުމުން، އެ ދަތުރުފުޅާ ދެކޮޅަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތައް ހަނދާކޮށްދީފަ އެވެ. އެއީ ސައޫދީ އަށް ފ. އަތޮޅު "ވިއްކާލަން" އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފެތުރި ވާހަކަތަކެވެ. އެ ވާހަކަތައް އެ ސަރުކާރުން އޭރު ދޮގުކުރި އެވެ. އަދި އެހެން ކަމެއް މަތިކުރައްވައި ސަލްމާންގެ ދަތުރުފުޅު ފަހު ވަގުތު ކެންސަލް ކުރެއްވި އެވެ.
"...ހަމަ އެއާ އެކު ދިވެހިރާއްޖެ އަށް 2018 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރު މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާ ކުރައްވައި، ސަލާމަތީ ބާރުތަކަށް ދަތިވާނޭ ގޮތަށް ކަންކަން ކުރައްވާފައިވާ ކަން ހަނދާނަށް ގެންނަމުން އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް އެމްޑީޕީ އިސްވެ އޮވެގެން ހިންގާފައިވާ ނާތަހުޒީބު އަމަލުތައް ވެސް ހަނދާނަށް ގެންނަމުން، ދިވެހި ރައްޔިތުންނަށް އަދި ދިވެހިރާއްޖެ އަށް އެއްވެސް ހުތުރު ނަމެއް ލިބޭނޭ ކަމެއް މި ޕާޓީން ކުރިއަށް ނުގެންދާނޭ ކަމުގައި ދަންނަވަމެވެ.
ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ، ދެވަނަ ދައުރަކަށް މޯދީ އިންތިޚާބުވެވަޑައިގަތުމަށް ފަހު، އިންޑިއާ އިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރާއްޖެ އަށް ވަޑައިގެން ސޮއިކުރައްވާ އެއްބަސްވުންތަކުގެ މައިގަނޑު ތަފުސީލުތައް ހާމަކުރެއްވުމަށް ގޮވާލައްވައިފަ އެވެ. އެއާ އެކު، އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު "ވިއްކާލާފައި" ވާތީ މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބަލާއިރު އަނެއްކާ ވެސް އެފަދަ ކަމެއް ނިންމުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޕީޕީއެމުން ބުންޏެވެ.
ރާއްޖޭގެ ކުރީގެ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން 2014 ވަނަ އަހަރު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ: މޮދީ މާދަމާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅު ބަލައިގަންނަ ކަމަށް ޕީޕީއެމުން ބުނި.
"ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތަށް އަދި އިގުތިސޯދީ ގޮތުން ވަކި ބަޔަަކަށް ބަރޯސާވާންޖެހޭ ވަރުގެ އެއްވެސް ގެއްލުމެއް ވާނޭ ފަދަ ކަމެއް ނުކުރުމަށް ވެސް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުގެ ކަންކަން ދިވެހިރާއްޖޭގެ ސަގާފަތާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހުތިރާމް ކުރައްވައިގެން ކުރިއަށް ގެންދެވުމަށް ވެސް އިލްތިމާސް ކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.
މޯދީ މާދަމާ ހަވީރު ރާއްޖެ ވަޑައިގެން އިރުއޮއްސި 6:45 ގައި ރައްޔިތުންގެ މަޖިލިހުގައި ތަގުރީރު ކުރައްވާނެ އެވެ. އެކަމަކު، އެއީ ދެ ނަމާދު ދޭތެރޭގެ ވަގުތަކަށް ވެފައި އަދި މިއީ ގިނަ ބަޔަކު ޝައްވާލް މަހުގެ ހަ ރޯދަ ހިފާ ދުވަސްވަރު ކަމަށް ވާތީ، މަޣުރިބު ނަމާދުގެ ފުރުސަތު ނުލިބޭ ގޮތަށް މޯދީގެ ތަގުރީރުގެ އިންތިޒާމުތައް ހަމަނުޖެއްސުމަށް ވެސް ދައުލަތަށާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ޕީޕީއެމުން އިލްތިމާސް ކުރެ އެވެ.
މާދަމާގެ މަޣުރިބު ނަމާދަށް ބަންގި ގޮވަނީ 6:17 ގައި ކަމަށް ވާއިރު، ރޯދަ ވީއްލައިގެން ނަމާދަށް ފަހު، އަވަސް އަރުވާލައިގެން 6:45 އަށް މަޖިލިހަށް ވަޑައިގަތުމަކީ ދަތިކަމަށް ވެސް ވާނެ ކަމަށް އިދިކޮޅުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯދީ ތަގުރީރު ކުރައްވާ ޖަލްސާ އޮންނާނީ މަޣުރިބު ނަމާދަށް ފަހު ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ، އެ ޖަލްސާ އަށް މޯދީ ވަޑައިގަންނަވަން ބޭނުންފުޅުވަނީ މެމްބަރުން ނަމާދު ކުރެއްވުމަށް ވަގުތު ދެއްވުމަށް ފަހު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯ ރިއަލީ؟
08 June 2019
ކަލޭމެން ބަލައިގަތަސް ނުގަތަސް މޯދީ އަށް ހީނުވާނެ ކެހެރިއޭވެސް....!
ޙިސާން
08 June 2019
އެހެނެއް ނުވީސް މި ސަރުކާރާ ރީދޫ ބައިގަޑު މޭ ކަރާލީސް
ކޮތަރު
08 June 2019
ދޮގެއް ހަދާނުލާ މިބައިމީހުންނަށް ބަޔާނެއްވެސް ނުނެރެވޭ. އެއާޕޯޓެއް ވިއްކައެއްނުލާ.. 25 އަހަރަށް އެތަން ތަރައްގީކުރަން ބަޔަކާ ހަވާލްކުރީ
ހަނުހުންނަ މީހާ
08 June 2019
މިކަމުގައި ތި މީހުންނާއެކު މަގުމައްޗަށް ނުކުންނާނެ މީހަކުވެގެންތާ ނުކުމެވޭނީ. ޑާނެ މީހަކު ނެތީމަ ކިޔާއެއްޗެއްތީ
ހާމިދު ޝާހިދު
08 June 2019
އިންޑިއާއަކީ ޒަމާންވީ އެކުވެރި އަވައްޓެރިއެއް. އެކަމަކު އިންޑިއާ މީހުންނަކީ، ވަކިން ހާއްސަކޮށް ދިއްލީ ސަރުކާރަކީ، އަވަށްޓެރި ގައުމުތައް އަތްދަށުލައިގެން ކަންކުރާ ބައެއް. އެމީހުންގެ މުޅި ވިސްނުން ހުންނާނީ އެގޮތައް. އެމީހުން ބޭނުންވަނީ ރާއްޖެއަށްވެސް، ހިންދެމި ނުލެވޭވަރަށް އެމީހުންނަށް ބަރޯސާވާން. ރައީސް ޔާމީނު ކުރެއްވި ކަމަކީ، އިންޑިއާއަށް އެކަނި ބަރޯސާ ނުވެ، ދުރު އިރުމަތިން ފްރެންޑެއް ހޯދުން. އަދި އެފްރެންޑުގެ އެހީގައި ގިނަ މަޝްރުއު ހިންގުން.
ފޫހިވާ
08 June 2019
ހާމިދު ޝާހިދު ވިދާޅުވީ ވަރަށް ތާއީދު ކުރާ ވާހަކަ އެކެވެ...އެކަމަކު ރައީސް ޔާމީނަށް މަށެއް ތާއީދެއް ނުކުރަން..
ދޮންކެޔޮ ނިހާނު
08 June 2019
ޕީޕީއެމެއް އެބައޮތްތަ؟ މުޅި ގައުމުކައި ހުސްކޮށްފަ ކޮން އަނގައެއް ތަޅާކަށް. ކަލޭމެން ބަލައިނުގަތަސް ވާނީ ކޮންކަމެއް ތީ ބަޔެއްތަ؟ ބަޔަކަށް ހީނުވޭ ތީ ކަހަރުވަކެކޭވެސް.
ބޮޑުމީހާ
08 June 2019
ޕީޕީއެމްއަށް ނުވާނެ ތިކަމެއް. މުޒާހަރާއެއްކޮށްލަން ކެރެނީކީނޫން. މުޅި ގައުމު އިންޑިއާއަށް ވިކެމުންދާއިރުވެސް ތިތިބެނީ ނޫސްބަޔާން ނެރެން.
ނެޑް
07 June 2019
ކަލޭމެން ބަލައިނުގަތަސް ވާނެ ކަމެއް ނޯންނާނެ.
ހަނާން
07 June 2019
ދިވެހިރާއްޖެއަށް ހުތުރުވީ މަނީލޯނޑްރިން އާއި ކޮރަޕްޝނުގެ ހާއްޔަކަށް މިތަން ހެދީމަ
ތަލްޙަތުއަލީ
07 June 2019
ޕީޕީއެމުން މޯދީގެ ދަތުރު ބަލާނުގަތިއްޔާ ކީއް؟ އެއްޗެކޭކިޔާހިތްވެސްވޭ. އެކަމު ކިޔާނެ ނުކިޔާނެ އެއްޗެއްނޭގޭ.
ޝޮކްތެރަޕީ
07 June 2019
ޕީޕީއެމް މިނިވަންކުރަން ޖެހޭ. މިގޮތަ މިޕާޓީ ހިންގީމަ ކަމަކު ނުދާނެ.